މިދިޔަ އަހަރު ޓީޗަރުންގެ ދުވަހަށް ހާއްސަކޮށް އަވަސް އިން ހެދި ސެގްމެންޓުގައި ޓީޗަރަކާއެކު އެއްދުވަސް ހޭދަކުރި ގޮތް ކިޔުންތެރިންނަށް ގެނެސްދިނީމެވެ. ޖަމާލުއްދީން ސްކޫލްގެ ޝަޒޫ މިސް އާއެކު އަހަރުމެންގެ ކްރޫ އެތައް ގަޑިއިރެއް ހޭދަަ ކުރީ މިސްގެ ކްލާސްްތަކާއި ކިޔެވައިދިނުން ހުރި ގޮތް ބަލާލުމަށެވެ. ދުވަސް ނިމުން އިރު އަހަރުމެންގެ ޓީމް ތިބީ ޝަޒޫ މިސް އަށް ވުރެ ވަރުބަލިވެ ގެއަަށް ދާން ބޭނުންވެފަ އެވެ. އެ މިސް އަށް އިތުރު ގަޑި އެއް ނަގަން ޖެހުނަސް ނަގާނެ ހިތްވަރު ހުއްޓެވެ. ޓީޗަރުންނަކީ އެކަހަލަ ބަޔެކެވެ. ފޯރި އާއެކު މަސައްކަތް ކުރާނެ އެވެ. އެ ހިތްވަަރަކަށް ނިމުމެއް ނޯވެ އެވެ.
މި އަހަރުގެ ތީމަކީ 'ޓީޗާސް ލީޑިން އިން ކްރައިސިސް؛ ރީއިމޭޖިނިން ދަ ފިއުޗާ' އެވެ. ޓީޗަރުންގެ ދުވަސް އަހަރުމެނާ މި ލައްވާލީ ދުވަހަކުވެސް ނުދެކޭ ފަދަ ގޮތަކަށެވެ. އަހަރުގެ ބޮޑު ބައެއް ނިމުނު އިރު ދަރިވަރުންނާ ދުރުން، ލެޕްޓޮޕެއްގެ ކުޑަ ސްކްރީނެއް ތެރެއިން ދަރިވަރުންގެ މޫނުތައް ބަލާ އަޑު އަހާތާ އަށް މަސް ވަނީ އެވެ. މިއީ ރާއްޖެ ނޫނަސް ކޮވިޑުގެ ވަބާ ދިމާވި ކޮންމެ ގައުމެއްގެވެސް ހާލެވެ.
މި އަހަރުވެސް ޓީޗަރަކާއެކު އެއްދުވަސް ހޭދަކޮށްލަން ބޭނުންވި އެވެ. އެ ތަޖުރިބާ ކުރަން އަވަސް ޓީމުން މިފަހަރު ހޯދީ، ހުޅުމާލޭ ރެހެންދި ސްކޫލްގެ ޓީޗަރެކެވެ. ތައުލީމީ ދާއިރާގައި 22 އަހަރު ހޭދަކޮށް ރެހެންދި ސްކޫލަށް ހިދުމަތް ކުރާތާ ތިން އަހަރުވެފައިވާ މަރިޔަމް ސޯބިރާ އާ ދިމާވި އިރުވެސް އުޅެނީ ކްލާސްތައް ފެށުމަށް ތައްޔާރުވާށެވެ. ސޯބިރާ އަކީ ހަތަރު ކުދިންގެ މަންމަ އެކެވެ. އިންޓަވިއުއަށް އަހަރުމެންނަށް ވަގުތު ދިނީވެސް ގޭތެރޭގެ ކަންކަން ނިންމާލުމަށްފަހު އެވެ. އޭރު ގަޑިން 12 ޖަހަން އުޅެނީ އެވެ. ދަރިވަރުން ކިޔާ ގޮތުން ނަމަ ސޯބި މިސްގެ ޓައިމްޓޭބަލުން ގަޑި މިއަދު ފަށަން އޮތީ އެކެއް ޖަހާ އިރު އެވެ. އެކެއް ޖެހުމުގެ ގަޑިއިރެއް ކުރިން ކްލާހުގައި ދައްކާ ޕްރެޒެންޓޭޝަން ފައިނަލް ކޮށްލަން ކަމަށް ބުނެ ލެޕްޓޮޕް ހުޅުވާލާ މޭޒެއް ކައިރީ އިށީނދެލި އެވެ. ދެން ފަހަރަކު ސްލައިޑެއް ބަލަމުންގޮސް އެ ޕްރެސެންޓޭޝަން ނިންމާލާ ކްލާހަށް ތައްޔާރުވެއްޖެ އެވެ.
