ރިޕޯޓް

ބިޑްނުކޮށް ދިނުން "ކަޓު" ގެ ދޮރެއް ތަ؟

ބިޑް ނުކޮށް މަޝްރޫއުތައް ދޭން އެންމެ ފުރަތަމަ ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެވެރިކަމުގައި ބިޑަކާ ނުލައި ރިސޯޓުތައް ދޫކުރެވޭ ގޮތަށް ހާއްސަ އުސޫލެއް ހެދި އެވެ. އަދި މި އުސޫލުގެ ދަށުން ރަށްތަކެއް ދޫކުރި އެވެ. ނަމަވެސް އޭރުގެ އިނދިކޮޅު އަދި މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުން އެކަމަށް ބޮޑަށް ފާޑުކިޔައި، އެކަން ނުކުރުމަށް ގޮވާލި އެވެ. އެކަމަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރަކަށް ވެދާނެ ކަމަށް ބުނެ، ތުހުމަތުގެ އިނގިލި ދިއްކުރި އެވެ. ނަމަވެސް މި ސަރުކާރު އައިސް ބޮޑެތި މަޝްރޫއުތައް ފެށެން ތައްޔާރުވުމާއެކު މިގޮތަށް ބިޑަކާ ނުލައި މަޝްރޫއު ހަވާލު ކުރުމުގެ ބާރު ލިބޭ ގޮތަށް އުސޫލެއް ހެދި އެވެ. އަދި ބޮޑު ދެ މަޝްރޫއުއެއް މިހާތަނަށް ވަނީ މި އުސޫލުން ދީފަ އެވެ.

އެއް މަޝްރޫއަކީ ގުޅިފަޅު ޕޯޓް މަޝްރޫއު ހިންގަން ބިން ހިއްކުމުގެ މަސައްކަތް ކުރަން ބޮސްކާލިސް ކުންފުންޏަށް ދިން މަޝްރޫ އެވެ. އަނެއް މަޝްރޫއަކީ އައްޑޫ ކަރަންޓު މަޝްރޫއު، ޗައިނާގެ ޗައިނާގެ ޑޮންގް ފެންގް އިލެކްޓްރިކް އިންޓަނޭޝަލަށް އަށް ދޭން ހުޅުވި ފުރުސަތެވެ. މިއާއެކު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ. ގިނަ ފަރާތްތަކުން ދެކުނީ މިއީ "ކަޓަ" ށް ހުޅުވޭނެ ދޮރަކަށް ވެދާނެ އެވެ. ހިޔާނާތުގެ މަައްސަލަތައް ބަލާ ހާއްސަ ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މި އުސޫލާއެކު ކަންބޮޑުވުން ފާޅުކޮށް، އެ އުސޫލު ބާތިލް ކުރަން އަންގާފަ އެވެ. ބިޑް ނުކޮށް ދިނުމަކީ ކަޓަށް ހުޅުވާ ދޮރެއް ހެއްޔެވެ؟ މިއީ މައްސަލައެއް ހެއްޔެވެ؟ ދުނިޔޭގައި މި އުސޫލުން މަޝްރޫއުތައް ނުދޭ ހެއްޔެވެ؟ މި އުސޫލާމެދު އޭސީސީ އިން ކަންބޮޑުވަނީ ކީއް ވެގެން ހެއްޔެވެ؟ މީގެ ސަބަބުން މަޝްރޫއުތައް ލަސްވުމުގެ ފުރުސަތު އޮންނާނެ ހެއްޔެވެ؟ މިއީ "ކަޓު" ގެ ދޮރުތަކުގައި ތަޅު އެޅުވުމެއް ހެއްުުޔެވެ؟

މާލިޔަތު ގަވައިދަށް 2017 ވަނަ އަހަރު ގެނައި އިސްލާހުގައި އޮންނަ ގޮތުން، އާންމުކޮށް ބީލަމަށް ހުޅުވާނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ސަރުކާރުގެ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތަކާ މަސައްކަތް ހަވާލުކުރުމުގެ ފުރުސަތު ސަރުކާރަށް އޮވެ އެވެ. އަދި ސަރުކާރުން ފަހުން ބޮޑެތި މަޝްރޫއުތައް ވެސް ބިޑްނުކޮށް ހަވާލު ކުރެވޭ ގޮތަށް ހާއްސަ އުސޫލެއް އާއްމުކޮށްފަ އެވެ. މި ގަވައިދުގައި ބިޑް ކުރުމަކާ ނުލައި މަޝްރޫއުތައް ގެންދެނެ ތަފުސީލް ވަރަށް ތަފުސީލްކޮ ލިޔެފައިވެ އެވެ. މި އުސޫލުގައިވާ ގޮތުން ބިޑް ކުރުމަކާ ނުލައި، ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ. މި އުސޫލުގެ ދަށުން 2017 ގައި މާލިއްޔަތު ގަވައިދަށް ގެނައި ބަދަލުން ބާރު ލިބިގެން "މާބިޔަ" މަަޝްރޫއުތައް ދިނުމުގެ ފުރުސަތު އޮވެ އެވެ.

