ދުނިޔެ

ކުވޭތުގެ އަމީރު އަވަހާރަވެއްޖެ

ކުވޭތުގެ އަމީރު ޝެއިހް ސަބާހު އަލް އަހުމަދު އަލް ސަބާހު އަވަހާރަ ވެއްޖެ އެވެ. އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ. އެމަނިކުފާނަށް ފަހު ދެން ކުވޭތުގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަ ވާނީ އުމުރުފުޅުން 83 އަހަރުވީ ވަލީއަހުދު ޝެއިހް ނަވާފް އަލް އަހުމަދެވެ.

މިދިޔަ ޖުލައި މަހު ޝެއިހް ސަބާހު ވަނީ އޮޕްރޭޝަނެއް ކުރެއްވުމަށް އެމެރިކާއަށް ވެސް ވަޑައިގެންފަ އެވެ. ނަމަވެސް އެއީ ކޮންކަހަލަ އާލާސްކަންފުޅެއްގައި ކުރެއްވި އޮޕަރޭޝަނެއް ކަމެއް ކުވޭތުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ޝެއިހު ސަބާހުއަށް ކުވެއިތުގެ އަމީރުކަން ލިބިވަޑައިގަތީ 2006 ވަނަ އަހަރު ގައެވެ. އެއީ އޭރު ހުންނެވި އަމީރު ސާދު އަލް އަބުދުﷲ އެންމެ ނުވަ ދުވަސް ތެރޭގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ވެރިކަމުން ދުރުކު ރުމަށް ޕާލަމެންޓުން ނިންމުމާ ގުޅިގެނެވެ.

ޝެއިހް ސަބާހު ވަނީ ކުރީގެ އަމީރު ޖާބިރު އަލް އަހުމަދު އަލްޖާބިރު އައްސަބާހުގެ ވެރިަކަމުގައި ދެފަހަރެއްގެ މަތިން ހާރިޖީ ވަޒީރުކަން ކުރައްވާފަ އެވެ. މިގޮތުން ފުރަތަމަ ފަހަރު 1963 އިން 1991 އަށް އަދި ދެވަނަ ފަހަރު 1992 އިން 2003 އަށް ހާރިޖީ ވަޒީރުކަން ކުރައްވާފަ އެވެ.

ކުވޭތަކީ އާބާދީގައި 4.8 މިލިއަން މީހުން އުޅޭ ގައުމެކެވެ. މީގެތެރެއިން 3.4 މިލިއަން މީހުންނަކީ ބޭރު ގައުމުތަކުގެ ރައްޔިތުންނެވެ. ކުވޭތަކީ ދުނިޔޭގައި ހަވަނައަށް އެންމެ ބޮޑު ތެލުގެ ރިޒާވެއް އޮތް ގައުމެވެ. އަދި އެ ގައުމަކީ އެމެރިކާގެ ވަރަށް ގާތް އެކެވެރި އެކެވެ.

ޝޭހް ސަބާހުގެ އާއިލާ ވަނީ ވޭތުވެދިޔަ 260 އަހަރު ކުވޭތުގައި ވެރިކަން ކުރައްވާފަ އެވެ. ގައުމުގެ ސިޔާސީ ކަަންތަކުގައި އެންމެ ފަހު ބަސް ވިދާޅުވާ ބޭފުޅަކީ އަމީރެވެ. އަދި އެ މަނިކުފާނަށް ގާނޫން ހަދާ މަޖްލިސް އުވާލުމުގެ ބާރާއި އިންތިހާބު ބޭއްވުމުގެ ބާރު ލިބިވަޑަިގެންފައި ވެއެވެ.

އަމީރު އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ ވެރިން ދަނީ ތައުޒިއާ ވިދާޅުވަމުންނެވެ.