ޒޫމް އެޕްް ހުޅުވާ ކްލާސް ހޯސްޓު ކުރުމުން ހުރިހާ ކުދިންތައް ކްލާހަށް ޖޮއިންވެއްޖެ އެވެ. ދެން މިސް ކިޔަވައިދޭ ގަޑި 30 މިނެޓަށް ކުރިއަށްގެންދިޔަ އެވެ. ބައެއް ފަަހަރު ދަރިވަރުންގެ އަޑު އަންނަނީ ކެނޑި ކެނޑިގެނެވެ. އަނެއްބައި ފަހަރު މިސްގެ އަޑު ކުދިންނަށް ނީވެގެން ޝަކުވާއެއް ކޮށްލަ އެވެ. ޗެޓުންނާއި ސްޕީކަރު މެދުވެރިކޮށް ކްލާސް ކުރިއަށްގެންދިޔަ އެވެ.
މިހެން ގޮސް އެކި ގަޑިތައް ބާއްވާ ހަވީރު ވަންދެން ކުދިންނާއެކު ވަގުތު ހޭދަ ކުރި އެވެ. ކުރިން ސްކޫލުގައި ހޭދަ ކުރާ ވަގުތަށްވުރެ ވަގުތު މަދެވެ. އެކަމަކު މިސް ބުނާ ގޮތުން ނަމަ އެއީ ހީވާ ހީވުމެކެވެ. ސްކްރީނުން ފެންނަ ވަގުތު އެކަނި އެއީ ވަގުތު ކަމަށް ނުދެކެވޭނެ އެވެ. ކްލާހަށް ތައްޔާރުވުމާއި ކްލާސް ނިމުމުން ދަރިވަރުންގެ ފިލާވަޅުތައް މާކް ކުރުން ފަދަ ކަންކަމަށް ކުރިއަށްވުރެ ބޮޑަށް މިހާރު ވަގުތު ހޭދަވެ އެވެ.
"ވަރަށް ގިނަ މީހުން ބުނޭ މިހާރު ވަރަށް ފަސޭހަ ދޯ އޭ. އެކަމަކު އަސްލު ފަސޭހަ އެއްވެސް ނޫން. އަހަރުމެން ޖެހުނީ މުޅިން އަލަށް މިކަހަލަ ކަންކަން ދަސްކޮށް މިކަމަށް އަހުލުވެރިވާން އެހެންވީމަ ވަރަށް އުނދަަގޫވާނެދޯ؟ އެކަކުވެސް ތިބީ މި ދުވަސް ދެކޭނެ ކަމަށް ހީކޮށްގެނެއް ނޫން. މި ހާލަށް ފިޓުވާން ޖެހުނީ. ކޮންމެ ހާލެއްގައިވެސް ކިޔަވައިދޭން ބޭނުންވޭ"
"އަދި ވިސްނާލަބަ، ވައިފައި މި ހުންނަނީ ގޭގައި. ގޭ އެހެން ކުދިންވެސް ތިބޭ އިރު އެންމެން ބޭނުން ކުރާނެ ދޯ ވައިފައި. މިސްމެންް ބޭނުން ކުރަނީ ފޯނުން ހޮޓްސްޕޮޓް ދޫކޮށްގެން. ގިނަ ޓީޗަރުން މިހެންް މި މަސައްކަތް ކުރަނީ"
ސޯބި މިސް ބުނި ގޮތުގައި، ކްލާހުގެ ކުދިންތައް ނުފެނި އެހާ ގިނަ ދުވަސް ހޭދަކުރަން ޖެހުމުން ކުރެވެނީ ތަފާތު އިހުސާސެކެވެ. އެންމެ މިސް ވަނީ އެކަމެވެ. ސަބްޖެކްޓު ޓީޗަރަކަށް ނުވެ ކްލާސް ޓީޗަރެއް ކަމުން ދުވަހުގެ ގިނަ ވަގުތު ހޭދަ ކުރީ އެ ކުދިންނާއެކު އެވެ. ފަސް މާއްދާ ކިޔަވައިދޭއިރު، ބްރޭކް ގަޑިތަކާއި އިތުރު ގަޑިތަކުގައި ޖެހި މަޖަލާއި ސަކަރާތް އެއީ މިހާރު ދުރު ހަނދާންތަކެވެ. އަދި ސްޓާފް ރޫމުގައި އެހެން ޓީޗަރުންނާ ގުޅިގެން ކުރި މަސައްކަތްތައް ވެސް ވަރަށް ހަނދާންވާކަމަށް ބުންޏެވެ.
