ގައުމެއްގެ ތަރައްގީގެ ދުވެލި ހިސާބުން ދައްކުވައިދޭނެ އެއް މިންގަނޑަކީ އެ ގައުމެއްގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އެވެ. ރާއްޖޭގެ ޖީޑީޕީއަށް ވެސް މިވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ބޮޑު ބަދަލެއް އައިސްފައި ވާނެ އެވެ. އެހެންވިއްޔާ ރާއްޖޭގެ ޖީޑީޕީއަށް ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އައީ ކޮން ބަދަލެއް ހެއްޔެވެ؟ ޖީޑީޕީއަށް އެންމެ ބޮޑު ހިއްސާއެއް ކުރި ސިނާއަތްތަކުގެ ކުރިއެރުން ހުރީ ކިހިނެއް ހެއްޔެވެ؟ އަދި ޖީޑީޕީ މިން ކުރީ ކޮން ގޮތް ގޮތަކަށް ބަލައިގެންތޯ މިހުރީ ސުވާލެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީއަށް އައި ބަދަލުގެ ފުރިހަމަ މަންޒަރެއް ފެންނަނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ނެރެފައިވާ "ޖީޑީޕީ އައުޓްލުކް 2020" އިންނެވެ. އޭގައިވާ ގޮތުން ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އަކީ ވަކި އަހަރެއް ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި ގައުމެއްގައި އުފެއްދޭ ތަކެއްޗާއި ދެވޭ ހިދުމަތްތަކުގެ އަގެވެ.
ޖީޑީޕީ އިތުރުވާ މިންވަރަކީ ގައުމެއްގެ އިގްތިސޯދީ ކުރިއެރުން ދެނެގަންނަން އެންމެ އާއްމު ގޮތެއްގައި ބޭނުން ކުރާ އެއް އިންޑިކޭޓަރެވެ. ނުވަތަ މިންގަނޑެވެ. ޖީޑީޕީ ދެގޮތަކަށް ދައްކަ އެވެ. އެއް ގޮތަކީ ނޮމިނަލް ޖީޑީޕީ ނުވަތަ ޖީޑީޕީ އެ އަހަރެއްގެ އަގުން ދެއްކުމެވެ. ދެވަނަ ގޮތަކީ ރިއަލް ޖީޑީޕީ ނުވަތަ ޖީޑީޕީ ދާއިމީ އަގުން ދެއްކުމެވެ. ރާއްޖޭގައި ރިއަލް ޖީޑީޕީ މިހާރު އަންދާޒާ ކުރަނީ 2014 ވަނަ އަހަރުގެ ދާއިމީ އަގުންނެވެ.
ރިއަލް ޖީޑީޕީ އެކުލަވައި ލެވެނީ މުދަލާއި ހިދުމަތުގެ އަގު ތަކަށް އަންނަ ބަދަލުތައް ނުހިމަނަ އެވެ. އެހެންވެ ގައުމެއްގެ އުފެއްދުންތެރިކަން
ކުރިއަރާ މިންވަރު ދެނެގަނެވޭނީ ރިއަލް ޖީޑީޕީ އިންނެވެ. ނޮމިނަލް ޖީޑީޕީ އާއި ރިއަލް ޖީޑީޕީގެ ފަރަގަކީ މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ބަދަލުގެ ސަބަބުން އުފެއްދުންތެރިކަމަށް އަންނަ ބަދަލު ތަކެވެ.
މިދިޔަ އަހަރުގެ ރިއަލް ޖީޑީޕީ (ބޭސިކް ޕްރައިސް) އަކީ 69،427 މިލިއަން ރުފިޔާ އެވެ. އަދި ޓެކްސް އާއި ސަބްސިޑީގެ ފަރަތުގެ ގޮތުގައި 7.735 މިލިއަން ރުފިޔާ އެއް ކުރުމުން ރިއަލް ޖީޑީޕީ (މާކެޓް ޕްރައިސް) އަކީ 77،167 މިލިއަން ރުފިޔާ އެވެ. މިއީ 7.0 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރު ވަކިވަކި ތަކެތިން ނެގޭ ޓެކްހާއި ސަބްސިޑީގެ ފަރަގު ވަނީ 6.3 ޕަސެންޓުގެ އިތުރުވެފަ އެވެ.
ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަޖެޓް ޑެފިސިޓް އަދި ދަރަނި ފަދަ މިންގަނޑުތައް ހުންނަ މިންވަރު ދެނެގަތުމަށްޓަކައި
ބޭނުން ކުރަން ޖެހެނީ "ނޮމިނަލް ޖީޑީޕީ އެޓް މާކެޓް ޕްރައިސް" އެވެ. ޖީޑީޕީ އެޓް މާކެޓް ޕްރައިސް އެކުލަވައި ލެވެނީ ޖީޑީޕީ އެޓް
ބޭސިކް ޕްރައިސް އަށް ޓެކްސް އާއި ސަބްސިޑީގެ ފަރަގު ހިމަނައިގެނެވެ.
ޖީޑީޕީ މާކެޓް ޕްރައިސް އިން އެކުލަވައިލުމުގައި ސަރުކާރަށް ދައްކާ ޓެކްސް ގެތެރެއިން ހިމަނަން ޖެހެނީ ހަމައެކަނި ވަކިވަކި ތަކެތިން ނެގޭ ޓެކްސް ތަކެވެ. މިގޮތުން އިމްޕޯޓް ޑިއުޓީ އާއި ގްރީން ޓެކްހާއި ޖީއެސްޓީގެ ގޮތުގައި ނަގާ ޓެކްސް ހިމެނިފައިވާއިރު ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ހިމަނާކަށް ނުޖެހެ އެވެ.
ސަބްސިޑީގެ ތެރޭގައި ހިމެނެނީ ސަރުކާރުން ކާޑުގެ ބާވަތް ތަކަށް ދެވޭ ސަބްސިޑީ އާއި ފެނުގެ ސަބްސިޑީ އާއި ޕްރީ ސްކޫލްތަކަށް ދެވޭ ސަބްސިޑީ އެވެ.
މިދިޔަ އަހަރުގެ ނޮމިނަލް ޖީޑީޕީ (މާކެޓް ޕްރައިސް) އަކީ 86.788 މިލިއަން ރުފިޔާ އެވެ. މިއީ 4.6 ޕަސެންޓުގެ
ކުރިއެރުމެކެވެ. މިދިޔަ އަހަރު ވަކިވަކި ތަކެތިން ނެގޭ ޓެކްސް އާއި ސަބްސިޑީގެ ފަރަގަކީ 11.316 މިލިއަން ރުފިޔާ އެވެ. މިބައި
ކުރިއެރުމަށް ދިމާވި އެންމެ ބޮޑު ސަބަބަކީ ޓޫރިސްޓުން ރާއްޖެ އަންނަވަރު އިތުރުވެ ޑިއުޓީ ފުރީ ޝޮޕް ރޯޔަލިޓީގެ ގޮތުގައި
ނެގި ޓެކުސް 2018 ވަނަ އަހަރާއި އަޅާބަލާއިރު 18 ޕަސެންޓް ކުރިއެރުމެވެ.
އެންމެ ބޮޑު ހިއްސާއެއް ކުރީ ކޮން ދާއިރާ ތަކެއް؟
މިދިޔަ އަހަރު އިގްތިސޯދީ ބައިތަކުން ގައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައި ވަނީ ޓޫރިޒަމް ދާއިރާއިން ނެވެ. އެ ދާއިރާގެ ހިއްސާއަކީ 21.5 ޕަސެންޓެވެ. އަދި 2018 ވަނަ އަހަރާއި އަޅާބަލާއިރު 2019 ވަނަ އަހަރު މި ދާއިރާގެ އުފެއްދުންތެރިކަން ކުރިއަރައިދިއުމުގެ ސަބަބުން މި ދާއިރާގެ ހިއްސާ މައްޗަށް ގޮސްފައި ވެއެވެ. މިދިޔަ އަހަރު ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައި ވަނީ ދަތުރުފަތުރާއި ޕޯސްޓާއި މުވާސަލާތީ ހިދުމަތްތަކުގެ ދާއިރާ އިންނެވެ. މި ދާއިރާ އިން ހިއްސާ ކުރީ 11.0 ޕަސެންޓެވެ. އަދި ތިން ވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮތީ ސަރުކާރުގެ އިދާރީ ހިންގުމުގެ ދާއިރާ އިންނެވެ. މި ދާއިރާގެ ހިއްސާއަކީ 8.2 ޕަސެންޓެވެ.
