ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރައްޔިތުންނަށް އެހީވާނެ ރިޒާވެއް ރާއްޖޭގައި ނެތީ ކީއްވެ؟

ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީގެ ސަބަބުން ޓޫރިޒަމް ހުއްޓުނެވެ. ދުވަސްކޮޅަކަށް ނަމަވެސް އިގްތިސޯދަށް ހުއްޓުން ގެނައި އެ ކާރިސާ ބެލިފައި އޮތީ ދިވެހިންގެ ލޯ ގިނަ ކަންކަމަށް ހުޅުވައިދިން އިބުރަތެއްގެ ގޮތުގަ އެވެ. މުޅިން އިގްތިސޯދު އޭރުވެސް ޓޫރިޒަމަށް ބަރޯސާކޮށްފައި އޮތްއިރު، ޓޫރިޒަމް ސިނާއަތުން އާމްދަނީ ލިބޭ މައިގަނޑު ދާއިރާއަކީ ބިމު ކުއްޔާއި ބެޑު ޓެކުހެވެ. އެ ކާރިސާއާ ހަމައަށް ވެސް އޭރުގެ ނިސްބަތުން ދިޔައީ ރަނގަޅު އާމްދަނީއެއް ލިބެމުންނެވެ. ސަރަހައްދުގެ އެހެން ގިނަ ގައުމުތަކުގެ ރައްޔިތުންނަށް ވުރެ ފުދުންތެރި ބައެއްގެ ގޮތުގައި ދިވެހިން ފެނުނީ އެހެންވެ އެވެ. ނަމަވެސް އޭރު ވެސް ދިވެހި ރައްޔިތުން އެންމެ ބޭނުންވާ ވަގުތު އެހީއެއް ދެވޭނެ ގޮތެއް ސަރުކާރަކު ނެތެވެ. އޭގެ 16 އަހަރު ފަހުން މިއަދުގެ ހާލަތަކީ ވެސް މި އެވެ.

ރައްޔިތުންނަށް ބޭނުން ޖެހޭ ހާލަތުގައި އެހީއެއް ދެވޭނެ ގޮތެއް ނެތެވެ. ރަައްޔިތުން އެންމެ ބޭނުންވާ ވަގުތުގައި އެހީވެވޭނެ "ރިޒާވެ" އް ނެތެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ރައްޔިތުންނަށް އެހީދޭން އެ ގައުމުގެ ސަރުކާރު ތަކުން ހަދާފައިވާ ފަދަ "ސޮވެރިން ވެލްތް ފަންޑެއް" ރާއްޖެ އަށް އުފެއްދިފައެއް ނެތެވެ. -- ވަކި ކަމަކަށް ބައްޓަންކޮށްފައިވާ ރާއްޖޭގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑެއް އޮވެ އެވެ.

އިގްތިސޯދީ ތަކުރިބާކާރުންގެ ނަޒަރުގައި ރާއްޖެއިން މިހާތަނަށް ހަދާފައި ވަނީ ވަރަށް ބޮޑު ގޯހެކެވެ. އަދި އެއީ ފެއިލްވުމެކެވެ.

"ރާއްޖެ ފަދަ އެއް ކަމަކަށް އިގްތިސޯދު ބަރޯސާވެފައި އޮންނަ ގައުމެއްގައި ކޮންމެހެން ވެސް އޮންނަން ޖެހޭ ސޮވެރިން ވެލްތު ފަންޑެއް ނޫނީ ރިޒާވެއް. އެ ފަދަ ފަންޑެއް އޮތްނަމަ މިފަދަ ބޮޑު ކާރިސާގެ ވަގުތު ވިޔަފާރިތަކާއި އާއްމުންނަށް އެހީވާން ވަރަށް ބޮޑަށް ފަސޭހައަކަށް ވާނެ،" އިގްތިސޯދީ މާހިރަކު ވިދާޅުވި އެވެ.