"ސްކޫލަކީ ބޮޑު އާއިލާ އެއް އަސްލު. ހުރިހާ ޓީޗާސްވެސް ވަރަށް ގުޅޭނެ. އެންމެން އެކީ އުޅޭނީ. އެހާ ގިނަ ދުވަހު އެކަކުވެސް ނުފެނި ވަރަސް މިސްވޭ. އަލުން ނޯމަލް ހާލަތަށް ގޮސް ސްޓާފް މީޓިން ތަކާއި ކްލާސްތައްވެސް ނޯމަލްކޮށް ބޭއްވޭ ދުވަސް އެއީ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަސް. އެދުވަހަށް މިހާރު އިންތިޒާރު ކުރެވެނީ"
ކްލާސްތައް ނިމުމުން ގޭގައި ކުރަންޖެހޭ އެހެން މަސައްކަތްތައް ކުރުމަށްފަހު ދެން އަނެއްކާވެސް އޮތީ އަނެއް ދުވަހުގެ ކްލާހަށް ތައްޔާރުވުމެވެ. މާދަމާގެ ގަޑީގައި ކިޔަވައިދޭނެ އެއްޗެހި ސްލައިޑުތަކަށް އަޅައި ޕްރެޒެންޓޭޝަނެއް ހެދުމެވެ. އެކަމުގައިވެސް ވަގުތު ހޭދަ ކުރި އެވެ. ލެޕްޓޮޕާ ދުރު ނުވެ އެ ހުރީ އަބަދު ހުޅުވާފަ އެވެ. ދޭތެރެއަކުން އައިސް ކޮންމެވެސް ކަމެއްކޮށްލަން ވަގުތު ހޯދަ އެވެ.
ކޮވިޑާ ހެދި ސްކޫލްތައް ބަންދުވި ކަމަކު ކިޔަވައިދިނުމެއް ހުއްޓައެއް ނުލަ އެވެ. ދުވަހުގެ ބޮޑު ބައި މި ކަމުގައި ހޭދަ ކުރި އިރު މި ޓީޗަރުގެވެސް އޮތީ ހަމަ އެންމެ ޝަކުވާ އެކެވެ. އެއީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ޓީޗަރުންވެސް ކުރާ އާދޭހެވެ. ކުރާ މަސައްކަތަށް އެކަށީގެންވާ މުސާރައެއް ހޯދުމެވެ.
ސޯބި މިސްގެ ބުރަ އެއް ދުވަސް ދާ ގޮތް އަހަރުމެންނަށް ގާތުން ފެނި އިހުސާސްވެސް ކުރެވުުނެވެ. މިސްް އާއެކު ވާޗުއަަލް ކޮށް މި ގަޑި ދާގޮތްވެސް ފެނުނީ އެެ. ކޮވިޑެއް ކަމަކު ކިޔަވައިދިނުމަކަށް ފޫހިކަމެއް ވަރުބަލިކަމެއް ނެތެވެ. މިސް ބުނާ ގޮތުން ނަމަ، ޓީޗަރެއް އަބަދުވެސް ވާނީ ޓީޗަރަކަށެވެ. އެއީ ކޮންމެ ހާލެއްގައި އެކަން ކުރަން ޖެހުނަސްމެ އެވެ.