- ޓޫރިޒަމް
- ދަތުރުފަތުރު
- ޕޯސްޓް
- މުއާސަލާތީ ހިދުމަތްތައް
- ސަރުކާރުގެ ހިންގުން
ދަތުރުފަތުރު ކުރުމުގެ ދާއިރާގައި ހިމެނެނީ، ކަނޑު ދަތުރާއި ވައިގެ ދަތުރާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތްތަކުގެ އިތުރުން
ދަތުރުފަތުރާއި ގުޅުން ހުރި އެހެނިހެން ހިދުމަތްތައް ދިނުމުގެ ސިނާއަތް ތަކެވެ. މި ދާއިރާއަށް އެންމެ ބޮޑު ހިއްސާއެއް ކުރަނީ ވައިގެ ދަތުރުފަތުރާ ގުޅުންހުރި ހަރަކާތްތަކުންނެވެ.
ޓޫރިޒަމާއި ވައިގެ ދަތުރުފަތުރަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ދާއިރާ ކަމަށް ވުމުން ޓޫރިޒަމަށް އަންނަ ކުރިއެރުމާއި ލޮޅުންތަކުގެ އަސަރު މި ދާއިރާއަށް ވެސް ފޯރަ އެވެ. ހަމަ އެހެންމެ އިމާރާތް ކުރުމުގެ ދާއިރާއާއި ދަތުރުފަތުރު ކުރުމުގެ ދާއިރާއާއި ވެސް ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ދަތުރުފަތުރު ކުރުމުގެ ދާއިރާ 1.9 ޕަސެންޓަށް ކުރިއެރުމަށް ފަހު 2018 ވަނަ އަހަރު މި ދާއިރާ 3.7 ޕަސެންޓް ކުރިއެރި އެވެ. އަދި މިދިޔަ އަހަރު މިދާއިރާ ވަނީ 6.7 ޕަސެންޓުން މަތިވެފަ އެވެ. މިގޮތުން 2018 ވަނަ އަހަރު ރާއްޖޭގެ ވައިގެ ބަނދަރު ތަކުން ދަތުރު ކުރި ފުލައިޓްގެ ނިސްބަތް 53.1 ޕަސެންޓުގެ ކުރިއެރުމަށް ފަހު މިދިޔަ އަހަރު ވަނީ 13.6 ޕަސެންޓް އިތުރުވެފަ އެވެ. އަދި ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް އެކިއެކި ފްލައިޓް ތަކުން އައި ޕަސިންޖަރުންގެ އަދަދު ވެސް 2019 ވަނަ އަހަރު ވަނީ 12.2 ޕަސެންޓް ކުރިއެރުމެއް ހޯދާފަ އެވެ.
އިމާރާތް ކުރުން 2019 ގައި މަޑު ޖެހުނު
އިމާރާތްކުރުމުގެ ދާއިރާގެ ކުރިއެރުން 2016 އަނަ އަހަރު ކުޑަކޮށް މަޑުޖެހިލުމަށް ފަހު 2017 ގައި 14.1 ޕަސެންޓް މަތިވެ، އަދި 2018 ވަނަ އަހަރު 20.8 ޕަސެންޓް ކުރި އެރި އެވެ. ނަމަވެސް މިދިޔަ އަހަރު މި ދާއިރާ ކުރިއެރުން މިވަނީ 0.3 ޕަސެންޓް ދަށްވެފަ އެވެ.