އެހެން މީހުން، އެހީވަނީ މި ފަންޑުން

ރާއްޖޭގައި ވެސް ސޮވެރިން ފަންޑެއް އޮވެ އެވެ. އެކަމަކު އެއީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑެވެ. އެއާޕޯޓުން ފުރާ މީހުންގެ ބޮލަކަށް ވަކި އަދަދެއް ނަގައިގެން ބޮޑު ކުރާ މި ފަންޑު ބޭނުމަކީ ލޯނު ދެއްކުގެ ގާބިލްކަން އުފެއްދުމެވެ. އެހެންވެ މިއީ ވެސް ރައްޔިތުންނަށާއި ވިޔަފާރި އަށް އެހީއެއް ދެވޭ ގޮތަށް އޮންނަ ފަންޑެއް ނޫނެވެ.

އެއާ ހިލާފަށް ސޮވެރިން ވެލްތު ފަންޑުތައް ދުނިޔޭގެ ގިނަ ގައުމުތަކުގައި ހުރެ އެވެ. މި ފަދަ ފަންޑުގެ ބޭނުމަކީ އެންމެ ބޭނުންވާ ވަގުތު އެހީތެރިކަން ދިނުމެވެ. މިގޮތުން އެންމެ ކާމިޔާބުކޮށް އެންމެ ވަރުގަދަ ނިޒާމެއްގެ ދަށުން މިފަދަ ފަންޑެއް ހިންގަނީ ސިންގަޕޫރުންނެވެ. އެ ގައުމުގެ ސޮވެރިން ވެލްތު ފަންޑަކީ މިސާލެއްގެ ގޮތުގައި ދުނިޔެ ދެކެނީ އެހެންވެ އެވެ. އެ ގައުމުގެ އެ ވެލްތު ފަންޑަކީ ސަރުކާރުން ބޭނުން ވަގުތަކުން "އަތް ބޭނޭ" ގޮތަށް އޮންނަ އެއްޗެއް ނޫނެވެ. ސިންގަޕޫރުގައި މި ފަންޑު އުފައްދާފައި ވަނީ 1981 ވަނަ އަހަރު އެވެ. އެކި ވިޔަފާރިތަކުގައި އިންވެސްޓް ކޮށްގެން ބޮޑު ކޮށްފައިވާ މި ފަންޑުގެ ރައުސުލްމާލުގެ އަގު ލަފާކުރެވޭ ގޮތުގައި 440 ބިލިއަން ޑޮލަރަށް ވުރެ ބޮޑެވެ.

އެ ގައުމުން ވަނީ ކޮވިޑް-19 އިގެ މި ހާލަތުގައި ވިޔަފާރިތަކާއި އާއްމު ރައްޔިތުންނަށް މި ފަންޑުން ބޮޑު އެހީތެރިކަމެއް ދީފަ އެވެ. އެގޮތުން ސިންގަޕޫރުގެ ކޮންމެ ރައްޔިތަކަށް 600 ޑޮލަރު އަދި އެ ގައުމުގެ ރައްޔިތުކަން ހޯދާފައިވާ ބޭރުގެ ކޮންމެ މީހަކަށް މިހާލަތުގައި ވެސް 300 ޑޮލަރުގެ އެހީއެއް ދެމުންގެންދެ އެވެ. ކޮވިޑް-19 އިގެ މިހާލަތުގައި ވެސް ސިންގަޕޯރިއަން މާ ބޮޑު "ވޮރީއެއް" ނެތި ތިބެވުމުގެ މައިގަނޑު ސަބަބަކީ ސޮވެރިން ވެލްތު ފަންޑެވެ. ސައޫދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް އޮފް ސައޫދީ އަރަބިއްޔާއަކީ ވެސް މިފަދަ ބޮޑު ފަންޑެވެ. މިނޫން އެހެން ގައުމުތަކުގައި ވެސް މިފަދަ ފަންޑުތައް ހުރެ އެވެ.

