ވިޔަފާރި

ރަށު ޓޫރިޒަމް ފަށައިދޭން މިނިސްޓަރު މާފުއްޓަށް

ގެސްޓްހައުސް ޓޫރިޒަމް ނުވަތަ ރަށު ޓޫރިޒަމް އަލުން ފައްޓައިދޭން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މާދަމާ މާފުއްޓަށް ވަޑައި ގަންނަވާނެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މާދަމާގެ ވަގުތެއްގައި ޓޫރިޒަމް މިނިސްޓަރުގެ އިތުރު އެ މިނިސްޓްރީގެ ބައެއް އޮފިޝަލުން މާފުއްޓަށް ވަޑައި ގަންނަވާނެ އެވެ. މިކަން ޓޫރިޒަމް މިނިސްޓްރީން އަވަސް އަށް ވަނީ ޔަގީންވެފަ އެވެ.

ރާއްޖޭގެ ބޯޑަރު މާޗް 16 ގައި ބަންދު ކުރުމާއެކު އެންމެ ފުރަތަމަ ބަންދުކުރީ ގެސްޓްހައުސް ތަކެވެ. އޭގެ ފަހުން މި ވިޔަފާރި ހުޅުވަން ސަރުކާރުން ހުއްދަ ދޭން ނިންމާފައިވަނީ މާދަމައިން ފެށިގެންނެވެ. ނަމަވެސް ހުއްދަ ދޭނީ ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ މިންގަނޑުތަކަށް ފިޓުވާ ރަށްރަށަށެވެ. މި ހުއްދަ ދޭއިރު ގެސްޓްހައުސް ތަކުން ވެސް ފުރިހަމަ ކުރަން ޖެހޭ ކަންތައް ތަކެއް ހުރެ އެވެ.

ގެސްޓްހައުސް ޓޫރިޒަމްއަކީ ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި މުހިންމު ހިއްސާއެއް އަދާ ކުރާ ވިޔަފާރި އެކެވެ. ބޯޑަރު ބަންދު ކުރުމުގެ ކުރީގައި ރާއްޖޭގައި 600 ގެސްޓްހައުސްއެއް ހިންގަމުން ދިޔަ އެވެ.