ކަލާޒް ޗެނަލްގެ ކާމިޔާބު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 14 ވަނަ ސީޒަން ޕްރެމިއާ ކޮށްފި އެވެ. މިފަހަރު ބިގް ބޮސްގެ ގެއަށް ވަދެފައިވާ ބައިވެރިންގެ ތެރޭގައި ގިނައީ ޓީވީ ތަރިންނެވެ. އަދި ލަވަކިޔުންތެރިންނާއި ލަވަކިޔުންތެރިންގެ ދަރިން ވެސް މިފަހަރުގެ ޝޯގައި ބައިވެރިވެ އެވެ.
ކުރީ ސީޒަންތައް ކާމިޔާބު ކޮށްފައިވާ ބައެއް ޓީވީ އެކްޓަރުން މިފަހަރުގެ ޝޯގައި ވެސް ބައިވެރިވެ އެވެ. އެންމެ ފަހުން ނިމުނު ސީޒަން ކާމިޔާބުކުރި ސިދާރްތު ޝުކްލާ އާއި އޭގެ ކުރީ ސީޒަން ކާމިޔާބުކުރި ހީނާ ޚާން އަދި ގޯހަރް ޚާން ވެސް މިފަހަރު ބިގް ބޮސްގެ ގޭގައި ސިއްރު ކޮޓަރިއެއްގައި ތިބެގެން ވަރަށް ސިއްރު ކަންތައްތަކެއް ކުރާނެ އެވެ.
ޝޯގެ ބައިވެރިން މުޅީން ޔަގީން ވާނީ ޝޯ ފެށޭތާ 15 ދުވަސް ފަހުންނެވެ. މިހާރު ޝޯގައި ބައިވެރިވެގެން ބިގް ބޮސްގެ ގެއަށް ވަދެ ތިބި ބައިވެރިންގެ ތެރެއިން ވެސް ހަތަރު މީހަކު މިހާރުއްސުރެ "ރިޖެކްޓް" ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
މި ސީޒަންގައި ބިގް ބޮސްގެ ގެއަށް ފުރަތަމަ ވަދެފައިވަނީ 11 ބައިވެރިއެކެވެ. އެއީ ޓީވީ އެކްޓަރު އީޖާޒް ޚާން، ނިކީ ޓަމްބޯލީ، ރޫބީނާ ޑިލައިކް، އަބިނެވް ޝުކްލާ، ޕަވިތުރަ ޕޫނިއާ، ޖާން ކުމާރު ސާނޫ، ލަވަކިޔުންތެރިޔާ ރާހޫލް ވައިދްޔާ، ސާރާ ގުރުޕާލް، ޝެހްޒާދު ޑެއޯލް، ނިޝާންތު ކުމާރު މަލްކާނީ އަދި ޖާސްމީން ބަސީން އެވެ.
މީގެ ތެރެއިން އީޖާޒް ޚާނަކީ ވަރަށް ގިނަ ޓީވީ ސިލްސިލާތަކުގައި ލީޑް ރޯލު ކުޅެފައިވާ އެކްޓަރެކެވެ. ސޯޝަލް ޑިސްޓެންސިންގެ ގަވާއިދުތައް ބިގް ބޮސް ހައުސްގައި މިފަހަރު ފޮލޯ ކުރާތީ އީޖާޒް ވަރަށް ހިތްހަމަޖެހެ އެވެ. ނަމަވެސް ބިގް ބޮސް އޭނާއަށް ވާނީ ވަރަށް ބޮޑު ޗެލެންޖަކަށެވެ. ރުޅި ކޮންޓްރޯލްކުރަން އުނދަގޫވީމަ އެވެ.
ދެ ވަނަ ބައިވެރިޔަކީ ނިކީ ޓަމްބޯލީ އެވެ. ސައުތު އިންޑިއާގެ ފިލްމުތައް ކުޅޭ މި ބަތަލާ އަކީ 'އަނގަގަދަ މިތުރެކެވެ'. އަދި ބިގް ބޮސްގެ ގޭގައި މިފަހަރު ދިރިއުޅޭ ފިރިހެން ބައިވެރިންގެ ހިތް ހަލާކުކުރަން ނިކީ ހުރީ ތައްޔާރުވެގެންނެވެ. މިހާރުއްސުރެ އޭނާ އާއި އީޖާޒް އާ ކަނޑިއާ ކަނޑި ވެފައި ވެއެވެ. ވީމާ ކުރިޔަށް އޮތް ތަނުގައި މި ދެ ބައިވެރިންގެ ވަރަށް ވަރުގަދަ އަރާރުންގަނޑު ފެންނާނެ ކަމަށް ބެލެވެ އެވެ.
ތިން ވަނަ ބައިވެރިޔަކީ ޖާސްމީން ބަސީން އެވެ. މަޝްހޫރު ޓީވީ ސިލްސިލާ "ނާގިން"ގައި އެކްޓްކޮށްފައިވާ ޖާސްމީން ވަނީ "ހަތުރޯންކީ ކިލާޅީ"ގެ ދެ ސީޒަންގައި ބައިވެރިވެފަ އެވެ. ނަމަވެސް ބިގް ބޮސް އަކީ ޖާސްމީނަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ކުޑަކުއްޖެއް ހެން އުޅޭ ޖާސްމީން ކިރިޔާ ކަމެއް ވާއިރަށް ވަރަށް ބާރަށް ރޯނެ އެވެ. ވީމާ ބިގް ބޮސްގެ ގޭގައި މާ ގިނަ ދުވަހު އޭނާ އަށް ކެތް ކޮށްލެވޭނެ ކަމަކަށް ނުބެލެވެ އެވެ.
