ވިޔަފާރި

ޓޫރިސްޓުންނާއި ވިޔަފާރިތަކަށް ހާއްސަ ޕްރިވިލެޖްޑް ކާޑެއް

ރާއްޖެ އަންނަ ޓޫރިސްޓުންނާއި ވިޔަފާރިތަކަށް ބޭނުން ކުރެވޭ ގޮތަށް "ޕްރިވިލެޖްޑް ކާޑެއް" ދޫކުރަން ފަށައިފި އެވެ.

ޕްރިވިލެޖްޑް މޯލްޑިވްސް ކުންފުނީގެ ޕީއާރު އެންޑް މާކެޓިން މެނޭޖަރު ފާތުމަތު ހަމްދާ މުހައްމަދު ވިދާޅުވި ގޮތުގައި އެ ކުންފުނިން ދޫކުރަން ފަށާ މި ކާޑުގެ މައިގަނޑު ބޭނުނަކީ ވިޔަފާރިތައް ޕްރޮމޯޓްކޮށް ދިނުމެވެ.

"މި ވަގުތަކީ ވިޔަފާރިތަކަށް ވަރަށް ދަތި ހާލަތެއް އެހެންވެ، މައިގަނޑު މަގުސަދަކީ ވިޔަފާރިތައް ޕްރޮމޯޓް ކޮށް ދޭން އެހީވުން. އެކަމަށްޓަކައި ހާއްސަކޮށްފައިވާ ޕްރިވިލެކްޑް ކާޑު މިމަހުގެ 10 ވަނަ ދުވަހު ރަސްމީކޮށް ލޯންޗް ކުރާނީ،" ހަމްދާ ވިދާޅުވި އެވެ.

"ޕްރިވިލެޖްޑް" ކާޑުގެ ހިދުމަތްތައް ތިން ބަޔަކަށް ލިބޭނެ އެވެ. އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދިވެހިންނާއި ޓޫރިސްޓުންނަށެވެ. މި ކާޑު ލިބޭ ތަންތަނުގެ ބޭރު ދޮރުގައި "ޕްރިވިލެޖްޑް" ޕާޓްނަރެއްކަން އަންގައިދޭ ސްޓިކާއެއް ޖަހާނެ އެވެ. ޕްރިވިލެޖްޑް ކަސްޓަމަރުން ފިހާރައަށް ވަދެ، ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ހިދުމަތް ލިބޭނެ އެވެ. މި ކާޑުން ހިދުމަތް ދޭ ތަންތަނުން އެވްރެޖު ގޮތެއްގައި 25 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

"ޕްރިވިލެޖްޑް ކާޑު" ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް ބޭނުން ކުރެވޭ ގޮތަށެވެ. މި ކާޑު ދެނީ ޕްރިވިލެޖްޑް މެންބަރުންނަށެވެ. މި ވަގުތު ހިލޭ ދޫކުރާ މި ކާޑަކީ ގޯލްޑް އެޑިޝަން އެވެ. މި ކާޑު ލިބޭނީ ފުރަތަމަ 2500 މީހުނަށެވެ. މިއީ ވީއައިޕީ ގޯލްޑް ކާޑެކެވެ. އެ ތަންތަނުން ވިޔަފާރި ކުރަމުންދާ ވަރަކުން ކާޑަށް ޕޮއިންޓްސް އިތުރު ވަމުން ދިއުމެވެ. އަދި ފަހުން އެ ޕޮއިޓްސް އިން ވިޔަފާރި ކުރަން ފުރުސަތު ލިބުމެވެ.

"ޕްރިވިލެޖްޑް ސާކަލްގައި ހިމެނޭ ފަރާތް ތަކަށް މި ޑިސްކައުންޓް ހިމެނޭނީ. މީގައި ފިހާރަތަކާއި ސެލޫން އަދި ގެސްޓްހައުސްގެ އިތުރުން ރެސްޓޯރެންޓު ޑައިނިން ތަންތަން ވެސް ހިމެނޭނެ،" ހަމްދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ކާޑު ދޫކުރަން ފެށުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޕްރިވިލެޖްޑް ކައުންޓަރެއް ބަހައްޓާނެ ކަމަށެވެ.

"އޭރުން ޓޫރިސްޓުން އަންނަ ތަނުން ބޭނުންވެއްޖެނަމަ ކާޑު ލިބޭނެ. މިއީ ޑިޖިޓަލް ކާޑެއް، ކާޑަށް ލޮގިން ވެލުމާއެކު ފެންނާނެ ފުޑް އައުޓްލެޓްތަކާއި އެ މީހުން ހޯދަން ބޭނުންވާ ތަންތަނުގެ މައުލޫމާތު. ޕްރިވިލެޖްޑް ޕާޓްނަރުންނަށް ލިބޭނެ އެޑްވާންޓޭޖްއަކީ ވިޔަފާރި ބޫސްޓްކޮށްލަން މަގު ފަހިވުން. ގެސްޓުން ދާނެ ޑިސްކައުންޓް ލިބޭ ތަންތަނަށް،" ހަމްދާ ވިދާޅުވި އެވެ.

"އެ [ގެސްޓުން] މީހުން ގޮސް އެ ތަނަކުން ރަނގަޅު ހިދުމަތެއް ލިބިއްޖެނަމަ ގައުމަށް ގޮސް ރަހުމަތްތެރިންގެ ގާތު ރިކޮމެންޑް ކުރާނެ އެ ތަނުގެ ވާހަކަ. އެހެންވީމަ މިއީ ރާއްޖޭގެ ކުދި ވިޔަފާރި ތަކަށް އިންޓަނޭޝަނަލް ރިކޮގްނިޝަން ލިބެން ވެސް ހުޅުވޭ ފުރުސަތެއް. މި ކާޑުގެ ޕާޓްނަރުންނަށް ލިބޭނެ އެންމެ ބޮޑު ފުރުސަތަކީ މިއީ."

ޕްރިވިލެޖްޑް ކުންފުނިން ވަނީ މި ކާޑު ޕްރޮމޯޓްކޮށް ކުރަން ރާއްޖެ ނޫން އެހެން ގައުމުތަކުގައި ވެސް ހަރަކާތްތައް ހިންގަން ނިންމާފަ އެވެ. މި ކާޑު ޕްރޮމޯޓް ކުރުމުގެ ގޮތުން ރާއްޖޭގެ ސޯޝަލް މީޑިއާގައި ހާއްސަ ކެމްޕޭނެއް ވެސް ވަނީ ފަށާފަ އެވެ.