ހަބަރު

އައްޑޫ ކާޅުބައިގެ މައްސަލަ މިހަފުތާތެރޭ ކޮޅެއްގައި ޖެއްސޭނެ

Oct 10, 2020
2

ސ. އަތޮޅުގައި އުޅޭ ކާޅުބައިގެ މައްސަލަ މި ހަފުތާގެ ތެރޭ ކޮޅެއްގައި ޖެއްސޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅު ވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ "ދޮންދީނި / ކާޅު ސްޓޭޓަސް އަޕްޑޭޓް" ގެ ނަމުގައި ފޭސްބްުކް މެދުވެރިކޮށް ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ.

ރޮޒައިނާ ވިދާޅުވީ ޕެސްޓެއްގެ ގޮތުގައި ކާޅު މަރާ ނަމަ އެގްރިކަލްޗަރުގެ ހުއްދަ ބޭނުންވާތީ އައްޑޫ ސިޓީ ކައުންސިލުން އެގްރިކަލްޗަރުގައި އެ ހުއްދައަށް އެދިފައިވާ ކަމަށެވެ. އަދި މާދަމާ އެ ހުއްދަ ދެއްވާނެ ކަމުގެ ޔަގީންކަން އެގްރިކަލްޗަރު މިނިސްޓަރު ޒަހާ ވަހީދު ދެއްވާ ކަމަށެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލާދެއްވާ ވިދާޅުވީ އެގްރިކަލްޗަރުގެ ހުއްދައާއެކު ކައުސިލުން އެމްއެންޑީއެފްގައި އެދުމުން ކާޅު މަރައިދޭނެ ކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ ހަފުތާ ނިމެންވާއިރަށް މިކަން ކޮޅެއްގައި ޖެއްސޭނެ ކަމަށް." ރޮޒާއިނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ކާޅު ގިނަވުމުގެ ސަބަބުން އެ ސިޓީގައި އުޅޭ ދޮންދީނި އާއިލާ ނެތި ދިއުމުގެ ބިރު އެބައޮތް ކަމަށް ބުނެ ސިޓީގެ ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އަދި އެ ކަންބޮޑުވުން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލު ކަމަަށްވެސް ވަނީ ގެންގޮސްފަ އެވެ. ކަންބޮޑުވުން ފާޅުކުރި އައްޑޫގެ ބައެއް ރައްޔިތުން ވަނީ އައްޑޫގައި ކާޅު ގިނަވުމަކީ އެ އަތޮޅުގެ ދޮންދީނި އާއިލާ މުޅިން ނެތިދާނެ ކަމެއް ކަމަށް ބުނެފަ އެވެ.

ޓްރޮޕިކަލް ކަނޑުގެ ސަރަހައްދުތަކާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުޅޭ "ވައިޓް ޓާން" އަކީ ދިވެހިން ކިޔާ "ދޮންދީނި" އެވެ. އެއީ ހުދު ކުލައިގެ ކުޑަކުޑަ ރީތި ދޫންޏެކެވެ. ރާއްޖޭގައި މި ދޮންދީނި އާލާވެ ދިރިއުޅެނީ ހަމައެކަނި އައްޑު އަތޮޅުގަ އެވެ. އެކަމަކު ހުވަދު އަތޮޅު ހައޮޑިގަލާގައި ވެސް ދޮންދީނި އުޅެ އެވެ. މަސް ކައި އުޅޭ މި ދޫނީގެ ތުންގަނޑުގައި ހުންނަނީ ކަޅު ކުލައެވެ. ދޮންދީނި ނިދާ ދިރިއުޅެ ހަދަނީ ގަސް ގަހުގެ އޮފީގަ އެވެ. އަދި މިއީ އުމުރު ދިގު ދޫންޏެކެވެ. ގާތްގަނޑަކަށް 18 އަހަރު ދިރިއުޅޭކަމަށް ވެއެވެ. ރާއްޖޭގައި ދޮންދީނި ވަނީ ހިމާޔަތް ކޮށްފަ އެވެ.

ދޮންދީނި އަކީ އައްޑޫގެ ވަރަށް ބޮޑު ފަހުރެކެވެ. ހުދު ކުލައިގެ މި ރީތި ދޫނި އުޅެނީ އައްޑޫ ސިޓީގެ ރަށްތަކާއި ހުވަދޫގެ ފަޅު ރަށެއް ކަމަށްވާ ހައޮޑިގަލާގައި އެކަންޏެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ކާޅުގެ އުނދަގޫ ބޮޑުވުމުން އެ ތަކެތި ސަރުކާރުގެ ފަރާތުން މަރާފައިވެސް ވެއެވެ. ނަމަވެސް އެއީ އެކޯސިސްޓަމްއަށް ބަދަލު އަންނަ ކަމަށް ތަޖުރިބާކާރުން ވިދާޅު ވެއެވެ. ކުރިން ރާއްޖޭގައި ބަޑި ޖަހައިގެން ކާޅު މަރަމުން ދަނިކޮށް އެކަން ހުއްޓާލީ ވެއްޓަށް ގެއްލުން ލިބޭތީ އެގްރިކަލްޗަރާއި ތިމާވެށި މިނިސްޓްރީން އެކަން އެގޮތަށް ނުރަން އެދިގެނެވެ. ރާއްޖޭގައި އަޅުން ކާޅަށް ބަޑިޖަހަން މި ފަށީނީ ގާތްގަނޑަކަށް 30 އަހަރު ފަހުންނެވެ.