ޓީވީ އެކްޓަރު ޕަވިތުޔަ ޕޫނިއާ ވެސް މިފަހަރުގެ ބިގް ބޮސްގައި ބައިވެރިވެ އެވެ. އެމްޓީވީގެ ސްޕިލިޓްސްވިލާގައި ވެސް ބައިވެރިވި ޕަވިތުރަ ބުނާ ގޮތުގައި އޭނާގެ ހިތް ހަލާކުކުރާ ކޮންމެ މީހެއްގެ ބޯ ފަޅާލަން އޭނާ ތައްޔާރެވެ. އެންޓަޓައިންމަންޓް އިންޑަސްޓްރީއަށް ޕަވިތުރަ ވަދެފައިވަނީ އޭނާގެ އާއިލާގެ މީހުންގެ ނުރުހުމުގަ އެވެ. ވީމާ މި ޝޯގައި ބައިވެރިވެ އާއިލާގެ ލޯބި ހޯދުމަކީ ޕަވިތުރަގެ އުންމީދެކެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ދަރިފުޅު ޖާން ކުމާރު ސާނޫ ވެސް ބިގް ބޮސްގެ ގެއަށް ވަދެފައިވާ ބައިވެރިންގެ ތެރޭގައި ހިމެނެ އެވެ. ނަމަވެސް މިހާރުވެސް އޭނާ ހުރީ ރިޖެކްޓްކޮށްފައި ކަމަށް ޚަބަރުތައް ބުނެ އެވެ. ލަވަކިޔުންތެރިއަކަށް ވުމަށް އުންމީދުކުރާ ޖާން ބުނި ގޮތުގައި ބިގް ބޮސްގެ ގެއަށް އޭނާ ވަންނަކަން އެނގުމުން ބައްޕަ ވަރަށް ކަންބޮޑުވި އެވެ. ނަމަވެސް ބައްޕަގެ މަޝްހޫރުކަން އޭނާއަށް އަނބުރާލަން ޖާން މިހާރު ވަނީ ތައްޔާރުވެފަ އެވެ.
އިންޑީއަން އައިޑޮލްގެ ފުރަތަމަ ސީޒަންގައި އެ ސީޒަންގެ އެއްވަނަ ހޯދި އަބިޖީތު ސާވަންތާއެކު ފައިނަލްގައި ވާދަކުރި އެއް ލަވަކިޔުންތެރިޔަކީ ރާހުލް ވައިދްޔާ އެވެ. ބިގް ބޮސްގެ ގެއަށް ވަދެފައިވާ ބައިވެރިންގެ ތެރޭގައި ރާހޫލް ހިމެނެ އެވެ. ރާހޫލް ބުނީ ބިގް ބޮސްގެ ގެއަށް ވަނީ ބިޒީ ޝެޑިއުލުން ކުޑަ ވަގުތުކޮޅެއް އަރާމުކޮށްލަން ހުސްކޮށްލުމަށް ކަމަށެވެ.
ޓީވީ އެކްޓަރު އަބިނެވް ޝުކްލާ އާއި އޭނާގެ އަންހެނުން އަދި ޓީވީ ބަތަލާ ރޫބީނާ ވެސް ބިގް ބޮސްގެ ގޭގައި މިހާޜު އެބަ ތިއްބެވެ. އަބިނެވް އަށް ބެލުންތެރިންގެ ތަރުހީބު ލިބުނުއިރު އަދި ރޫބީނާ އަށް މީހުންގެ ހިތް އަތުލެވޭ ގޮތެއް ނުވެ އެވެ. އޭނާވެސް ރިޖެކްޓް ވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އަނެއް ބައިވެރިޔަކީ ސާރާ ގުރްޕާލް އެވެ. ސާރާ އަކީ އެކްޓަރެކެވެ. މޮޑެލް އެކެވެ. އަދި ލަވަކިޔުންތެރިއެކެވެ. ޕަންޖާބަށް ނިސްބަތްވާ ސާރާގެ ވަރަށް ގިނަ މިއުޒިކް ވީޑިއޯތައް ރިލީޒްކޮށްފައި ވެއެވެ. އަދި ބައެއް ލަވަތައް އޭނާގެ އަޑުން ރެކޯޑް ކޮށްފައި ވެސް ވެއެވެ.
ނިޝާންތު ސިންގް މަލްކާތީ އަކީ ވެސް މިފަހަރުގެ ޝޯގެ ބައިވެރިއެކެވެ. އޭނާއަކީ ވެސް ޓީވީ އެކްޓަރެކެވެ. ނިޝާންތު ބުނަނީ އޭނާ ގަޔާވާ މީހަކާ ނަމަ ވަރަށް ފަސޭހައިން އެޖަސްޓް ވާނެ ކަމަށެވެ. ނަމަވެސް ގަޔާ ނުވާ މީހަކާ ކުޑަކޮށް ވެސް ގުޅުމެއް ނުބޭއްވޭނެ ކަމަށެވެ. އޭނާ ބިގް ބޮސްގެ ގެއަށް ވަންނަނީ އެޖަސްޓް ކުރެވޭނެ ވަރެއް ވަޒަން ކޮށްލާށެވެ.
ޝޯގެ އެންމެ ފަހުގެ ބައިވެރިޔަކީ ޝާހްޒާދް ޑިއޯލް އެވެ. ޝާހްޒާދު އަކީ ޕަންޖާބުގެ މޮޑެލް އެކެވެ. އޭނާ ބޭނުންވަނީ އެކްޓަރު ދިލްޖީތު ދޮސާންޖް އާއި ވާރިސް އަހުލޫވާލިއާ ގޮތަށް ފަގުޑިއަޅައިގެން އުޅޭ އެކްޓަރުންގެ ނަން ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ކުރާށެވެ.