ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ހުޅުވައި، ޓޫރިޒަމް ރަސްމީ ސިފައެއްގައި ފެށުނުތާ މި އަދަށް 48 އަހަރު ފުރިއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ފަށައި ފުރަތަމަ ރިސޯޓެއްގެ ގޮތުގައި ހުޅުވީ ކ. ވިހަމަނާފުށީގައި ހިންގި ކުރުނބާ ވިލެޖެވެ. އަދި މިހާރުގެ ގޮތުން ނަމަ ކުރުނބާ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އެވެ. އެންމެ ފުރަތަމަ ޓޫރިސްޓުންގެ ގޮތުގައި އައިސްފައިވަނީ ސްރީލަންކާ މަގުން ރާއްޖެ އަށް އައި އިޓަލީވިލާތުގެ ޓޫރިސްޓުންގެ ގްރޫޕް އެކެވެ. މި ޓޫރިސްޓުން ގެނައުމުގައި އުޅުއްވީ ހުސެއިން އަފީފު (ޗަމްޕާ އަފީފު) އާއި މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ގެ އިތުރުން މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް (މަސްއޮޑި ނަސީމް) އެވެ،
ކުރުނބާ މޯލްޑިވްސް އަށް ޓޫރިސްޓުން އައިއިރު ހިދުމަތް ދިނުމުގައި އުޅުއްވީ މިހާރު ކުނބާ ހިންގާ ޔުނިވާސަލް ކުންފުނީގެ ވެރިޔާ، މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) އާއި ޗަމްޕާ ކްރައުން ކުންފުނީގެ ވެރިޔާ، ހުސެއިން އަފީފު (ޗަމްޕާ އަފީފު) އެވެ. އަފީފުގެ އޭރު އަދާކުރެއްވީ އެ ރިސޯޓުގެ މެނޭޖަރުގެ މަގާމެވެ. ފުރަތަމަ މި ރިސޯޓު ހުޅުވާފައިވަނީ 30 ކޮޓަރިއާއެކުގަ އެވެ. އޭރު މި ކޮޓަރިތައް ހަދާފައި ހުރީ ފަހުން ހިޔާކޮށްފަ އެވެ. އަދި އެނދުގެ ގޮތުގައި ބޭނުން ކުރީ އޮށިން ހަދާފައިވާ އަށި ތަކެކެވެ. ފާހާނާ ކުރަމުން ދިޔައީ އަތުރި މަތީގައި ވަޅު ޖަހައިގެން ހެދި ފާހާނާ އަށެވެ. އަދި ޓޫރިޒަމް ތަރައްގީ ކުރަން ޔޫއެންޑީޕީ އިން ގެނައި އެކްސްޕާޓުން ބުނަމުން ދިޔައީ ރާއްޖޭގައި ޓޫރިޒަމް ތަރައްގީ ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އޭރު ރާއްޖެ އޮތް ހާތެވެ. ނަމަވެސް ދިވެހިންގެ މަސައްކަތުން ޓޫރިޒަމް ތަަރައްގީކޮށް ދުނިޔޭގެ ބްރޭންޑަކަށް ވަނީ ހަދާފަ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 48 އަހަރު ފުރުނުއިރު، ރާއްޖޭގެ ޓޫރިޒަމްއަކީ މިހާރު ދުނިޔޭގެ ބްރޭންޑެކެވެ. ފުރަތަމަ ފަނުން ކޮޓަރި އެޅިނަމަވެސް ދުނިޔޭގެ ފެންވަރުގެ ފާހަގަކޮށްލެވޭ ކޮޓަރިތައް ރާއްޖޭގައި އެބަހުއްޓެވެ. ދުނިޔޭގެ ފުރަތަމަ މޫދު އަޑީގެ ރެސްޓޯރެންޓާއި މޫދު އަޑީގެ ކޮޓަރި ވެސް ހެދީ ރާއްޖޭގަ އެވެ. ދާދި ފަހުން ވަނީ ރާއްޖޭގައި ދުނިޔޭގެ އެންމެ ބޮޑު މޫދު ވިލާ ވެސް ހުޅުވާފަ އެވެ. މިހާރު ރާއްޖެ އަށް ކޮންމެ އަހަރަކުވެސް އެތަށް މިލިއަން ޓޫރިސްޓުން އާދެ އެވެ. މިދިޔަ އަހަރު ވެސް 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި ހީނަރުކަން ރާއްޖެ އަށް ވެސް ވަނީ ކުރިމަތިވެފައެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ތާރީހީ އެއް ދުވަސް ފާހަގަ ކުރަމުންދާއިރު، ރާއްޖޭގެ މާކެޓިން ކުންފުނި (އެމްއެމްޕީއާރުސީ) އިން މިއަދަށް ހާއްސަކޮށް ކަމެއް ކޮށްފައެއް ނުވެ އެވެ. އެންމެ ކުޑަމިނުން ޓުވިޓެއްވެސް އަދި ނުކުރެ އެވެ.