އެ ގައުމު ތަކުން މި ފަންޑުތައް އުފެއްދީ އިއްޔެ މިއަދަކު ނޫނެވެ. އިގްތިސޯދު ރަނގަޅު ދުވަސްވަރު އެވެ. ސަރުކާރު ބަދަލުވި ނަމަވެސް "އަތް ނުބޭނޭ" ގޮތަށް އެ ފަންޑުތައް ހުންނަނީ ރަނގަޅަށް ތަޅުލާފަ އެވެ. އެ ފަންޑުން ކުރާ ކަމަކީ ހަމައެކަނި ބޮޑު ކުރަން އިންވެސްޓް ކުރުމެވެ. ފުޅާ ކުރުމެވެ. ސިންގަޕޫރުގެ ފަންޑުގައި އެ ގައުމު އެކަށް "ތަޅާލާފައި" ހެދޭ ވަރަށް ވެސް ފައިސާ ހުރެ އެވެ.

ދިވެހި ސަރުކާރުތަކުން ވެހޭއިރު ފެނެއް ނުނަގާ

ސޮވެރިން ވެލްތު ފަންޑެއް ހަދަން ދިވެހި ސަރުކާރު ތަކުން ކުރީ ކޮން މަސައްކަތް ހެއްޔެވެ؟ އިގްތިސޯދު ރަނގަޅު ދުވަސްވަރު މި ފަދަ ވެލްތް ފަންޑެއް އުފައްދައި "ވެހޭތާ ފެން ނެގި" ހެއްޔެވެ؟ ހަގީގަތަކީ ދިވެހި ސަރުކާރު ތަކުން 2004 ގެ ސުނާމީން އިބުރަތް ހޯދައިގެން އެއްވެސް ކަމެއް ކޮށްފައި ނެތުމެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މި ކަމެއްނުވި އެވެ. ނަޝީދު ފާޑަކަށް މިކަން ކުރައްވަން އުޅުއްވި އެވެ. އޭރު ރައީސް ނަޝީދު އުޅުއްވީ ކުރު މަގަކުން ވަޑައިގެން އެކަން ކުރައްވާށެވެ. އެ މަނިކުފާނު އުޅުއްވީ އެމްއެމްއޭގެ ރިޒާވަކީ އެފަދަ ފަންޑެއްގެ ގޮތުގައި ބަދަލު ކުރައްވާށެވެ.

ނަމަވެސް އޭރުގެ ގަވަރުނަރު އެގޮތެއް ބޭނުންފުޅެއް ނުވި އެވެ. ސަބަބަކީ އޭރުން މަރުކަޒީ ބޭންކުގެ ރިޒާވް ގެއްލިގެން ގޮސް އިތުރު މައްސަލަ ތަކެއް ނުކުތުމުގެ ބިރު އޮތުމެވެ. ދުނިޔޭގެ މާލީ އިދާރާ ތަކުން ވެސް އޭރު ދިން ލަފާއަކީ އެއީ އެވެ. އޭރު އެކަން ނުވި އަނެއް ސަބަބަކީ މަޖިލީހުގެ ކޮންޓްރޯލް ސަރުކާރަށް ނެތުމެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑެއް ނުވަތަ ފަހަށް ރައްކާ ކުރުމަށް ފަންޑެއް ހަދަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މުހިންމު މަސައްކަތް ތަކެއް ކުރެއްވި އެވެ. މަޝްރޫއު ހިންގަން ގިނަ އަދަދެއްގެ ލޯނު ނަގަމުންދާތީ، ރާއްޖޭގައި ލޯނު ދެއްކުމުގެ ގާބިލްކަން ހޯދުމަށްޓަކައި ސޮވެރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއައި) ގެ ނަމުގައި ފަންޑެއް އުފެއްދެވީ ރައީސް ޔާމީނެވެ.

