މަރު

ފާރިޝްގެ ކުއްލި ވަކިވުމުން ބޮޑު ހިތާމައެއް

ލާންސްކޯޕްރަލް ހުސައިން ފާރިޝް 28، ސިފައިންގެ އެހެން ތިން އެކުވެރިއަކާއެކު އިއްޔެ ސްނޯކްލިންއަށް ދިޔައީ ދަގަނޑު ޖަހައިގެން މަސް ހިފާ އެކުވެރިން އެކުވެގެން ރޭގަނޑު ކާލާނެ މަހެއް ހޯދާށެވެ. މަސް ހިފަން އެކުވެރިންނާއެކު ދިޔައީ އޮފް ޑިއުޓީ އެވެ. ސިފައިންގެ އިސްކަންދަރުގެ ވައިގެ ބަނދަރު އޮންނަ ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް ފައިބާ މަސް ހިފުމުގައި އުޅެނިކޮށް ފާރިޝް ގެންގުޅުނު ދަގަނޑު ގަލެއްގައި ތާށިވި އެވެ. އަދި ވަރުގަދަ އޮއިގަނޑެއްގައި ޖެހި އެހީތެރި ކަމަށް އެދުނެވެ.

ހާލަތު ބަދަލުވެ ހިތާމައިގެ ފެށުން އައީ އެހާ ހިސާބުންނެވެ. ފާރިޝްއަށް އެހީތެރިވާން އޭނާގެ އެކުވެރިން ވަރަށް މަސައްކަތް ކުރިއެވެ. އެ މަސައްކަތުގެ ތެރެއިން ސިފައިންގެ އެހެން މީހަކު ގެނބުނެވެ. އޭނާއަށް އެހީތެރިވެ ސަލާމަތް ކޮށްދިނީ އަނެއް ދެ އެކުވެރިންނެވެ. އެ މަސައްކަތް ކުރެވުނު އިރު އެ މީހުންނަށް ފާރިޝް ގެއްލުނެވެ. އަދި ވަގުތުން އެމްއެންޑީއެފަށް އެކަން ރިޕޯޓް ކުރިއެވެ. ގެނބުނު ސިފައިންގެ އަނެއް މީހާގެ ރަނގަޅެވެ.

ފާރިޝް ގެއްލުކަން އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައި ވަނީ ހަވީރު 5:40 ގައެވެ. އޭނާ ހޯދުމުގެ މަސައްކަތް ސިފައިންގެ ޑައިވަރުން ފެށިއެވެ. ފާރިޝްގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ހޯދުުމުގެ މަސައްކަތް ކުރާތާ ތިން ގަޑިއިރު ފަހުން ރޭ 8:50 އެހާކަން ހާއިރުއެވެ. ފާރިޝްގެ ހަށިގަނޑު ފެނުނީ ކަނޑު އަޑިން 12 މީޓަރު އަޑިންނެވެ. އޭރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ހަށިގަނޑު ނަގައިގެން ކައްދޫއަށް ގެންދިއުމަށް ފަހު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފަ އެވެ.

ފާރިޝްގެ ކުއްލި ވަކިވުމާއެކު އާއިލާއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. ފާރިޝްގެ ވަކިވުމަކީ އޭނާ ނިސްބަތްވާ ލ. މާބައިދޫއަށް ވެސް ފުން ހިތާމައެއް ލިބިގެން ދިޔަ ކަމެކެވެ. ފަސް މެންބަރުން ހިމެނޭ އާއިލާގައި ތިންވަނަ އަަށް ހުރީ ފާރިޝެވެ. ފާރިޝް ވަކިވި ހަބަރާއެކު އޭނާގެ މަންމައާ މުޅި އާއިލާއަށް ލިބުނު ފުން ހިތާމައިގެ އިތުރުން އޭނާއާއެކު މަސް ހިފަން ދިޔަ ތިން އެކުވެރިން ވެސް ތިބީ ކަން ހިނގައިދިޔަ ގޮތް ގަބޫލު ކުރަން ދަތިވެފައެވެ. އަދި މިވަގުތު ފާރިޝްއާއެކު ޓްރެއިން ހަދަމުންދާ ކައްދޫގައި ތިބި ހުރިހާ ސިފައިން ވެސް ވަނީ ހިތާމަވެރި މި ހާދިސާއިން ރޮއްވާލާފަ އެވެ.

ޖަނަވަރީ 26، 1993 ވަނަ އަހަރު އުފަންވި ފާރިޝް މިހާތަނަށް ކައިވެންޏެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ރަހުމަތްތެރިން ބުނާ ގޮތުން ފާރިޝް އައީ ޒަވާޖީ ހަޔާތެއް ފެށުމުގެ ތައްޔާރީތައް ވަމުންނެވެ. ލ. މާބައިދޫ / ޑައިމަންޑްވިލާ ހުސައިން ފާރިޝް ސިފައިންގެ ހިދުމަތާއި ގުޅިފައިވަނީ އޮކްޓޫބަރު 11، 2016 ގައެވެ. ޕްރައިވެޓްގެ މަގާމުން ލާންސް ކޯޕްރަލް މަގާމަށް ޕްރޮމޯޓްވެފައި ވަނީ ޖޫން 1، 2020 ގައެވެ. އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ އެމްއެންޑީއެފް މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1 ގައެވެ.

ސިފައިންގެ ހިދުމަތުގައި ހޭދަކުރި ހަތަރު އަހަރާއި ފަސް މަސް އަދި 19 ދުވަހު އޭނާ ވަނީ ހިތްވަރު ގަދަ ސިފައިންގެ މީހެއްގެ ސާބިތު ކޮށްދީފަ އެވެ. އަދި ގައުމީ ހިދުމަތުގައި ކުރިއަށް ދިއުމަށް ގިނަ ތަމްރީންތަކެއް ފުރިހަމަ ކޮށްފައިވެއެވެ. އެގޮތުން 63 ވަނަ ސިފައިންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށް އެމްއެންޑީއެފް އިން ހިންގި ރެސްކިއު ސްވިމިން ކޯހުގެ ގޯލްޑް ލެވެލް ވަނީ ފުރިހަމަކޮށްފަ އެވެ.
އަދި މެރިންކޯ ބޭސިކް ކޯސް-6 އާއި ކައުންޓަ ޓެރަރިޒަމް ކްލޯސް ކުއާޓާ ބެޓަލް ކޯސް ފުރިހަމަ ކޮށްފައި ވެއެވެ.