ވިޔަފާރި

"ޓޫރިސްޓުންގެ އިތުބާރު އެބައޮތް، ބޭނުމީ އާދެވޭ ގޮތެއް"

ރާއްޖެ އަންނަން ބޭނުންވެފައި ތިބި މީހުން ރާއްޖެއާމެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ގަތަރު ޓްރެވަލް މާކެޓް (ކިޔުޓީއެމް) ފެއާ އިން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވި ގޮތުގައި ޓޫރިސްޓުން ރާއްޖެއާމެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށާ، މިހާރު ބޭނުންވަނީ އަންނަން ފްލައިޓްތަކާއި ބޯޑަރުތަކުގައި ހުރި ހުރަސްތައް ނެތިގެން ދިއުން ކަމަށެވެ.

"ރާއްޖެ އައިސް އެ މީހުންގެ ގައުމުތަކަށް ގޮސް ކަރަންޓީން ވާން ދިމާވުމާއި ދަތުރު ކުރަން ހުރި ހުރަސްތައް މިހާރުގެ ހުރަހަކީ. ރާއްޖެއާ މެދު ޓޫރިސްޓުންގެ ފުރިހަމަ ޔަގީންކަން އެބައޮތް. އެކަމަށްޓަކައި އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވުމާއެކު، މިހާތަނަށް 20،700 ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ. މިއީ މިހާރުގެ ކުރިއެރުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"މިހާރު ޔޫރަޕުން ވެސް ޑައިރެކްޓް ފްލައިޓް އާދެ. މިހާރު ކުރި އަށް ދާ ގޮތުން ނަމަ 2021 ގައި ރަނގަޅު ހިސާބަކަށް ދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވި ގޮތުގައި މިހާރު އޮތް އެންމެ ބޮޑު އިތުބާރަކީ މިހާތަނަށް އެއްވެސް ޓޫރިސްޓެއް އެނދުމަތިކޮށްގެން ފަރުވާދޭން އެއްވެސް ޓޫރިސްޓަކަށް ނުޖެހުން ކަމަށެވެ. އަދި ރާއްޖޭގައި ކަރަންޓީންއަށް ޓޫރިސްޓެއް ދިޔަނަމަވެސް އެމީހަކު ވެސް ހުންނާނީ ރިސޯޓެއްގައި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ ގިނަ ބަޔަކު ބައިވެރިވި މި ވެބިނާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުންނަށް "ނެގެޓިވް" ޓެސްޓް ރިޒަލްޓެއް އޮންނަ ގޮތަށް ހެދުމަކީ އިތުރަށް އިތުބާރު ބޮޑު ވެގެންދާނެ ކަމެއް ކަމަށެވެ.

"މީގެ އިތުރުން ވަރަށް އަވަހަށް ޓޫރިސްޓުންނަށް ޓްރެވަލް އިންޝުއަރެންސް ތައާރަފު ކުރާނަން. އޭރުން ރާއްޖެ އައުމުގެ ކުރިން އެކަވާ ނެގުމުން އިތުރު ޔަގީންކަމެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ އަންނަ މީހުންނަށް ފަހި މަގުތަކެއް ހޯދައި ދިނުމުގެ ގޮތުން އިޓަލީ އާއި ސިންގަޕޫރާއެކު ހާއްސަ މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު މިހާތަނަށް ދުނިޔޭގެ މަޝްހޫރު އެއާލައިން ތަކުން ދަނީ ދަތުރު ކުރަމުންނެވެ. މި އަހަރުގެ 15 ވަނަ ދުވަހު ބްރިޓިޝް އެއާވޭސް އިން ރާއްޖެ އަށް ދަތުރު ފަށާނެ އެވެ. އަދި އެމިރޭޓްސް އިން ވަނީ ރާއްޖެއަށް ފްލައިޓް އިތުރު ކުރާނެ ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމުގެ ގޮތުން ސަރުކާރުން އަންދާޒާ ކުރީ މި އަހަރު 800،000 ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ މި އަހަރު ބާކީއޮތް ދެ މަހު އަންނާނީ ގާތްގަނޑަކަށް 100،000 ޓޫރިސްޓުން ކަމަށެވެ.