ޖޭއެސްސީ

ކްރިމިނަލް ކޯޓާއި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލައިފި

ކްރިމިނަލް ކޯޓާއި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ އެ ދެ ކޯޓްގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވެފައިވާތީ އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ގަވާއިދު ހަމަޖެހިފައިވާ ގޮތުން މި ދެ މަގާމަށް ކުރިމަތިލެވޭނީ އެ ދެ ކޯޓަށް އައްޔަން ކޮށްފައިވާ އެކޯޓެއްގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށެވެ.

ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރަށް 49،300 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތީން މެޑިކަލް އެލަވަންސް އާއި ފޯން އެލަވަންސް ލިބިވަޑައިގަންނަވާނެ އެވެ. މި މަގާމަށް ޝައުގުވެރިވާ ފަނޑިޔާރުން އަންނަ މަހުގެ ހަވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެކަމަށް އެދި ހުށައަޅަން ޖެހެއެވެ.

ހައި ކޯޓްގެ އިސް ފަނޑިޔާރަށްވެސް 49،300 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތީން މެޑިކަލް އެލަވަންސް އާއި ފޯން އެލަވަންސް ލިބިވަޑައިގަންނަވާނެ އެވެ. މި މަގާމަށް ޝައުގުވެރިވާ ފަނޑިޔާރުން އަންނަ މަހުގެ ހަވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެކަމަށް އެދި ހުށައަޅަން ޖެހެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މި މަހުގެ 22 ވަނަ ދުވަހު އާންމުކޮށްފައިވާ ކޯޓްތަކަށް އިސް ފަނޑިޔާރުން އައްޔަން ކުުރުމުގައި އަމަލު ކުރާނެ ގަވާއިދުގައި ބުނެފައިވަނީ އިސް ފަނޑިޔާރު ކަމަށް ފަނޑިޔާރަކު އައްޔަނު ކުރަންވާނީ އެ ފަރާތެއްގެ ތައުލީމާއި ތަޖުރިބާ އާއި އަހުލާގާއި ގާބިލު ކަމަށާއި އެ މަސްއޫލިއްޔަތު އަދާކުރަން އެންމެ އެކަށޭނަ ފަރާތެއްތޯ ބެލުމަށްފަހު ޖޭއެސްސީގައި ހިމެނޭ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

މި ގަވާއިދުގައިވާ ގޮތުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ނުވަތަ ސުޕީރީއާ ކޯޓުތަކަށް ނުވަތަ ޖުޑީޝަލް ދާއިރާ އަކަށް އިސް ފަނޑިޔާރަކު އައްޔަނު ކުރުމަށް ކޮމިޝަނުން ކަނޑައަޅައިފި ހިނދެއްގައި އެ މަގާމު އަދާކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވައިލަންވަން ޖެހެއެވެ. އަދި މި ގަވާއިދުގެ ދަށުން ހައި ކޯޓަށް ނުވަތަ ސުޕީރީއާ ކޯޓުއްގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އެ ކޯޓެއްގައި މަސައްކަތް ކުރާ ފަނޑިޔާރުންނަށް ކަމަށާ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ކަމަށް ކުރިމަތި ލެވޭނީ އެ ޖުޑީޝަލް ދާއިރާ އެއްގައި މަސައްކަތް ކުރާ ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ކަމަށް ބުނެފައިވެއެވެ.

ގެޒެޓް ކޮށްފައިވާ ގަވާއިދުގައި އިސް ފަނޑިޔާރު ކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިލައްވާ ފަނޑިޔާރުންނާއި އިންޓަވިއު ކުރުމާއި އިންޓަވިއު މަރުހަލާ ކުރިއަށް ގެންދަން ޖެހޭގޮތްވެސް ބަޔާންކޮށްފައިވެއެވެ.

ކޯޓްތަކަށް އިސް ފަނޑިޔާރުން އައްޔަން ކުުރުމުގައި ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރާއި މުޖުތަމައުގައި ދިމާވާ ކަންތައްތަކާ މެދު ގެންގުޅޭ ނަޒަރިއްޔާތާއި މުއާމަލާތު ކުރުމުގެ ހުނަރާއި އަމިއްލަ ނަފްސަށް އިތުބާރުކުރާ މިންވަރާއި މަސައްކަތުގެ އަހުލާގު އަދި ހިންގުމުގެ ހުނަރާއި ކުރިމަތި ލައިފައިވާ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ވިސްނުންހުރި މިންވަރަށް ބަލާނެ ކަމަށް ވަނީ ބުނެފައެވެ. އިންޓަވިއު ޕެނަލުގެ ގްރޭޑިން ލިސްޓަށް ބެލުމަށްފަހު އިސް ފަނޑިޔާރު ކަމަށް އައްޔަނު ކުރާނެ ފަރާތެއް ކަނޑައަޅާނީ ޖޭއެސްސީން ކަމަށްވެސް ބުނެފައިވެއެވެ.