ޓޫރިސްޓް އެރައިވަލް

މުހިންމީ، ޓޫރިސްޓުން ހޭދަކުރާ މިންވަރު: ޑރ. މައުސޫމް

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް ވުރެ މުހިންމީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ފައިސާ އާއި ހޭދަކުރާ މުއްދަތު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ، ޑރ. މައުސޫމް ވިދާޅުވި ގޮތުގައި ޓޫރިސްޓުންގެ ނަމްބަރުން ވާހަކަ ދައްކަން އެ މަނިކުފާނު އެހާ ބޭނުންފުޅު ނުވާ ކަމަށާ، ހާއްސަކޮށް އަންނަ އަހަރު ޓޫރިސްޓުންގެ ނަމްބަރުން އެހީ މާބޮޑު މާނައެއް ހުރި އެއްޗެއް ނޫން ކަމަށެވެ. މީގެ ބަދަލުގައި ޓޫރިޒަމް މިން އަޅަން ފަށަންވީ އިގްތިސޯދީ ފައިދާ އިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުން [ޓޫރިސްޓުން] ހޭދަކުރާ މުއްދަތުގައި މާނަ އެބަހުރި. އެ ބޭފުޅުން ހޭދަކުރާ ޑޮލަރުގެ އަދަދުގައި މާނަ އެބަހުރި. އެ ބޭފުޅުން ދާ ތަންތަނުގައި މާނަ އެބަހުރި. އެހެންވީމަ އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ސްޓެޓިސްޓިކްސްގެ އަހަމިއްޔަތުކަން ހުންނާނީ މާނަ ހުރި ސްޓެޓިސްޓިކްސް އަށް،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ދާދި ފަހުން ވަނީ މި އަހަރު ބާކީ މިއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނަ ވެގެން ވެސް އަންނާނީ ލައްކައެއްހާ މީހުން ކަމަށް ވިދާޅުވެފަ އެވެ. މި އަހަރުގެ މިހާތަނަށް ޖުމްލަ އައިސްފައިވަނީ 16،000 ޓޫރިސްޓުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށް ނަންބަރު ތަކެއް މިހާރު ނެރެނީ "ވަރަށް އަނދިރީގައި ތިބެގެން" ކަމަށާ އެ ނަމްބަރަކީ ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ނެރޭ ލަފާ ކުރުމެއް ކަމަށެވެ.

އިތުރަށް ވިދާޅުވީ އާއްމު ގޮތެއްގައި ޓޫރިސްޓުން ހަތް ދުވަހު ރާއްޖޭގައި ހޭދަ ކުރާނަމަ އަދި އެ އަދަދު 14 އަށް މަތިވެއްޖެނަމަ ޓޫރިޒަމުން ލިބޭ އާމްދަނީ ޑަބަލް ވެގެންދާނެ ކަމަށެވެ.

"މުއްދަތު ނޫނީ ބެޑްނައިޓްސް އިތުރުވީމަ ރަނގަޅުވާނެ. ކުރި އަށް އޮތްތަނުގައި އަދި މި ދުވަސްކޮޅު ވެސް އެހާ ފްލައިޓްތަކެއް ނެތް. އެހެންވީމަ އަންނަ މީހުން ގިނަ އިރު މަޑު ކުރާނެ. އެކަމަށް ޖާގަދޭން އެއް ރިސޯޓުން އަނެއް ރިސޯޓަށް ވެސް ދެވޭ ގޮތަށް ހަދާފައި ވާނީ. އިރާދުކުރެއްވިއްޔާ ކުރި އަށް އޮތްތަނުގައި ހަދާނަން ރިސޯޓުން ސަފާރީ ބޯޓަށް އަދި ސަފާރީ ބޯޓުން ގެސްޓްހައުސް ތަކަށް ވެސް ދެވޭ ގޮތަށް،" މައުސޫމް ވިދާޅުވި އެވެ. "ދެހާސް އެކާވީސް ވަނަ އަހަރަށް އުންމީދު ކުރަނީ އެއް މިލިއަނަށްވުރެ އިތުރަށް އަންނާނެ ކަމަށް. އެކަމަކު މިކަން ވާނީ ސިޗުއޭޝަން ރަނގަޅު ވެގެން. މީގެ އުންމީދަކީ ވެކްސިނެއް އައުން. ދެން މިއޮތީ ޓެސްޓް އެންޑް ޓްރޭސިން. ޓެސްޓް ކުރާ މެޝިން އާއި ވަގުތު ވެސް ބަދަލު ވަމުން އެބަދޭ."