އާދައިގެ މަތީން މިއަދު ވެސް ހެނދުނު ގާތްގަނޑަކަށް 11:00 ޖަހާ އެހާކަންހާއިރު މާލޭގެ ވެސްޓް ޕާކް ސަރަހައްދުގެ މޫދުގައި ސްނޯކްލިން ކޮށްލަން މ. ބޮއިލިން ފިޝް، އުމުރުން 24 އަހަރުގެ ޝައްފާން ރަޝީދު ދިޔަ އެވެ. ދިޔައީ އޭނާ އެކަންޏެވެ. ފީނާލައި ފަތާލައި ސްނޯކަލް ކޮށްލައި މަހެއް ހިފުމަކީ އޭނާގެ ވަރަށް ބޮޑު ޝައުގުވެރި ކަމެކެވެ. އެ ޝައުގުވެރި ކަމުގައި މިއަދުވެސް ދިޔައީ އެވެ. ސްނޯކްލިންއަށް ދިއުމަކީ އޭނާ އާންމުކޮށް ކުރާ ކަމެކެވެ. އަދި ރަހުމަތްތެރިންނާއެކު ނައިޓް ފިޝިންއަށް ދިއުމާއި ބަޑި ޖަހައިގެން މަސް ހިފަން ދިއުމަކީ އޭނާގެ އާދައެކެވެ.
ޝައްފާންގެ އެހެން ދުވަސް ދުވަހާ މިއަދު ތަފާތެއްވި އެވެ. މެންދުރުވާން ދަނިކޮށް ދިޔަ ގޮތަށް އަސުރުން ތިރިވެ ހަވީރުވީއިރު ވެސް އެނބުރި ގެއަށް އައިސްފައެއް ނުވެއެވެ. އާއިލާއާ ރަހުމަތްތެރިން ކަންބޮޑުވެގެން ވެސްޓް ޕާކް ސަރަހައްދަށް ދިޔަ އެވެ. އަދި އެކަން ސިފައިންގެ ސަމާލު ކަމަށް ގެންދިޔަ އެވެ.
ޝައްފާން ގެއްލިގެން ސިފައިންގެއަށް އަންގާފައި ވަނީ މިއަދު ހަވީރު 4:36 އެހާކަންހާއިރު އެވެ. އެ ރިޕޯޓާއެކު ސިފައިންގެ ކޯސްޓްގާޑްގެ ޑައިވަރުން އެ ސަރަހައްދު ބަލައި ސޮފްވާން ހޯދަން ފެށި އެވެ.
ސިފައިންނާއެކު އަމިއްލަ ބައެއް ޑައިވަރުން ވެސް ޝައްފާން ހޯދަން ފީނާ ހެދި އެވެ. އެ މަސައްކަތުގެ ތެރެއިން އޭނާ ފެނުނީ ކަނޑުއަޑީގެ 12.1 އަޑީގައި މަރުވެފައި އޮއްވަ އެވެ. އޭގެ ފަހުން ސިފައިން ވަނީ ޝައްފާންގެ ހަށިގަނޑު ކަނޑުއަޑިން ނަގައި އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
ޝައްފާންގެ ކުއްލި ވަކިވުން އެއީ ރާއްޖޭގައި މިއަދު އައި އެންމެ ހިތާމަވެރި ހަބަރެވެ. އެކަމާ ގައުމު ދެރަވި އިރު އޭނާގެ އާއިލާ އާއި އެކުވެރިންނަށް ވަނީ ބޮޑު ވަރަށް ހިތާމައެއް ލިބިފަ އެވެ. ހާއްސަކޮށް ޝައްފާންގެ އަންހެނުންނަށެވެ. ކައިވެންޏެއްކޮށް ޝައްފާންގެ ޒަވާޖީ ހަޔާތެއް ފެށީ މީގެ 16 ދުވަސް ކުރިންނެވެ. މި ސެޕްޓެންބަރު މަހުގެ ހަވަނަ ދުވަސް އެއީ ޝައްފާންގެ ކައިވެނި ކުރި ދުވަހެވެ. ކައިވެނީގެ އެ ޕާޓީ އޭނާ ބޭއްވީ އެކުވެރިންނަށް ދައުވަތު ދީގެނެވެ. ނަމަވެސް އެ އުފާވެރި ކައިވެންޏަށް 16 ދުވަސް ނުވަނީސް މަރުވެ، ވަކިވެގެން ދިއުމަކީ ޝައްފާންގެ ޒުވާން އަނބިމީހާއަށް ލިބުނު ބަޔާން ކުރަން ދަތި ހިތްދަތި ކަމަށް ވެފައި ވެއެވެ.
ޝައްފާން އަކީ މޯލްޑިވްސް އެއާޕޯޓް ރެސްކިއު އެންޑް ފަޔާފައިޓިން ސާވިސްގައި މަސައްކަތް ކުރަމުން އައި ޒުވާނެކެވެ. ޝައްފާންގެ ކުއްލި ވަކިވުމާއެކު އެ ކުންފުނިންވެސް ވަނީ ހިތާމަފާޅުކޮށްފައެވެ. އަދި ގެއްލިގެން ދިޔައީ އެ ސާވިސްއަށް މުހިންމު ބައިވެރިއެއް ކަމަށް ބުނެފައިވެއެވެ. ޝައްފާން އެމްއޭސީއެލްގައި މަސައްކަތް ކުރާތާ ފަސް އަހަރެއްހާ ދުވަސްވެއްޖެއެވެ.
ހިތްހެޔޮ އަދި މަޖާ މިޖާޒެއްގެ ޝައްފާން ވަކިވެ ދިއުމުން އޭނާގެ ރަހުމަތްތެރިން ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.
"މިއީ ކޮންފަދަ ހިތާމަވެރި ދުވަހެއް. އަދިވެސް ގަބޫލު ކުރަން ދަތި. އެކުވެރިޔާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި،" ޝައްފާންގެ އެކުވެރިއަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވެއެވެ. ޝައްފާންގެ ހަށިގަނޑު މިވަގުތު އޮތީ އާސަހަރާގަ އެވެ. ޝައްފާންގެ މައްޗަށް ކަށުނަމާދުކުރުން އޮތީ މިރޭގަ އެވެ. ވަޅުލާނީ އާ ސަރަހަރާގަ އެވެ.