އަރަބި ކަނޑާއި ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ބޭރުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެކި ގައުމުތަކަށް މަސްތުވާތަކެތި އެތެރެކުރާ ވަރުގަދަ ނެޓްވޯކެއް ހުއްޓުވީ ގިނަ ގައުމުތަކެއްގެ ސަލާމަތީ ބާރުތައް ގުޅިގެންނެވެ. އެ މަންޒަރު ފެންނަ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވެސް އެ ނޫސްތަކުން އާންމު ކޮށްފައި ވެއެވެ.
ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނީ ޑިންގީއެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދިޔަ ބަަޔަކު ހުއްޓުވަން ސަލާމަތީ ބާރުތަކުން މަސައްކަތް ކުރުމުން އެ ތަކެތި އެ މީހުން ވަނީ ކަނޑަށް އުކާލާފައެވެ. ގޯނި ގޯނީގައި ހުރި އެ ތަކެތީގެ އަގު ބިލިއަން ޑޮލަރަށް އަރާނެ ކަމަށްވެސް އެ ރިޕޯތްޓަކުގައިވެއެވެ.
ބައެއް އެހެން ރިޕޯޓްތައް ބުނާ ގޮތުން އަތުލައިގަނެވިފައި ވަނީ މަސްތުވާތަކެތިން ބައެކެވެ. އަދި ރާއްޖެ ހިމެނޭހެން މި ސަރަހައްދުގެ ބައެއް ގައުމުތަކަށް އެ ނެޓްވޯކުން މިހާރު ވަނީ މަސްތުވާތަކެތި ކަނޑުމަތުން އެތެރެކޮށްފައެވެ. ރާއްޖޭގެ ފުލުހުންވެސް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށްވެސް ބުންޏެވެ. ނަމަވެސް އޭގެ ތަފްސީލެއް ނެތެވެ.
މިއަދު ހަވީރު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ބޮޑު އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ކުރިއަށްދާ ކަމަށެވެ. މި އޮޕަރޭޝަންގައި މިހާތަނަށް ބަޔަކު މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެތިވެސް ވަނީ އަތުލައިގެންފައެވެ.
އައްޑޫ އޮޕަރޭޝަންގައި ފުލުހުންގެ ގިނަ ޑިޕާޓްމަންޓްތަކަކުން ދަނީ ބައިވެރިވަމުން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އެގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖަންސް ޔުނިޓް އަދި ޑިވިޝަން އިންޓެލިޖަންސް ޑިޕާޓްމަންޓާއި މެރިން ޕޮލިސް އަދި ސައުތު ޕޮލިސް ޑިވިޝަނުން ދަނީ ބައިވެރިވަމުންނެވެ.
ފުލުހުންގެ އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތެއް ސީޕީ އަދި ފުލުހުންވެސް ނުދެއެވެ. މިހާތަނަށް ހައްޔަރުކުރީ ކިހާ މީހުންނެއް ކަމެއް އަދި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދެއްވެސް ހާމައެއް ނުކުރެއެވެ.
އައްޑޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ފުލުހުންގެ އޮޕަރޭޝަނަކީ އައްޑޫސިޓީ ހިތަދޫއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެތި އެތެރެކުރަން އެހީތެރިވެދިން ކަމަށް ތުހުމަތުވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
"ލޯންޗެއްގައި މަސްތުވާތަކެތި އެތެރެ ކުރަން ބަޔަކު އުޅުނީ. އެކަމު ކަނޑުމަތިން އެ ލޯންޗު ހުއްޓުނީ. އެހެންވެ އެހެން ބަޔަކު އެހީތެރިވެދީގެން އެ ލޯންޗު ހިތަދޫއާ ހަމައަށް ގެނެސްދެނީ. އެކަމު އެ މީހުންނަށް ނޭންގޭ ހުއްޓުނު ލޯންޗުގައި ހުރީ ކޮންއެއްޗެއް ކަމެއްވެސް. ފުލުހުން ވަނީ ހުއްޓުނު ލޯންޗަކަށް އެހީވެދިން ލޯންޗުގައި ތިބި މީހުންވެސް ހައްޔަރުކޮށްފައި. އަސްލު އެ ލޯންޗަކީ މަހުން އައި ލޯންޗެއް،" އައްޑޫ ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.