މި ދާއިރާގެ ކުރިއެރުން މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ދައުލަތުން ކުރިއަށް ގެންދާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، އަމިއްލަ ފަރާތްތަކުން ގެދޮރު އިމާރާތްކުރުމުގެ މަސައްކަތްތައް އިތުރުވުމާއި ބޭރުގެ އިންވެސްޓަރުންނާއި ގުޅިގެން ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް އިތުރުވުމުގެ މައްޗަށެވެ.
ކަސްޓަމްސްގެ ހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް އެތެރެ ކުރި އިމާރާތް ކުރުމަށް ބޭނުންކުރާ މުދަލުގެ މިންވަރު
2016 ވަނަ އަހަރު 25.2 ޕަސެންޓް އިތުރުވެ، 2017 ވަނީ 10.2 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި 2018 ވަނަ އަހަރު
މި އަދަދު ވަނީ 32.8 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ. ނަމަވެސް ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ނިމުމާއި ގުޅިގެން 2019 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި އިމާރާތް ކުރުމަށް ބޭނުންކުރާ މުދަލުގެ މިންވަރު ވަނީ 3.8 ޕަސެންޓް ދަށްވެފަ އެވެ. ނޮމިނަލް ޖީޑީޕީން މި ދާއިރާގެ އުފެއްދުންތެރި ކަމަށް ހިއްސާ ކުރި މިންވަރަށް ބަލާއިރު ފާއިތުވި 2018 ވަނަ އަހަރު 33.1 ޕަސެންޓް މިދިޔަ އަހަރު ވަނީ 5.0 ޕަސެންޓް ދަށްވެފަ އެވެ.
މަސް ބާނާ އަދަދު އިތުރުވި
މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު އަންގައިދޭ އެންމެ މުހިންމު އެއް ތަފާސް ހިސާބަކީ ރާއްޖޭގައި ބާނާ
މަހުގެ މިންވަރެވެ. ދެހާސް ސޯޅަ ވަނަ އަހަރު މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ވިދިވިދިގެން ދެ އަހަރު ދަށަށް ދިއުމަށް ފަހު 1.3 ޕަސެންޓު ކުރި އަށް ދިޔަ އެވެ. އަދި 2017 ވަނަ އަހަރު މިދާއިރާ އަށް 11.0 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާއިރު 2018 ވަނަ އަހަރު ހުރީ 5.6 ޕަސެންޓުގަ އެވެ. އަދި 2019 ވަނަ އަހަރު މިއަދަދު ހުރީ 5.9 ޕަސެންޓުގަ އެވެ. މިގޮތުން 2017 ވަނަ އަހަރު 143 ހާސް މެޓްރިކް ޓަން އަދި 2018 ވަނަ އަހަރު 151 މެޓްރިކްޓަނުގެ މަސްބާނާފައި ވާއިރު 2019 ވަނީ 160 މެޓްރިކްޓަނުގެ މަސް ބޭނި އެވެ. އަދި 2019 ވަނަ އަހަރު މި ދާއިރާގެ ހިއްސާ ހުރީ 4.2 ޕަސެންޓުގަ އެވެ.
ބޮލަކަށް ޖެހެނީ ކިހާ ވަރެއް؟
މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ނޮމިނަލް ޖީޑީޕީން ބޮލަކަށްޖެހޭ މިންވަރު ނުވަތަ ޖީޑީޕީން ބޮލަކަށް ޖެހޭ މިންވަރު ހުރީ 10،541 ޑޮލަރު ( 162،542ރ.) އެވެ. ވޭތުވެދިޔަ ފަސް އަހަރު 2014 އިން 2019 އަށް ނޮމިނަލް ޖީޑީޕީން ބޮލަކަށްޖެހޭ މިންވަރުގެ ކުރިއެރުން ވަނީ އެވްރެޖްގޮތެއްގައި 4.60 ޕަސެންޓުގެ އިތުރު ވުމެއް ލިބިފަ އެވެ. ޓޫރިޒަމް ރަނގަޅުވެ، ދަތުރުފަތުރުގެ ދާއިރާ އާއި ސަރުކާރުގެ އިދާރީ ހިންގުމުގެ ދާއިރާގެ އުފެއްދުންތެރިކަން ހަލުއި މިނެއްގައި އިތުރުވުމުން މިދިޔަ އަހަރުގެ ނިޔަލަށް އިގްތިސޯދީ ދުވެލި ހުރީ 7.0 ޕަސެންޓުގަ އެވެ.
