ސިލްކް ރޫޓާބެހޭ ސިޔާސީ ބައްދަލުވުމަކަށް ނައިބު ރައީސް އަހުމަދު އަދީބު ޗައިނާ އަށް މިއަދު ފުރާވަޑައިގަންނަވައިފި އެެވެ.
ޗައިނާ އަށް ފުރާވަޑައިގަތުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ، އެމަނިކުފާނުގެ ދަތުރުފުޅަކީ ވަރަށް މުހިއްމު ދެ ކަމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެގޮތުން ފުރަތަމަ ބައިވެރިވެ ވަޑައިގަންނަވާނީ ޗައިނާ ސިލްކްރޫޓާބެހޭ ގޮތުން ދެކުނު އޭޝިއާގެ ގައުމުތަކުގެ ސިޔާސީ ބޭފުޅުން ބާއްވާ ބައްދަލުވުމެއްގައި ކަމަށާއި އޭގެ ފަހުން ބީޖިންގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމުގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ސިލްކްރޫޓާއި ބެހޭ ސިޔާސީ ބައްދަލުވުމަށް އެމަނިކުފާނު ވަޑައިގަންނަވަނީ ރައީސްގެ ނައިބު އަދި ސަރުކާރު ހިންގާ ޕީޕީއެމްގެ ވެސް ނައިބުގެ ހައިސިއްޔަތުންނެވެ.
"ބައްދަލުވުމުގައި އަޅުގަނޑު ބައިވެރި މިވަނީ ޕީޕީ އެމްގެ ނައިބު ރައީސްގެ ހައިސިއްޔަތުން. ހަމަ އެހެންމެ ސަރުކާރުގެ ވެސް. އެ ބޭފުޅުންގެ ވެސް ވަރަށް މަތީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ،" އަދީބު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ސިލްކް ރޫޓާއި ބެހޭ ބައްދަލުވުމަކަށް ވިޔަސް އެ ބައްދަލުވުމުގައި ރާއްޖޭގެ އެއާޕޯޓް ތަރައްގީ ކުރުމާއި، ބްރިޖް މަޝްރޫއުގެ ލޯނުގެ ކަންތައްތަކާއި އަދިވެސް ރާއްޖޭގެ އިގްތިސާދީ ބައެއް މަޝްރޫއުތަކާބެހޭ މަޝްވަރާތަށް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެ މަޝްވަރާތަކަކީ ރާއްޖެއަށް މަންފާކުރުވަނިވި މަޝްވަރާތަކަކަށް ވާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް އަދީބު ވިދާޅުވި އެވެ.
ސިލްކް ރޫޓާއި ބެހޭގޮތުން މަޝްވަރާކުރަން ދެކުނު އޭޝިއާ ގައުމުތަކުގެ ސިޔާސީ ޕާޓީތަކަށް ބާއްވާ މި ބައްދަލުވުމުގައި ޗައިނާގެ ނައިބު ރައީސާއި އެގައުމުގެ ވެރިކަން ކުރާ ޕާޓީގެ ޗެއާމަން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ނައިބު ރައީސް އަރިހުގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.