"އޭރުގެ ވިސްނުމަކަށްވީ ސޮވެރިން ޑިވްލޮޕްމަންޓް ފަންޑަށް ގާނޫނީ ބާރުވެރިކަން ހޯދުން. އެ ފަދަ ފަންޑެއް އުފައްދައި، އެ ބޮޑުކޮށް ފަހަށް ރައްކާ ކުރާނެ ގޮތެއް ހަމަޖެއްސުން. އެކަމަކު ނުވަނީސް ވެރިކަން ބަދަލުވީ،" އޭރު މާލީ ސިޔާސަތުތައް ރޭވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ. "އެކަމަކު މިއަދާ ހަމަ އަށް ވެސް އެ ފަންޑަށް ގާނޫނީ ރައްކާތެރިކަމެއް ދެވިފައެއް ނެތް. ވާނުވާއެއް ނޭނގެ."

ރިޒާވުން ކުރާ ކަމަކީ ކޮބާ؟

ސޮވެރިން ވެލްތް ފަންޑެއްގެ ވާހަކަ ދައްކާއިރު، މިހާރު ރާއްޖޭގައި އޮންނަ "ރިޒާވް" މިއީ ކީއް ކުރާ އެޗެއް ތޯ ވެސް ބަލަން އެބަޖެހެ އެވެ. މިއީ އާއްމުންގެ ބޮޑު ސުވާލެކެވެ. ރާއްޖޭގެ ޖުމްލަ ރިޒާވުން މި ފަދަ އެހީއެއް ނުދެވެނީ ކީއް ވެގެން ހެއްޔެވެ؟ މިއީ ކޮން ރިޒާވެއް ހެއްޔެވެ؟ ޕެންޝަން ފަންޑުން އެހީ އެއް ނުދެވޭނެ ހެއްޔެވެ؟

މިހާރު ފެންނަ ރިޒާވްއަކީ "ޑޮލަރުގެ ރިޒާވް" އެކެވެ. މި ރިޒާވް ކިތަންމެ ބޮޑުވިއަސް މިފަދަ ވަގުތެއްގައި މިއީ ރައްޔިތުންނަށް ސީދާ އެހީއެއް ވެވޭނެ އެއްޗެއް ނޫނެވެ. މިދިޔަ އަހަރު ރާއްޖޭގެ ރިޒާވް އެއް ބިލިއަން ޑޮލަރާ ގާތް ކުރި އެވެ. މި ރިޒާވްގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބޭންކްތަކަށް ބޭނުންވާ ވަރަށް ބޭރު ފައިސާ ފޯރު ކޮށްދިނުމެވެ. އިމްޕޯޓަށް ބޭނުންވާ ޑޮލަރު ފޯރުކޮށް ދިނުމެވެ. ސަރުކާރުން ޑޮލަރުން ދައްކަން ޖެހޭ ޕޭމަންޓްތަކަށް ފައިސާ ފޯރުކޮށް ދިނުމެވެ. މިހާރު ރާއްޖޭގެ ޖުމްލަ ރިޒާވްގެ އަދަދަކީ 569.65 މިލިއަން ޑޮލަރެވެ. އަދި ޔޫޒަަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވްގެ ޖުމްލަ އަދަދަކީ 122 މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް ދެ މަހުގެ އިމްޕޯޓަށްވާ ވަރުގެ ފައިސާ އެވެ.

