މަސްތުވާތަކެތި

"އަތުލާ މަސްތުވާތަކެތި ނައްތާލާކަން ޔަގީން ކޮށްދޭންޖެހޭ"

Oct 15, 2020

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެތި ނައްތާލެވޭކަން ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

މި ފަހުން ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދަނީ އަތުލައިގަންނަމުންނެވެ. މިދިޔަ 15 ވަރަކަށް ދުވަސްތެރޭ އެކަނި ވެސް ތިން އޮޕަރޭޝަނެއްގައި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ. އެއީ އައްޑޫއިން 98 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަދި ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ދެ ދޯންޏަކުން 230 ވުރެ ގިނަ ކިލޯގެ މަސްތުވާތަކެއްޗެވެ.

މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތުލައިގަނެވޭ މަސްތުވާތަކެތި ގުދަން ކުރުމާއި ބެލެހެއްޓުމާއި ނައްތާލުމުގެ އިޖްރާތްތައް ރައްޔިތުންނަށް ސާފްވާން ޖެހޭ ކަމަށެވެ. އަދި ޑްރަގްތައް ރައްކާކުރާ ގުދަން ހުޅުވެނީ ކަމާގުޅޭ އިދާރާތަކުގެ ހާޒިރުގައިތޯ ސާފުވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަތުލައިގަނެވޭ މަސްތުވާތަކެތި ގުދަން ކުރުމާއި ބެލެހެއްޓުމާއި ނައްތާލުމުގެ އިޖްރާތްތައް ރައްޔިތުންނަށް ސާފްވާންޖެހޭ. މިސާލަކަށް ޑްރަގްތައް ރައްކާކުރާ ގުދަން ހުޅުވެނީ އެއް އިދާރާގެ ހާޒިރުގައިތޯ ނުވަތަ ތިން އިދާރާގެ ހާޒިރުގައިތޯ ސާފުވާންޖެހޭ. ވަލުދޮރާށި ބަންދުކުރަން ޖެހޭ
އިބްރާހިމް ރަޝީދު | މާފަންނު މެދު ދާއިރާގެ މެންބަރު

އެކި މައްސަލަތަކުގައި ފުލުހުން އަތުލާފައިވާ މަސްތުވާތަކެތީގެ ތެރެއިން މި އަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލާ ހުރި 300 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މި މަހުގެ 8 ވަނަ ދުވަހު ވަނީ ނައްތާލާފައެވެ. ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 12778 އެވިޑެންސްގައި ހިމެނޭ 25،880 ރަބަރު ޕެކެޓާއި 11،794 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 734 ދަޅާއި 455 ބްލެޓާއި 233 ބިޑިއާއި 11،156 ބޭސްގުޅައާއި އެހެނިހެން 79225 އައިޓެމެވެ. ބަރުދަނަކީ 324.05 ކިލޯ އެވެ.

އޭގެ ގެތެރޭގައި ހިިމެނެނީ 108.81 ކިލޯގްރާމްގެ ހެރޮއިންއާއި 158.8 ކިލޯގްރާމްގެ ކެނަބިސް އާއި 39.04 ކިލޯގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓް އާއި 14.9 ކިލޯގްރާމްގެ ކޮކެއިން އާއި 1.7 ކިލޯގްރާމްގެ އެމްޑީއެމްއޭ އެވެ.

މި ފަހަރު އެ ތަކެތި ނައްތާލީ އާންމުންގެވެސް ހާޒިރުގައެވެ.