ޖޭއެސްސީ

އޭދަފުށީ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އުންމުކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅުނު ދެ މައްސަލައެއް އެ ކޯޓްގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް އެ މެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކޮށް އެ ދެ މައްސަލަ ބެލުމާއި އޭދަފުށި މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އުންމުކުލްސޫމް އަބޫބަކުރު ހަވާލުވުމުގައި ފަނޑިޔާރުގެ ސުލޫކަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން މެޖިސްޓްރޭޓް އުންމުކުލްސޫމްގެ މައްސަލަ ބެލުމަށް ކޮމެޓީއެއް އެކުލަވާލުމަށް މިއަދު ބޭއްވި ޖޭއެސްސީގެ 71 ވަނަ ބައްދަލްވުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީއަށް މިދިޔަ އަހަރު އައި ބަދަލާއެކު ވަރަށް ގިނަ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ މައްސަލަތައް ދަނީ ބަލަމުންނެވެ. އަދި ބައެއް ފަނޑިޔާރުން ވަކިކުރުމަށް ނިންމާ އެކަން މަޖިލީހަށްވެސް ހުށައަޅާފައިވެއެވެ. އެފަދަ ހުށައެޅުންތައް މަޖިލީހުން ފާސްކޮށް ބައެއް ފަނޑިޔާރުން ވަނީ މަގާމުން ދުރުކޮށްފައެވެ. އަދި ބައެއް ފަނޑިޔާރުން މަޖިލީހުން ވަކިކުރުމުގެ ކުރިން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވެސްވެއެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓާއި ހައިކޯޓާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންވެސް ހިމެނެއެވެ.