ހަބަރު

ޒިޔަތުގެ އެޕާޓްމަންޓް ފާސްކޮށް ބައެއް ތަކެތި ގެންގޮސްފި

  • ފާސް ކުރީ ހ. ހިޔާކޯޅި
  • ފާސްކުރީ ވަގުތުގެ ހިއްސާ "ފޭރި" ގަތްކަމަށް ބުނާ މައްސަލައިގައި
  • އެގެއިން ގެންދިޔައީ ލިޔުންތަކެއް ކަމަށް ބެލެވޭ

އެމްއެމްޕީއާރްސީގެ މެނޭޖިން ޑައިރެކްޓަރާ ގުޅުން ހުރި އެޕާޓްމަންޓަކާއި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓަކަށް ފުލުހުންގެ ޓީމެއް މިރޭ ވަދެ ފާސްކޮށް ބައެއް ތަކެތި ގެންގޮސްފި އެވެ. އެ ގެ ހުންނަނީ ހ. ހިޔާކޯޅީގަ އެވެ.

ސަރުކާރުގެ އެހެން ބައެއް އިސްވެރިންތަކެއް ވެސް އުޅުއްވާ އެ ގެއަށް ފުލުހުންގެ ފޮރެންސިކް ޓީމަކުން ވަދެ އެންމެ ފުރަތަމަ ފާސްކުރީ ދެވަނަ ފްލޯ އެެވެ. އެ ފްލޯގައި މީގެ ހަފްތާއެއް ކުރިން ބަޔަކު އުޅުނު ނަމަވެސް އެތަން ހުރީ ހުހަށެވެ. އެއަށް ފަހު ޒިޔަތު ދިރިއުޅުއްވާ އަށް ވަނަ ފްލޯޔަށް ފުލުުހުން ވަދެ ފާސްކުރި އެވެ. އަދި އެތަނުން ކޮތަޅުތަކަކަށް އަޅައިގެން ބައެއް ތަކެތި ފުލުހުން ގެންދިޔަ އެވެ. ޒިޔަތަކީ ނައިބު ރައީސް އަހުމަދު އަދީބުގެ އެންމެ އަރިސް އެއް ބޭފުޅާ އެވެ. ބެލެވޭ ގޮތުގައި ގެންދިޔައީ ލިޔެކިޔުންތަކެކެވެ.

އެ ގެ ބަލައި ފާސްކުރުމުގެ ކޯޓް އަމުރު ހޯދާފައި ވަނީ މުޅި އިމާރާތް ބަލައިފާސް ކުރަންޖެހިއްޖެ ނަމަވެސް ފާސް ކުރެވޭ ގޮތަށެވެ. އެ ގެއަކީ ސަރުކާރުގެ ވަރަށް އިސް ބޭފުޅަކު ދިގު މުއްދަތަކަށް ބައްލަވައިގެންފައިވާ ގެއެއް ކަމަށް ވެސް މައުލޫމާތުލިބެ އެވެ.

އެ ގޭގެ އެހެން ފްލޯއެއްގައި ޔޫތް މިނިސްޓަރު ޒުހޫރާއި މޯލްޑިވްސް ގޭސްގެ އެމްޑީ ވެސް ދިރިއުޅުއްވަ އެވެ. މީގެ އިތުރުން ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް ކުރިން ދިރިއުޅުއްވީ އެގޭގަ އެވެ. އެހެން ނަމަވެސް ރެހެންދި ފްލެޓް ލިބިވަޑައިގަތުމުން އެތަނަށް ޕީޖީ ދިރިއުޅުއްވުން ބަދަލު ކުރެއްވި ނަމަވެސް އެ ގޭގައި އަދިވެސް ޕީޖީގެ އާއިލާ ދިރިއުޅުއްވާ ކަމަށް އެނގިފައިވެ އެވެ. ޕީޕީއެމްގެ މަޖިލިސް ބައެއް މެންބަރުން ވެސް ދިރިއުޅުއްވާ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ.

އެ ގޭގެ ބަލައި ފާސް ކުރަނީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުންނެއް ނުބުނެ އެވެ. ހަމައެކަނި ބުނީ "ބަލަމުން ދާ މައްސަލައަކާ ގުޅިގެން އެ ގެ ފާސްކުރަމުން އަންނަނީ،" ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ފުލުހުން އެގެ ފާސް ކުރަނީ ވަގުތު ނޫހުގެ މަސްއޫލުވެރިޔާ، މުޝައްރަފު ހަސަން ދީދީގެ ހިއްސާ ބިރު ދައްކައިގެން ގަދަކަމުން ފޭރި ގަތް ކަމަށް ބުނެ އޭނާ ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގަ އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނީ އެ ގޭގެ ތެރެއަށް ފުލުހުން ވަނީ އެ ގޭގެ ދޮރުގައި ވަރަށް ބާރަށް އެއްޗަކުން ޖަހައި ދޮރު ހުޅުވައިގެން ކަމަށެވެ. އަދި އެ ގޭގެ ދެވަނަ ބުރިއަށް ފުލުހުން ވަދެ އެ ފްލޯގެ ކުޑަދޮރެއް ވެސް ތަޅާލިކަހަލަ އަޑުތަކެއް ވެސް އިވުނު ކަމަށް އެ ސަރަހައްދުގައި އުޅޭ މީހަކު ބުންޏެވެ.

ފުލުހުން ވަން ހިޔާކޯޅީގައި 20 އެޕާޓްމަންޓް ހުރެ އެވެ.