ވިޔަފާރި

މިހާރު ދުވާލެއްގެ މައްޗަށް އަންނަނީ 628 ޓޫރިސްޓުން

ރާއްޖެއަށް މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އަންނަނީ 628 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ހުޅުވި ޖުލައި މަހުގެ 15 އިން 30 އަށް ރާއްޖެއަށް އައިސްފައިވަނީ 1،752 ޓޫރިސްޓުންނެވެ. އެ މަހު އެވްރެޖު ގޮތެއްގައި ދުވާލަކު އައިސްފައި ވަނީ 117 ޓޫރިސްޓުންނެވެ.

އޮގަސްޓް މަހު އައިސްފައި ވަނީ 7،628 ޓޫރިސްޓުންނެވެ. އެ މަހު އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 246 މީހުންނެވެ. އަދި ސެޕްޓެމްބަރު މަހު ޖުމްލަ 9،538 މީހުން އައިސްފައިވެ އެވެ. އަދި އެ މަހު ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި އައިސްފައިވަނީ 318 މީހުންނެވެ. މި މަހުގެ އެކަކުން ފަހެއްގެ ނިޔަލަށް ފުރަތަމަ ހަފުތާ އަށް ބަލާނަމަ ޖުމްލަ 3،140 މީހުން އައިސްފައިވެ އެވެ. އަދި މިހާރު އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 628 ޓޫރިސްޓުން ރާއްޖެއަށް އާދެ އެވެ. މި ހިސާބުތައް ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު މިވަނީ 80 ޕަސެންޓު އިތުރުވެފަ އެވެ. ނަމަވެސް މި އަދަދަކީ ކޮވިޑް-19 ގެ ކުރިން ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދާ އަޅާ ބަލާއިރު އެވްރެޖު ގޮތެއްގައި 90 ޕަސެންޓުގެ ދަށް ވުމެކެވެ.

މި ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން މިހާތަނަށް އައިސްފައިވަނީ 22،007 ޓޫރިސްޓުންނެވެ. އަދި މި އަހަރުގެ ޖެނުއަރީން އޮކްޓޫބަރު ފަސް ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވާ ޖުމްލަ ޓޫރިސްޓުންގެ އަދަދަކީ 404،854 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން ގެނެސް ދީފައިވަނީ ގަތަރު އެއާވޭސް އިންނެވެ. މިދިޔަ މަހު ގަތަރު އެއާވޭސް އިން މިހާތަނަށް 60 ފްލައިޓް މޫވްމެންޓް ހަދާފައިވެ އެވެ. އެ އެއާލައިނުން 4،566 ޓޫރިސްޓުން ރާއްޖެ އަށް ވަނީ ގެނެސްދީފަ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ގެނެސްދީފައިވަނީ އެމިރޭޓްސް އިންނެވެ. އެމިރޭޓްސް އިން 50 ފްލައިޓް މޫވްމެންޓް އަޅައި 4،058 ޓޫރިސްޓުން ގެނެސް ދީފައިވެ އެވެ. ތިންވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލައިދީފައިވަނީ ރަޝިއާގެ މޮސްކޯ އިން އުދުހެން ފެށި އެރޯފްލޯޓް އިން 12 ފްލައިޓް މޫވްމެންޓުން 1،820 ޓޫރިސްޓުން ވަނީ ރާއްޖެ ގެނެސް ދީފަ އެވެ.

ޓޫރިސްޓުން އައި އެއާލައިންތައް

  • އެއާ އިންޑިއާ: 10 މޫވްމެންޓް، 551 ޓޫރިސްޓުން
  • އެޑެލްވައިސް: ދެ މޫވްމެންޓް، 54 ޓޫރިސްޓުން
  • އިއްތިހާދު އެއާވޭސް: 24 މޫވްމެންޓް، 236 ޓޫރިސްޓުން
  • އިންޑިއޯ: 16 މޫވްމެންޓް، 845 ޓޫރިސްޓުން
  • މޯލްޑިވިއަން: 32 މޫވްމެންޓް، 672 ޓޫރިސްޓުން
  • ސްރީލަންކަން އެއާލައިންސް: 32 މޫވްމެންޓް، 565 ޓޫރިސްޓުން
  • ޓާކިޝް އެއާލައިންސް: ހަތަރު މޫވްމެންޓް، 39 ޓޫރިސްޓުން

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ސެޕެމްބަރު މަހު ޖުމްލަ 242 ފްލައިޓް މޫވްމެންޓް ރާއްޖެއަށް އަޅާފައިވެ އެވެ. މިމަހުން ފެށިގެން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ވަނީ ބެލިފަ އެވެ. ސަބަބަކީ ބްރިޓިޝް އެއާވޭސް އިން މިމަހުގެ 16 ގައި ދަތުރު ފަށަން ނިންމުމާއި އެމިރޭޓްސް އިން ރާއްޖެއަށް ބާއްވާ ފްލައިޓްތައް އިތުރު ކުރަން ނިންމުމެވެ.

އެންމެ ގިނަ ޓޫރިސްޓުން ރަޝިއާ އިން

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހުގެ 15 އިން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެ ގައުމުން ރާއްޖެ އައި ޓޫރިސްޓުންގެ 16 ޕަސެންޓް ހިއްސާ ކުރިއިރު، ރަޝިއާއިން 3،598 މީހުން އައިސްފައިވެ އެވެ. އަދި ދެވަނައަށް ހިމެނެނީ ޔޫއޭއީ އެވެ. އެ ގައުމުން ރާއްޖޭގެ ޓޫރިޒަމްގެ 13.5 ޕަސެންޓް ހިއްސާ ކުރިއިރު 2،967 މީހުން އައިސްފައިވެ އެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ އެމެރިކާ އިންނެވެ. އެ ގައުމުން 2،032 މީހުން އައިސްފައިވެ އެވެ.

އެންމެ ގިނައިން ޓޫރިސްޓުން އައި 10 ގައުމު

  • ރަޝިއާ: 3،598
  • ޔޫއޭއީ: 2،967
  • އެމެރިކާ : 2،032
  • އިނގިރޭސިވިލާތް : 1،787
  • ސްޕެއިން: 1،121
  • ޖަރުމަނު ވިލާތް: 942
  • ފްރާންސް : 768
  • ބްރެޒިލް : 708
  • ޔުކްރެއިން : 652
  • މިސްރު : 505

ޓޫރިސްޓުން އަންނަ އަދަދު އިތުރުވަމުންދާއިރު، މި އަހަރު ބޯޑަރު ހުޅުވުމުގެ ގޮތުން ސަރުކާރުން ކުރި ދިރާސާއި ން ދެއްކީ މި އަހަރު 800،000 ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް މިހާރު ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ މި އަހަރު އަންނާނީ 100،000 ޓޫރިސްޓުންނެވެ. ނަމަވެސް މިހާތަނަށް އައިސްފައިވަނީ 22،000 ޓޫރިސްޓުންނެވެ.