މި ސަރުކާރުން މިދިޔަ އަހަރު އާއްމުކުރި މި އުސޫލުގައިވާ ގޮތުން ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑު ކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސް ކަނޑައަޅުއްވާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެ އެވެ. މަޝްރޫއު ހަވާލުކުރެވޭ ފަރާތްތަކަކީ މާލީގޮތުންނާއި ފަންނީ ގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަން ޖެހެ އެވެ. ނަމަވެސް، އިއުލާނުކޮށްފައިވާ ނުވަތަ އިއުލާނުކުރުމަށް ރާވާ އަދި އިއުލާނުކޮށްގެން މަސައްކަތް ކުރާނެ ފަރާތެއް ހޯދުމުގެ އެއްވެސް މަރުހަލާއެއް ފަށައިފައިވާ މަޝްރޫއަކާ ގުޅޭ ޕްރޮޕޯސަލެއް ނަމަ މި އުސޫލުގެ ދަށުން ބަލައެއް ނުގަނެވޭނެ އެވެ. މި އުސޫލުގައިވާ ގޮތުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން އެ ޕްރޮޕޯސަލުގައި ހިމެނޭ ކަންތައްތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރެވިދާނެ އެވެ.

މި އުސޫލު ސަރުކާރުން ހެދި މައިގަނޑު ސަބަބަކީ އެ ފަދަ "ޕްރޮޕޯސަލް" ތަކެއް ސަރުކާރަށް ލިބެމުން ދިއުމެވެ. މިހާތަނަށް ކިހާ މަަޝްރޫއެއް ސަރުކާރުން ހަވާލުކޮށްފި ހެއްޔެވެ؟

މި އާ އުސޫލުގެ ތެރެއަށް ފައްތައިގެން، އެންމެ ފަހުން ހަވާލު ކުރީ ހޮލެންޑުގެ ބޮސްކާލިސް ކުންފުންޏަށް ގުޅިފަޅު ބިން ހިއްކުމުގެ ބޮޑު މަޝްރޫ އެކެވެ. ބޮޑު އެ މަސައްކަތް އެ ކުންފުންޏަށް ދިނީ 53 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 818 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ އިތުރުން އައްޑޫ ކަރަންޓުގެ މަޝްރޫއު ބީލަމަށް ނުލައި 37.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 570 މިލިއަން ރުފިޔާ) އަށް ޗައިނާގެ ޑޮންގް ފެންގް އިލެކްޓްރިކް އިންޓަނޭޝަލަށް ހަވާލު ކުރަން ސަރުކާރުން ނިންމައި، ޕްރޮޕޯސަލް ހުށަހަޅަން ވަނީ ފުރުސަތު ދީފަ އެވެ.

ކުރިމަތީގައި 130 މަޝްރޫއު

މި ސަރުކާރުގެ އެންމެ ބާރުފަދަ އެއް ވަޒީރު ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރަށް ގިނަ ދާއިރާ ތަކަކުން މަޝްރޫއުތަކެއް ވަނީ ލިބިފަ އެވެ.

"މި މަޝްރޫއުތަކުގެ ތެރެއިން ނެގޯޝިއޭޓް ކުރަނީ 20 މަޝްރޫއު، މި މަޝްރޫއުތަކުގައި ހިމެނޭ ފެނާއި ނަރުދަމާގެ މަޝްރޫއު އަދި ކަރަންޓުގެ މަޝްރޫއުތައް. ހެލްތް ދާއިރާގެ މަޝްރޫއުތައް. ޕޯޓާއި ބްރިޖުގެ ޕްރޮޕޯސަލްތައް ވެސް،" ފައްޔާޒު ވިދާޅުވި އެވެ.

މަޝްރޫއުތައް ލަސްވެދާނެ ތަ؟

އޭސީސީއިން އިއްޔެ އެންގި ގޮތަށް ބިޑްނުކޮށް ދެވޭ އުސޫލު ބަދަލުކޮށްފިނަމަ މަޝްރޫއުތައް ލަސްވުމުގެ ފުރުސަތު އޮންނާނެ ހެއްޔެވެ؟

މާލީ ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވި ގޮތުގައި ބިޑް ނުކޮށް މަޝްރޫއު ދިނުމަކީ މި ޒަމާނުގެ ކުރާ ކަމެއް ކަމަށެވެ. ނަމަވެސް މިކަން ކުރަނީ ފާރަވެރިވާން އޮންނަ މުއައްސަސާތަކުގެ ބައިވެރިވުމާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.