ވިޔަފާރި ހިއްސާ 6.1 ޕަސެންޓް ދަށްވި
ވިޔަފާރީގެ ދާއިރާގެ ހިއްސާ މިދި އަހަރު ވަނީ 6.1 ޕަސެންޓް ދަށަސް ގޮސްފަ އެވެ. ރާއްޖެއަކީ ނިސްބަތުން އުފައްދާ ތަކެތި މަދު އަދި އިމްޕޯޓް ކުރާ މުދަލަށް ބަރޯސާވާ ގައުމަކަށް ވާތީ، ރާއްޖޭގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިޔަފާރި ބަރޯސާ ވަނީ އިމްޕޯޓް އަށެވެ. މި ދާއިރާގެ އުފެއްދުންތެރި ކަމަށް އަންނަ ބަދަލު ދެނެގަތުމަށް ބޭނުންކުރާ އިންޑިކޭޓާއަކީ ރާއްޖެއަށް އިމްޕޯޓް ކުރި މުދާ (ސަރުކާރުގެ ބޭނުމަށް އެތެރެ ކުރާ މުދާ ނުހިމަނައި) މުދާ އިތުރުވާ މިންވަރެވެ. މި މިންގަނޑުން ބަލާއިރު 2016 ވަނަ އަހަރު ވިޔަފާރީގެ ބައިގެ ކުރިއެރުން 11.8 ޕަސެންޓުގައި ހުރިއިރު 2017 ވަނައަހަރު މި ބައިގެ ކުރިއެރުން ހުރީ 2.1 ޕަސެންޓުގަ އެވެ. އަދި 2018 ވަނަ އަހަރު މި ދާއިރާ ވަނީ 7.3 ޕަސެންޓަށް ކުރިއެރި އެވެ. ނަމަވެސް މިދިޔަ އަހަރު މި ދާއިރާ ވަނީ 2.1 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި 2018 ވަނަ އަހަރު ރާއްޖެ އަށް އިމްޕޯޓްކުރި (ސަރުކާރުގެ ބޭނުމަށް އެތެރެކުރާ މުދާ ނުހިމަނައި) ބަލާނަމަ 24.5 ޕަސެންޓް އިތުރުވެފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ވަނީ 2.26 ޕަސެންޓް ދަށްވެފަ އެވެ.
ސަރުކާރުގެ އިދާރީ ހިންގުމުގެ މަތިވި
ސަރުކާރުގެ އިދާރީ ހިންގުމުގެ ދާއިރާގެ ހިއްސާ 2019 ވަނަ އަހަރު ހުރީ 8.2 ޕަސެންޓުގަ އެވެ. އަދި މި ދާއިރާގެ ކުރިއެރުން
2018 ވަނަ އަހަރު 5.4 ޕަސެންޓުގައި ހުރި އިރު 2019 ވަނަ އަހަރު މި ދާއިރާގެ ކުރިއެރުން ވަނީ 11.1 ޕަސެންޓަށް މަތިވެފަ އެވެ. މި ދާއިރާގެ އުފެއްދުންތެރި ކަމަށް އަންނަ ބަދަލު ދެނެގަތުމަށް ބޭނުން ކުރެވޭ އިންޑިކޭޓާ އަކީ ސަރުކާރު މުއައްޒަފުންނަށް ދޭ މުސާރަ އަށް ބިނާކޮށް އެކުލަވާލެވިފައިވާ "އިންޑެކްސް" އެވެ. މިދިޔަ އަހަރު މި އިންޑެކްސް ވަނީ 106 އިން ވަނީ 110.2 އަށް މަތިވެފަ އެވެ. މިއީ 8.3 ޕަސެންޓުގެ ކުރިއެރުމެކެވެ.