ރާއްޖޭގެ ދަރަނީގެ ސީދާ ނަމްބަރު ތަކަށް ބަލާނަމަ، އެއް ވަރެއްގައި ދަރަނި ހިފެހެއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްއެއްގައި ވާހަކަފުޅު ދައްކަަވަމުން މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ދަރަނީގެ "އެބްސެލިއުޓް ނަމްބަރަށް" ބަލާނަމަ އެެއްވަރެއްގައި ހިފެހެއްޓިފައިވެ އެވެ.
"ދަރަނި ގާތްގަނޑަކަށް އެއްވަރެއްގައި ހުރީ. އެކަމަކު އަޅުގަނޑުމެންގެ ގައުމީ އުފެއްދުންތެރިކަން ދަށަށް ދަށަށް ދަނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަޅުގަނޑުމެންގެ ގައުމީ އުފެއްދުންތެރިކަން ގާތްގަނޑަކަށް ހުރީ 80 ބިލިއަން ރުފިޔާގަ. ނަމަވެސް ސެޕްޓެމްބަރު މަހާ ހަމައަށް ބަލާނަމަ ގައުމީ އުފެއްދުންތެރިކަން މިހުރީ 68 ބިލިއަން ރުފިޔާގައި. އެހެންވީމަ އަޅުގަނޑުމެންގެ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާލާއިރު ނިއުމަރޭޓާ މި ހުރީ އެއް ވަރެއްގައި. އެހެން ނަމަވެސް ޑިނޯމިނޭޓާ ވަރަށް ބޮޑަށް ދަށަށް ދާތީވެ ނިސްބަތުން ދަރަނި އިތުރު ވަމުންދާތަން އެބަ ފެނޭ،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭ މި އިގްތިސޯދީ ދަތިހާލަތުން އަރައި ގަންނަން ވަރަށް އަވަހަށް ބޭނުންވާ ކަމަށާ، އެކަން ކުރެވޭނީ ޕްރޮޑަކްޓިވް ކަންކަން އިތުރު ކޮށްގެން ކަމަށެވެ.
"އެކަން [ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް] ފަދަ ކަންކަން އިތުރު ކުރަން ދަރަނި ނަގައިގެން ނަމަވެސް އެކަން ކުރަން ޖެހޭ. ހަގީގަތަކީ މިހާތަނަށް އައިއިރު ރާއްޖޭގެ ފިސްކަލް ރިޒާވެއް ނެތް. އޮޅުން އަރާކަމެއް މިއީ. ރާއްޖޭގައި މި ހުންނަނީ އަބަދު ވެސް އެކްސްޗޭންޖް ރޭޓް ހިފަހައްޓަން އޮންނަ ޑޮލަރުގެ ރިޒާވެއް. އެހެންވީމަ އަމިއަލައަށް ހަރަދު ކުރާނެ ފައިސާ އެއް ނެތް،" އަމީރު ވިދާޅުވި އެވެ.
"އެހެންވީމަ ވަރަށް ބޮޑަށް ބަލަން ޖެހޭ ޕްރޮޑަކްޓިވް ކަމަށް ލޯނު ނަގައިގެން ކަންކަން ކުރުން. އެހެންވެ، 2021 ގައި ބަޖެޓް ހުށަހަޅާއިރު ވަރަށް ބޮޑަށް ބަލާނަން މަސްވެރިކަމާއި ދަނޑުވެރިކަން އަދި ޑީސެސްޓްރަލައިޒޭޝަނަށް ހޭދަ ކުރަން. މިއީ ދަރަނި ބޮޑުވި ނަމަވެސް ވަރަަށް އަވަހަށް އެބަޖެހޭ މި ހާލަތުން އަރައި ގަންނަން. އެހެންނޫނީ ވަރަށް ގިނަ އަހަރު ތަކެއް ނަގާނެ މި ހާލަތުން އަރައި ގަންނަން."
ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާއްމު ކޮށްފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ މިހާރު ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. މި ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓުގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ.
މިހާރު ރާއްޖޭގެ ބޭރުގެ ދަރަނި ވަނީ 37.7 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 36 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުގެ ދަރަނި ވަނީ ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ. އަދި އެތޭރެ ދަރަނި ހުރީ 53 ޕަސެންޓުގަ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން މި އަހަރު 12 ފަރާތެއްގެ އަތުން ވަނީ ލޯނު ނަގާފަ އެވެ. އެންމެ ފަހުން ދަރަންޏަށް އިތުރުވީ އެސްބީއައިއަށް ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑެކެވެ. ނަމަވެސް މި ބޮންޑަކީ 3.5 ޕަސެންޓުގެ އިންޓްރެސްޓުގައި 10 އަހަރުން ދައްކަން ޖެހޭ އެއްޗެކެވެ.މި ބޮންޑުގެ ދަރަނި އިތުރުވާނީ އެތެރޭގެ ދަރަނީގެ ގޮތުގަ އެވެ. ސަބަބަކީ މި ނަގާފައިވަނީ އެސްބީއައި ރާއްޖޭގެ ގޮފިން ކަމަށްވުމެވެ.