ވިޔަފާރި

10 މިލިއަން ޑޮލަރު އިންވެސްޓްކުރުމުން ފަޅު ރަށަށް 35 އަހަރު

ޓޫރިޒަމް ނޫން ބޭނުމަށް ދޫކުރާ ފަޅު ރަށްތަކުގައި މަސައްކަތް ތަކަށް، 10 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 154 މިލިއަން ރުފިޔާ) އަށް ވުރެ ބޮޑަށް އިންވެސްޓްމަންޓެއް ކޮށްފިނަމަ 35 އަހަރަށް ކުއްޔަށް ދެވޭ ގޮތަށް ގަވައިދު ހަދައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރު މިނިސްޓްރީން އާއްމު ކޮށްފައިވާ "ރާއްޖޭގެ ފަޅު ރައްތަކާ ބެހޭ" ގަވައިދުގައިވާ ޓޫރިސްޓް ރިޒޯޓް ހެދުން ފިޔަވައި، އިގްތިސޯދީ އެކިއެކި މަސައްކަތްތައް ކުރުމަށް ދޫކުރާ ފަޅުރަށްރަށުގެ އެންމެ ކުޑަ ކުލި ކަނޑައެޅޭނެ އެންމެ ދަށް މިންގަނޑަކީ އަހަރަކަށް އަކަ ފޫޓަކަށް 10 ލާރި އެވެ. އަދި ފަޅުރަށާއެކު ދެވޭ ފަޅުގެ ސަރަހައްދުގައި އެއްވެސް މަސައްކަތެއް ކުރާނަމަ އެ މަސައްކަތެއް ކުރާ ސަރަޙައްދަކަށް ކުލި ނެގުމުގައި މިނިސްޓްރީން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަކީ އަހަރަކަށް އަކަފޫޓަކަށް ފަސް ލާރި އެވެ.

ކުލީގެ މުއްދަތު އިތުުރުވާނީ 21 އަހަރަށް

ފިޝަރީޒް މިނިސްޓްރީން ބުނީ މި ފަދަ ރަށްތައް ކުއްޔަށް ދޭ ރަށްރަށުގެ ކުލީގެ މުއްދަތު އިތުރު ކުރެވޭނީ، ކުއްޔަށް ހިފާ ފަރާތާ ރަށް ހަވާލުކުރާ ތާރީހުން ފެށިގެން ގިނަ ވެގެން 21 އަހަރަށް ކަމަށެވެ. ނަމަވެސް ރަށުގައި މަސައްކަތް ފަށަން ކުރާ އިންވެސްޓްމަންޓް 10 މިލިއަން ޑޮލަރަށްވުރެ ބޮޑުނަމަ 35 އަހަރަށް ރަށް ދެވިދާނެ ކަމަށެވެ.

މި ގަވައިދުގައިވާ ގޮތުން މިފަދަ ރަށްރަށުގެ ހިމާޔަތް ކޮށްފައިވާ ސަރަހައްދު ތަކަށް ކުއްޔެއް ނުހިނގާނެ އެވެ. މިނިސްޓްރީގެ ފަރާތުން ފަޅު ރަށެއް ކުއްޔަށް ދިނުމުގައި އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ރަށް ކުއްޔަށް ހިފާ ފަރާތަށް ދިނުމުގެ އިހްތިޔާރު ލިބިގެންވެ އެވެ.

ފަސް އަހަރުގެ އެކުއެޒިޝަން ފީ ނަގާނެ

ފަޅު ރަށެއް ކުއްޔަށް ނަގާނަމަ އެކުއިޒިޝަން ފީގެ ގޮތުގައި ފަސް އަހަރު ދުވަހުގެ ކުއްޔަށްވާ ފައިސާ ސަރުކާރަށް އެއް ފަހަރާ ދައްކަން ޖެހެ އެވެ. އަދި މި ފައިސާއަކީ ރަށުގެ ކުލީގެ ގޮތުގައި ހިމެނޭ ފައިސާ އެއް ނޫނެވެ. އަދި މިއީ ވަކި މުއްދަތަކަށް ހިފެހެއްޓޭ ފައިސާ އެއް ވެސް ނޫނެވެ. މި ފަދަ ރަށެއް ހަވާލު ކުރުމުގެ ކުރިން އިކޮނޮމިކް ކައުންސިލުގެ ހުއްދަ ފިޝަރީޒް މިނިސްޓްރީން ހޯދަން ލާޒިމް ކުރެ އެވެ.

"ކުއްޔަށް ދޫކޮށްފައިވާ ފަޅު ރަށެއްގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވޭނީ، ފަޅުރަށުގައި ކުރުމަށް ހުށަހަޅައިފައިވާ މަސައްކަތްތައް އަންގައިދޭ، މިނިސްޓްރީއާއެކު އެއްބަސްވެފައިވާ ވޯކްޕްލޭނާ އެއްގޮތަށް މަދުވެގެން 65 ޕަސެންޓް އިންވެސްޓްމަންޓުގެ މަސައްކަތް ތަކެއް ކޮށްފައިވާނަމަ އެވެ. މިގޮތުން، މިނިވަން ސާޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް އިންވެސްޓްމަންޓުގެ ހަރަދު އެނގޭ
ރިޕޯޓެއް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ،" ގަވައިދުގައިވެ އެވެ.

ފަޅު ރަށް އިންޝުއަ ކުރަން ޖެހޭ

މި ގަވައިދުގައިވާ ގޮތުން ކުއްޔަށް ދޫކުރާ ފަޅު ރަށްރަށް، ކާރިސާ ތަކުން ލިބޭ ގެއްލުމުން ސަލާމަތް ކުރަން އިންޝުއަ ކުރަން ޖެހެ އެވެ. އަދި މި ފަދަ ރަށްތައް މޮނިޓަ ކުރުމަށް އަހަރު ދެ ދަތުރު މިނިސްޓްރީން ކުރަން ޖެހެ އެވެ. މި ދަތުރަށް ހިނގާ ހުރިހާ ހަރަދެއް ބަލައްޓަން ޖެހެނީ ފަޅުރަށް ހިފާ ފަރާތުންނެވެ.

ރާއްޖޭގައި ޓޫރިޒަމް ނޫން ބޭނުން ތަކަށް މީގެ ކުރިން ވެސް ގިނަ ރަށް ތަކެއް ދޫކޮށްފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް 12 ފަޅު ރަށެއް ޓޫރިޒަމް ނޫން ބޭނުން ތަކަށް ފިޝަރީޒް މިނިސްޓްރީން ދޫކުރި އެވެ. ނަމަވެސް މި ރަށްރަތަކުގެ ތެރެއިން ދަނޑުވެރިކަމުގެ މަސައްކަތް ކުރަނީ މަދު ރަށެއްގަ އެވެ.