ވިޔަފާރި

ރާއްޖެއަށް މާލީ އެހީ ދޭން އެންމެ ދީލަތީ އިންޑިއާ: އަމީރު

މާލީ ގޮތުން އެހީވުމުގައި ރާއްޖެ އަށް އެންމެ ދީލައި ގައުމަކީ އިންޑިއާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސިފަކުރައްވައިފި އެވެ.

ސަރުކާރުގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ދޭން ނިންމި، 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ގެ ހަވާލު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އިންޑިއާއިން ދިން 250 މިލިއަން ޑޮލަރު ބޭނުން ކުރާނީ ބަޖެޓު ފޫބެއްދުމާއި ކޮވިޑް-19 ގެ ރެސްޕޯސް ޕެކޭޖަށް ކަމަށެވެ. އަދި އެ ގައުމުން މިހާރުވެފައިވަނީ އެއް ފަރާ ތަކުން ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ދީލައިކޮށް އެހީވެދޭ ގައުމުގެ ގޮތުގައި ކަމަށް އޭނާ ސިފަކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިންޑިއާ އިން ދަނީ ރާއްޖެ އަށް އެކި ދާއިރާ ތަކުން އެހީތެރިކަން ވަމުން ކަމަށެވެ.

"އިންޑިއާ އިން ވަނީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް 500 މިލިއަން ޑޮލަރު [7.7 ބިލިއަން ރުފިޔާ] ދޭން ނިންމާފަ. މީގެތެރެއިން 100 މިލިއަން ޑޮލަރު [1.5 ބިލިއަން ރުފިޔާ] އަކީ ހިލޭ އެހީ،" އަމީރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން އިންޑިއާ އިން 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ދީ، 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގަވަމަންޓް ސެކިއުރިޓީޒްގެ ގޮތުގައި (ފަހުން ދައްކާ ގޮތަށް ދަރަނީގެ ގޮތުގައި) ދޫކޮށްފައިވާ ކަމަށެވެ.

"800 މިލިއަން ޑޮލަރު [12.3 ބިލިއަން ރުފިޔާ] ގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 400 މިލިއަން ޑޮލަރު [6.1 ބިލިއަން ރުފިޔާ] ގެ ކަރަންސީ ސްވޮޕްއެއް [ފަހުން ދައްކާ ގޮތަށް އިންޓެސްޓް ހިމެނޭ ގޮތަށް] ހަމަޖައްސާ ދީފައިވޭ. މިއީ މި ފަދަ ހުތޫރަތްތެރި ވަގުތެއްގައި ރިޒާވް ހަމަ ޖައްސަން ލިބުނު މުހިންމު އެހީއެއް،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިންޑިއަން އެގްޒިމް ބޭންކުގެ ދަށުން ހިންގާ، ލައިން އޮފް ކްރެޑިޓް ފެސިލިޓީ (އެލްއޯސީ) ގެ މަޝްރޫއު ތަކަށް ކުންފުނި ހޮވުމުގެ މަސައްކަތް އިންޑިއާގައި ކުރި އަށް ގެންދާނީ ވަރަށް ދެ ފުއް ފެންނަ ގޮތަކަށް ކަމަށެވެ.

"އިންޑިއާގައި ޕްރީ- ކޮލިފިނޭޝަން ޕްރޮސެސްއެއް ކުރި އަށް ގެންދެވޭނެ. އަދި ރާއްޖޭގެ ޓެންޑަ ބޯޑުން އިވެލުއޭޓް ކުރާނެ. އެހެންވުމުން ހަރަދު ކުޑަ، އަދި އެހާމެ ވާދަވެރި އަގެއް ލިބުމުގެ މަ ގުފަހިވާނެ. މުޅި ޕްރޮސެސް ކުރިއަށް ގެންދާނީ ވަރަށް ދެފުއް ފެންނަ އުސޫލެއްގެ ދަށުން،" އަމީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ވިޔަފާރި ތަކަށް ގެއްލުންވެ އިގްތިސޯދު ހީނަރުވެފައިވާ ވަގުތެއްގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން 16 މިލިއަން ޑޮލަރުގެ ލިއުޑިޓީއެއް ހަމަޖައްސާ ދީފައިވާތީ ޝުކުރު އަދާކުރާ ކަމަށެވެ.

އިންޑިއާ އިން ރާއްޖެއަށް 250 މިލިއަން ޑޮލަރު ދީފައިވަނީ، އެ ގައުމުގެ ގައުމީ ބޭންކް (އެސްބީއައި) އިން ޓީ- ބޮންޑެއް ގަންނަ ގޮތަށެވެ. ސަރުކާރުން ބުނެފައިވަނީ އިންޑިއާ އިން ދަރަނި ނަގަނީ ކުޑަ ރޭޓްތަކެއްގައި ކަމަށެވެ. އެ ގައުމުން ލޯނު ދެނީ 1.7 ޕަސެންޓުގެ އިންޓްރެސްޓުގައި ފަސް އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ ގޮތަށް 20 އަހަރުން ދައްކާ ހަލާސް ކުރާ ގޮތަށް ކަމަށް ކުރިން ސަރުކާރުން ބުނެފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީ ނުލިބޭތީ ސަރުކާރުން ދަނީ ބަޖެޓު ފޫބައްދަން ލޯނު ނަގަމުންނެވެ. ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާއްމު ކޮށްފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ މިހާރު ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. މި ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓުގަ އެވެ.