ވިޔަފާރި

ފްލައިމީގެ އުދުހުންތައް ފަށައިފި

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހީނަރު ވުމުން ދަތުރުތައް މެދުކަނޑާލާފަ ބޭއްވުމަށް ފަހު، ފްލައިމީން އަނެއްކާވެސް އެތެރޭގެ އުދުހުންތައް ފަށައިފި އެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު އަވަސްއަށް މިއަދު ވިދާޅުވި ގޮތުގައި ފްލައިމީގެ ދަތުރުތައް މެދުކަނޑާލާފަ ބޭއްވުމަށް ފަހު އަލުން ފަށާފައިވަނީ މިއަދު ކަމަށެވެ.

"ފުރަތަމަ ދަތުރުތައް ފަށާފައިވަނީ މާމިގިއްޔަށް. ޑިމާންޑް އިތުރުވާ ވަރަކަށް އެހެން މަންޒިލް ތަކަށް ވެސް ދަތުރުތައް ފަށަމުން ގެންދާނީ،" ނާޝިދު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު މާޗް 15 ގައި ބަންދު ކުރުމާއެކު ވިލާ އެއާގެ ދަތުރުތައް ހުއްޓާލާފައި ވަނީ މާޗް މަހުގެ 28 ވަނަ ދުވަހު އެވެ.

ވިލާ އެއާ އިން އެތެރޭގެ އުދުހުންތައް އަލުން ފެށި އިރު، އެ ކުންފުނިން ވަނީ އިންޓަނޭޝަނަލް ފްލައިޓްތަކުގެ ދަތުރުތައް ކުރިން ފަށާފަ އެވެ. ސިވިލް އޭވިއޭޝަންގެ ހުއްދަ ލިބުމާއެކު އެ ކުންފުނިން ފުރަތަމަ ވަނީ ސްރީލަންކާއަށް ޗާޓަރު ފްލައިޓެއް އަޅާފަ އެވެ. އަދި ލަންކާގެ ބޯޑަރު ހުޅުވުމާއެކު އިންޓަނޭޝަނަލް ޝެޑިއުލް ފްލައިޓް ވެސް ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ސްރީލަންކާގެ ބޯޑަރު ހުޅުވުމާއެކު ރަޓަމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ފަށާނެ އެވެ. މި ދަތުރު ވެސް ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ނެވެ. އަދި އިންޑިއާ އަށް އުދުހުންތައް ފަށަން ވެސް ފްލައިމީއިން ދަނީ ތައްޔާރު ވަމުންނެވެ.

އޭޓީއާރު މަރުކާގެ ހިތްގައިމު ފްލައިޓް ތަކެއް ބޭނުން ކޮށްގެން ހިދުމަތްދޭ ވިލާ ކުންފުނިން އެތެރޭގެ އުދުހުންތައް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ. މިހާރު އެ ކުންފުންޏަކީ ބޭރުން ފްލައިޓްތައް ގެނެސް މަރާމާތު ކުރުމުގެ ގާބިލްކަން ހުރި ހަމައެކަނި ކުންފުންޏެކެވެ.