ދުނިޔެ

ވެރިކަން ދިފާއުކުރަން ރާޖަޕަކްސަ ސިފައިން ނެެރެން އުޅުނު ކަމަށް ބުނެފި

ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެރިކަން ގެއްލިވަޑައިގެންނެވި މަހިންދަ ރާޖަޕަކްސަ ވަނީ ވޯޓުގެ ނަތީޖާ އޭނާއާ އެއްކޮޅަށް ނުނިމޭނެކަން ޔަގީންވެ ވަޑައިގަތުމާ އެކު ސިފައިން ނެރެގެން ވެރިކަން ދިފާއުކުރެއްވުމަށް މަސައްކަތް ކުރައްވާފައި ކަމަށް އާ ރައީސްގެ ތަރުޖަމާނަކު ތުހުމަތުކުރައްވައިފި އެވެ.

ތަރުޖަމާނު ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި އިންތިހާބުގެ ނަތީޖާގައި ރާޖަޕަކްސަ އަށް 47.6 ޕަސެންޓް ލިބިވަޑައިގަތުމާ އެކު ސިފައިންގެ އެކި ފައުޖުތަކަށް ފިއްތުންތައް ކުރިމަތިކުރަން ފެށި ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އަސްކަރިއްޔާ އިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ރާޖަޕަކްސަގެ ކުރީގެ ތަރުޖަމާނު ވިދާޅުވީ އެކަމާ ބެހޭ ގޮތުން އޭނާ އަށް ވާހަކަ ދެއްކެން ނެތް ކަމަށެެވެ.

ސްރީ ލަންކާގެ ސިޔާސީ ކަންކަމުގެ ތެރެއަށް އަސްކަރިއްޔާ އިން ސީދާ ގޮތެއްގައި ވަނުމަކީ އާންމު ކަމެއް ނޫނެވެ. އެ ގައުމުގައި ސިފައިން ނިކުމެ ވެރިކަން ވައްޓާލާފަައި ވަނީ 1962 ވަނަ އަހަރު އެވެ. އޭގެ ފަހުން އެފަދަ ކަމެއް ހިނގައިފައެއް ނުވެ އެވެ.

އާ ރައީސް މައިތުރިޕަލާ ސިރިސޭނާގެ އަރިސް ބޭފުޅެއް ކަމަށްވާ ރަޖީތާ ސެނަރަތުނާ ނޫސްވެރިންގެ ބައްދަލުުވުމެއްގައި އިއްޔެ ވިދާޅުވީ ފައުޖުތަކުގެ ވެރިޔާ ޖެނެރަލް ދާޔާ ރަތުނަޔަކަ އަށް، ސިފައިން ނެރުމަށް ޕްރެޝަރު އަންނަން ފެށީ ހުކުރު ދުވަހު ހެނދުނު ރާޖަޕަކްސަ ބަލި ގަބޫލުކުރެއްވިކަން އިއުލާނުކުރެއްވުމުގެ ކުރިން ކަމަށެވެ.

"ސިފައިންގެ ފައުޖުތަކުގެ ވެރިޔާ އަށް ދިޔައީ ސިފައިން ނެރުމަށް ފިއްތުން ކުރިމަތިކުރަމުން. އެކަމަކު އޭނާ އެކަމެއް ނުކުރެއްވި. ޣައިރު ގާނޫނީ އެއްވެސް ކަމެއް ކުރުމަށް އޭނާ އެއްބަސްވެ ވަޑައެއް ނުގެންނެވި،" ސެނަރަތުނަ ވިދާޅުވި އެވެ.

"އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ރާޖަޕަކްސަ މަސައްކަތް ކުރެއްވީ އޮފީހުގައި އިންނެވުމަށް. އެކަމަކު ގޮތް ހުސްވުމުން ނިކުމެވަޑައިގަތީ."

ޑިފެންސް ސެކްރެޓަރީ އަކަށް ހުންނެވީ ރާޖަޕަކްސަގެ ކޮއްކޮ ގޮތަބަޔާ ކަމަށް ވާއިރު ރާޖަޕަކްސަ ސިފައިން ނެރެން މަސައްކަތް ކުރެއްވީ ސިފައިންގެ ވެރިންނަށް އަމިއްލަ އަށް ގުޅުއްވައިގެން ކަމެއް ނުވަތަ ކޮއްކޮ މެދުވެރިކޮށްގެން ކަމެއް ތަރުޖަމާނު ވިދާޅެއް ނުވެ އެވެ.

ރާޖަޕަކްސަ ސިފައިން ބޭނުންކޮށްގެން ވެރިކަން ދިފާއުކުރަން އުޅުއްވި ކަމަށް ތުހުމަތުކޮށްފައި މި ވަނީ އިންތިހާބުގެ ނަތީޖާއާ އެކު ރާޖަޕަކްސަ އަމަލުކުރެއްވި ސުލްހަވެރި ގޮތަށް އެމެރިކާ އާއި އެކި ގައުމުތަކުން ތައުރީފްކޮށްފައި ވަނިކޮށެވެ. --ބީބީސީ