ހދ. ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް މީހާއާ ކޮންޓެކްޓްވި އިތުރު ބަޔަކު ޕޮޒިޓިވްވެ އަދަދު 8 ކަށް އަަރައިފި އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހެއް ކަމަށެވެ. އެއީ ކުޅުދުއްފުށީގައި މަސައްކަތް ކުރަމުންދާ ފުލުހެކެވެ. ފުލުހުންްގެ އެ އޮޕަރޭޝަން ކުރިއަށް ދިޔައީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.
ޕޮޒިޓިވްވި ފުލުސް މީހާއާ ކޮންޓެކްޓްވި ދެ ފުލުހަކު އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ. އެއީވެސް ކުޅުދުއްފުށިން ޕޮޒިޓިވްވި ދެ ފުލުހެކެވެ. އޭގެ ފަހުން މިއަދު ދިއްދޫގައި މަސައްކަތް ކުރާ ފުލުހުންްގެ ތެރެއިން ތިން ފުލުހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީވެސް އުތުރުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނެވެ.
ޕޮޒިޓިވްކޭސްތަކާއި ގުޅިގެން ގިނަ ފުލުހުންތަކެއް ވަނީ ކަރަންޓީންވެސް ކޮށްފައެވެ. އަދި އުތުރުގެ ހަތް ރަށެއް މޮނިޓަރިންގެ ހާލަތަށްވެސް ގެނައެވެ. ކުޅުދުއްފުށިން ފުލުހަކު ޕޮޒިޓިވްވެފައިވާއިރު ކޮޗިން ފެރީ އައުމުގެ ކުރިން މާލެއިން ފުލުހުންގެ ޓީމެއް ވަނީ ކުޅުދުއްފުށްޓަށް ގޮސްފައެވެ. އަދި އެ މީހުން ކަރަންޓީން ނުވެ ރަށުތެރޭގައި އުޅުނު ކަމަށް ބުނެ ކުޅުދުއްފުށީ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ އިވެންޓް ކަވަރުކުރަން ދައުލަތުގެ މީޑިއާގެ ނޫސްވެރިންވެސް ގެންދިޔައެވެ. އެ މީހުންވެސް ކަރަންޓީންނުވެ ރަށުތެރޭގައި އުޅުނެވެ.