ބިޑް ނުކޮށް ދިނުމަކީ މިއަދު ގަވައިދު ހަދާފަ މާދަމާ ދިނުމެއް ނޫން. ފުރަތަމަ ކަމަކީ ގަވައިދުގައި ހުރި އެއްޗެއް ރައްޔިތުންނަށް ފަހުމްކޮށް ދިނުން. އޭގެ އިތުބާރު އުފެއްދުން. ކޮންމެ ކަމެއްގައި ވެސް ނުކިއްސަރު ކަންކަން ކުރުމަށް މަގު އޮންނާނެ. އެކަމަކު މަގުސަދަކަކަށްވާންވާނީ އެކަންކަން ހިނގިޔަ ނުދިނުން. އެހެންވެ އޯޕަން ބިޑިން ޕްރޮސެސް އޮންނަނީ. އެކަމަކު އޯޕަން ބިޑިން ޕްރޮސެސް ނެތްނަމަ ހަތަރު މަހުގެ އަވަސްކަމެއް ގެނެވޭނެ. ހާއްސަކޮށް އިންޓަނޭޝަނަލް ޕާޓްނާސްއާއެކު ކުރިއަށް ގެންދާ މަޝްރޫއުތައް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ގޮތަކީ ބިޑް ނުކުރުން. އަނެއްކާ ބިޑްނުކޮށް ނުދޭނަމޭ ކިޔާފަ ދިނީމަ އަދި މާބޮޑަށް ޝައްކު އުފެދޭނެ އެއްނުންތޯ؟."

ބޭނުން ނުވާ، ބޭނުން ވާ ކަމެއް؟

މި ސަރުކާރުގެ ކުރިމަތީގައި "ބިޔަ މަޝްރޫއު" ތަކެއް އެބަހުއްޓެވެ. މީގެތެރޭގައި ތިލަމާލެ ބްރިޖާއި ޕޯޓް މަޝްރޫއު ހިމެނެ އެވެ. މިހާރު އޮތް އުސޫލާ އެއްގޮތަށް ބިޑްނުކޮށް ޕްރޮޕޯސަލް ހުށަހަޅައިގެން ކުރި އަށް ގެންދެވިދާނެ އެވެ. އެ މަގަކީ ސަރުކާރަށް ފަސޭހަކަމާއެކު ނެގިދާނެ މަގެކެވެ. ނަމަވެސް ސަރުކާރުން އުޅޭ ގޮތުން ބައެއް ފަހަރު މިކަން ކުރަން ބޭނުން ނުވާހެން ވެސް ހީވެ އެވެ. ނޫނީ ބޭނުންވާހެން ވެސް ހީވާ ފަހަރު އާދެ އެވެ. މިކަމުގައި އެއް ސްޓޭންޑެއް ނުނެގޭއިރު ފެންނަނީ "މާނޫން ގޮތަކަށް ތިބެ" ދެކޮޅަށް ކިރޭ ތަނެކެވެ.

ރާއްޖޭގެ މާލީ ވަޒީރު، އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ބިޑް ނުކޮށް މަޝްރޫއު ހަވާލު ކުރުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް ކުރި އަށް އޮތް ހަތަރު އަހަރުތެރޭގައި އެންމެ އަހައްމިއްޔަތުކަން ދޭ އެއް މަޝްރޫއުއަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅީ ފަޅަށް ބަދަލު ކުރުމެވެ. އެ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އަޅުގަނޑުމެން އާއްމުކޮށް ކަން ކުރަން ބޭނުންވާ އުސޫލެއް ނޫން މިއީ [ބިޑްނުކޮށް ދިނުމަކީ] ބޭނުން ވަނީ ކޮމްޕެޓިޓިވްކޮށް، ބިޑިން އުސޫލުން ކަންތައް ގެންދަން،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ކުރިއަށް ގެންދާނެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަޝްރޫއު އަށް ކުންފުނި ހޮވުމުގެ މަސައްކަތް އިންޑިއާގައި ކުރި އަށް ގެންދާނީ ވަރަށް ދެ ފުއް ފެންނަ ގޮތަކަށް ކަމަށެވެ.

"އިންޑިއާގައި ޕްރީ- ކޮލިފިނޭޝަން ޕްރޮސެސްއެއް ކުރި އަށް ގެންދެވޭނެ. އަދި ރާއްޖޭގެ ޓެންޑަ ބޯޑުން އިވެލުއޭޓް ކުރާނެ. އެހެންވުމުން ހަރަދު ކުޑަ، އަދި އެހާމެ ވާދަވެރި އަގެއް ލިބުމުގެ މަ ގުފަހިވާނެ. މުޅި ޕްރޮސެސް ކުރިއަށް ގެންދާނީ ވަރަށް ދެފުއް ފެންނަ އުސޫލެއްގެ ދަށުން،" އަމީރު ވިދާޅުވި އެވެ.

ބިޑްނުކޮށް ދެވޭ އުސޫލު ބާތިލް ކުރަން އޭސީސީ އިން މިވަނީ އަންގާފަ އެވެ. އެހެންވީމަ އޮތީ އެގޮތަށް އަމަލު ކުރުމެވެ. އަމަލު ކުރުމާއެކު ދެން އުފެދޭނެ ސުވާލަކީ މިހާރުވެސް "ފިނިހަކަ ދުވެލީގެ" މަޝްރޫއުތަކުގެ ސްޕީޑަށްވާނެ ގޮތެވެ. ފަސް އަހަރު ނިމޭއިރު ވައުދުނާމާގައި ހުރި ކަންކަން ނިމޭނެ ހެއްޔެވެ؟ ވެރިކަމަށް އަންނަން ކުރި ވައުދުތައް ރަނުން ރަނަށް ފުދޭނެ ހެއްޔެވެ؟