- ލޯންޗް ގޮވުމުގެ ތަހުގީގާ މެދު ހިތްހަމަ ޖެހޭ
- ތަހުގީގާ ގުޅޭ ބައެއް ބޭފުޅުން މައްސަލައިގެ އަސްލު އޮޅުވާލަން އުޅޭ
- ކޮމިޝަންގެ މެންބަރަކަށް ފާޑެއް ނުކިޔަން
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ތަހުގީގު ކުރަން އުފައްދާފައިވާ ނެޝަނަލް އިންކްއަރީ ކޮމިޝަންގެ ތެރޭގައި ސިޔާސީ ނުފޫޒެއްވާކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ނައިބު ރައީސް އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.
ސިލްކް ރޫޓް ނިންމުމުގެ ރަސްމިއްޔާތަށާއި ދެވަނަ އިންވެސްޓްމެންޓް ފޯރަމް ހުޅުވުމުގެ ހަފުލާގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ލޯންޗުގައި އެއްޗެއް ގޮއްވާލުމުގެ ތަހުގީގު ކުރިއަށްދާ ގޮތާއި މެދު ހިއްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އިންކުއަރީ ކޮމިޝަނުގައި ސިޔާސީ ނުފޫޒެއް ހިމެނޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އެކަމަކު އެ ތަހުގީގާއި ގުޅުންހުރި ބައެއް ބޭފުޅުން މައްސަލަ ވަކި ކޮޅަަށް ބުރަވާ ގޮތަށް ސޯޝަލް އެކްޓިވިސްޓުންނާއި ނޫސްވެރިންނަށް މައުލޫމާތު ދޭކަމުގެ ހަބަރު ލިބިވަޑައިގަންނަވާތީ ތަހުގީގު ސިޔާސީ ނުކުރަން ގޮވާލައްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިވާއިރު ރޭ ދިޓީވީން ފޮނުވި "ހަބަރު ތެރެއިން" ޕްރޮގްރާމުގައި އެމަނިކުފާނުވަނީ ނެޝަނަލް އިންކުއަރީ ކޮމިޝަނުގެ ކޯޗެއާ އަދި ހޯމް މިނިސްޓަރ އުމަރު ނަސީރަށް އަމާޒުވާގޮތަށް ނުސީދާގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
އަދީބު ވިދާޅުވި ގޮތުގައި ބައެއް ފަރާތްތަކަށް އެމަނިކުފާނުގެ ބަސްތަކަކީ އުމަރަށް އަމާޒުކުރި ބަސްތަކެއް ކަމަށް ގަބޫލުކުރެވުނަސް އެއީ ވަކި ބޭފުޅަކަށް ވިދާޅުވި ވާހަކަފުޅެއް ނޫނެވެ.
"ތިބޭފުޅުންނަށް ފެންނާނެ ސޯޝަލް މީޑިއާގަ ދައްކާ ވާހަކަޔާއި، ނޫސްތަކުގައި ވަކި ބޭފުޅުން ދައްކާ ވާހަކަ. އަޅުގަނޑުމެންނަށް ވެސް ސިޔާސީ ގޮތުން ވަރަށް ބައިވަރު ހަބަރު ލިބޭ. އެބޭފުޅުން ނޫސްވެރިންނަށް ގުޅާ، ސޯޝަލް އެކްޓިވިސްޓުންނަށް ގުޅާ މިވެނިހެން، އެވެނިހެން ހަބަރު ގެންދާށޭ ބުނުން އެއީ ޒިންމާދާރު ކަމެއް ނޫން. އެވާހަކަ އަޅުގަނޑު ބުނީ،" އަދީބު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވައިލި ހާދިސާއާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުންނާއި ސިޔާސީ މަސްރަހުގައި ފޭލްވެފައިވާ ބޭފުޅުން ވަނީ އެމަނިކުފާނާއި ހަނގުރާމަކުރަން ފަށާފައެވެ.
ރޭ ދިޓީވީގައި އަދީބު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި ފާޑުކިުންތަކާއި ގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ، ގައުމުން ބޭރު ފިލާހުންނަވައިގެން ވިދާޅުވާ ސިޔާސީ ފާޑުކިޔުންތައް ބަލައި ނުގަނެވޭނެ ކަމަށެވެ.
އަދީބު ވިދާޅުވީ، ވަރަށް ގިނަ ބޭފުޅުން "ފިއްލަވައިގެން" ތިބެ ގައުމުގެ ސިޔާސީ ކަންކަމަށް ފާޑު ވިދާޅުވާ ކަމަށެވެ. އެކަމަކު އެހެން ނުތިއްބަވާ، އެބޭފުޅުންވެސް ސިޔާސީގޮތުން ވާދަކުރައްވަން ބޭނުންފުޅިއްޔާ ގައުމަށް ވަޑައިގެން ވާދަކުރައްވަން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވި އެވެ.
"ވަރަށް ގިނަ ބޭފުޅުން އެބަ އުޅުއްވާ ފުރަތަމަ ފިއްލަވައިގެން. އެއީކީ ގަބޫލުކުރެވޭނެ ކަމެއްނޫން. ސިޔާސީގޮތުން ވާދަކުރަން ބޭނުންފުޅިއްޔާ ރާއްޖެ ވަޑައިގެން ސިޔާސީ ހަރަކާތްތައް ހިންގަވައި، ވާދަކުރައްވާށޭ އަޅުގަނޑު ވިދާޅުވާނީ،" ނައިބު ރައީސް ވިދާޅުވި އެވެ.
ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނާއި ދޭތެރޭގައި އެއްވެސް މައްސަލައެއް ނޫޅުއްވާ ކަމަށް މިއަދުވެސް އަދީބު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.