މި ރިޒާވް ބޮޑުވެ ކުޑަވުން ފެންނާނީ އިގްތިސޯދު ކުރިއެރުން އަންނަ ގޮތަކާއި މާލިއްޔަ ތަކަށް ލިބޭ ފައިސާ އިންނެވެ. މިހާރު ރިޒާވްގައި 122 މިލިއަން ޑޮލަރު ހުރި ކަމަށް ދެއްކި ނަމަވެސް އަންނަ މަހުން ފެށިގެން މި ރިޒާވް މަތިވާނެ އެވެ. ސަބަބަކީ އިންޑިއާއަށް ވިއްކި 250 މިލިއަން ޑޮލަރުގެ ފައިސާ ޖަމާވެފައި ވުމެވެ. ދެން އޮތީ ޕެންޝަން ފަންޑެވެ. އެ ފަންޑަކީ މުޅީން އެހެން ބޭނުމެއްގައި އޮންނަ އެއްޗެކެވެ. މަސައްކަތުން ދުރަށްދާ ދުވަހު ފައިދާ ލިބޭ ގޮތެއް ފުރިހަމަ ކުރަން އޮންނަ ރިޓަޔަމަންޓް ފަންޑެކެވެ. އެހެންވީމަ، ހަގީގަތަކީ ރާއްޖޭގައި ކޮވިޑް-19 ފަދަ ކާރިސާގެ ވަގުތެއްގައި ކުރެވޭނެ މާކަބޮޑު ކަމެއް ނެތެވެ.

ރިޒާވެއް ނެތުމަކީ ދިވެހިންނަށް ލަދެއް

ދެކުނު އޭޝިއާގެ ގައުމު ތަކަށް ބެލި ނަމަވެސް 10 އަހަރު ތެރޭގައި ޖީޑީޕީ އެންމެ ބޮޑަށް ކުރިއަރަމުން ދިޔައީ ރާއްޖޭގަ އެވެ. ކޮވިޑް-19 ގެ ކުރިން މި އަހަރުގެ އަންދާޒާއަކީ ޖީޑީޕީ 7.5 ޕަސެންޓަށް އިތުރު ވާނެ ކަމަށެވެ. އަދި 2014 ގެ ކުރީގައި ހުރި ޖީޑީޕީން ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް، 9،000 ޑޮލަރުން 12،000 ޑޮލަރަށް ވަނީ އިތުރުވެފަ އެވެ. ނަމްބަރުން ދައްކާ މި ކުރިއެރުމުން އެންމެ ބޭނުންވި ދުވަހު ރައްޔިތު މީހާއަށް ލިބުނީ ކޮން ފައިދާއެއް ހެއްޔެވެ؟ ދިވެހި ރައްޔިތުންގެ ބޮލަށް "ޗިޕު" ޖަހައިގެން މި ވޭތުވެދިޔަ ދުވަސްތަކުގައި ވެރިކަމަށް އައި މުހިންމު މަގާމުތައް ފުރި ބޭފުޅުން ރައްޔިތުންގެ ރައްކާތެރިކަމަށް ކުރީ ކޮން ކަމެއްތޯ އެއީ ސުވާލެކެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީ 50 ޕަސެންޓް ދަށްވުމުން މިހާރު މިތިބީ ހާލު ޖެހިފަ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ސަރުކާރު ތަކުން ރައްޔިތުންނަށް ދަނީ އެހީ ވަމުންނެވެ. އެކަމަކު ސަރުކާރުން މިކަމުގައި އޮތީ "ވަރަބިނދި ތުންގަނޑު ބިމަށް ހަރާލައިގެން" އިން ދޫންޏެއްގެ މިސާލުގަ އެވެ. ހިލޭ އެހީއެއް ހޯދާނަމަ އެއިން ހަރަދު ކުރެވެނީ ފޫވެއްޓިފައިވާ ރާއްޖޭގެ ދައުލަތުގެ ނިޒާމުގެ ތެރެއަށެވެ. ބޮޑުބައި ދަނީ ސަރުކާރުގެ ރިކަރަންޓު ހޭދަ އަށެވެ. ކޮވިޑް-19 އާ ގުޅިގެން "ނަމެއްގައި ރިލީފެއް" ދޭން ޖެހުނު ހަގީގީ ސަބަބަކީ ވެސް މިއީ އެވެ. ހަގީގަތަކީ ކުރިން ވެސް ސަރުކާރުތައް ފެއިލްވެފައި ވުމެވެ. އަދި ބޮޑުތަނުން ފެއިލްވީ މިއަދު އެވެ.

މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި މި ފަދަ ހާލަތެއްގައި އެހީވާނެ ފަންޑެއް ނެތުމަކީ ވަރަށް ބޮޑު މައްސަލެއެކެވެ.

"ހަގީގަތަކީ މިހާތަނަށް އައިއިރު ރާއްޖޭގެ ފިސްކަލް ރިޒާވެއް ނެތް. އޮޅުން އަރާކަމެއް މިއީ. ރާއްޖޭގައި މި ހުންނަނީ އަބަދު ވެސް އެކްސްޗޭންޖް ރޭޓް ހިފަހައްޓަން އޮންނަ ޑޮލަރުގެ ރިޒާވެއް. އެހެންވީމަ އަމިއަލައަށް ހަރަދު ކުރާނެ ފައިސާ އެއް ނެތް،" އަމީރު ވިދާޅުވި އެވެ.

މި ފަހަރު ބޯދަމައި ގަނެވޭކަށް ނެތް

މިހާރު އޮތީ ކޮވިޑް-19 އެވެ. މާދަމާ ކުރިމަތި ވާނީ ކޮންކަހަލަ ބަލާއާފާތެއްކަން އެނގޭނީ ކާކަށް ހެއްޔެވެ؟ އެހެންވީމަ މިހާރު ކުރަން ޖެހެނީ ކަމަކީ އެ ދުވަހަށް ތައްޔާރުވެ ތިބުމެވެ. ރައްޔިތުންގެ "ބޮލަށް އެރިގެން" ވެރިކަމަށް އައިސް މި ފަދަ ރައްކާތެރިކަމުގެ ނިޒާމުތައް ގެނެސް ނުދެވޭނަމަ "ޑިމޮކްރަސީ" އާއި "ނަމޫނާ ޑިމޮކްރަސީ" ގެނައުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޑިމޮކްރަސީއާ ބީރައްޓެހިކޮށް ހުދުމުހުތާރު ކޮށް ކަންކަން ތަންފީޒު ކުރާ ގައުމުތައް މާރަނގަޅެއް ނޫން ހެއްޔެވެ؟

ރާއްޖޭގައި ސޮވެރިން ވެލްތު ރިޒާވެއް ހަދަން ޖެހޭ ވާހަކަ، ބޯކިބާ ފޮތި ބަހައިގެން ވެރިކަމަށް މިހާރު އައިސްތިބި މީހުންގެ މެނިފެސްޓޯގައި ވެސް ލިޔެފައި އެބައޮތެވެ. މެނިފެސްޓޯގައިވާ ގޮތުން ދައުލަތުގެ ދަރަންޏަށް ދައްކަން ޖެހޭ ފައިސާ އެތައް ގުނައަކުން އިތުރުވެފައި ވުމުން ތަރައްގީގެ މަޝްރޫއު ތަކަށް ކުރިއަށް އޮތް އަހަރުތަކުގައި ބޭނުން ވާނެ ފައިސާ ހޯދުމަށް ސޮވެރިން ވެލްތް ފަންޑް ބޭރުގައި ލިސްޓްކޮށް، އެ ޕްރޮޖެކްޓްތަކަށް ހެޔޮ އަގުގައި ފަންޑު ހޯދޭނެ ނިޒާމެއް ގާއިމު ކުރާނެ އެވެ. ސަރުކާރު ލިބި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބި "ބޭނުން ގޮތަކަށް ޖުޑިޝަރީ ރިފޯމް" ވީމާ ވެސް މިކަން ކުރަން ނޫޅެނީ ކީއްވެގެން ހެއްޔެވެ؟ އެ ވާހަކަ ނުދައްކަނީ ކީއްވެގެން ހެއްޔެވެ؟