މި އަހަރުގެ ވޭތުވެދިޔަ ނުވަ މަސް ތެރޭ މިހާތަނަށް ހިލޭ އެހީ އާއި ޓެކުހުގެ ގޮތުގައި ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 10.8 ބިލިއަން ރުފިޔާ ކަމަށް ހިސާބު ތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމު ކުރި ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި 10.8 ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތަށް 18.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ޓެކުހުގެ ގޮތުގައި ލިބުނީ 8.3 ބިލިއަން
މި މުއްދަތުގައި ލިބުނު އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 8.3 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 592.1 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.
މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ އިން އާމްދަނީ ލިބިފައި ވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް އިންނެވެ. މި ޓެކުހުން 3.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ތިން ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އިންނެވެ. މި ޓެކުހުން އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ފީތަކުން ލިބުނީ 706.9 މިލިއަން
ޓެކުހުގެ ތެރޭގައި ނުހިމެނޭ ގޮތަށް ދައުލަތަށް އާމްދަނީގެ ގޮތުގައި މިހާތަނަށް އެންމެ ގިނައިން ލިބިފައިވަނީ ފީ އާއި އެކި ގޮތުން ނަގާ ޗާޖުތަކުގެ ގޮތުގަ އެވެ. މިގޮތަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 706.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެން އެންމެ ގިނަ އިން އާމްދަނީގެ ގޮތުގައި ލިބިފައިވާ ޕްރޮޕަޓީ އިންކަމް އިން 468.9 މިލިއަން ރުފިޔާ އަދި ރިސޯޓުތަކުގެ ކުލިން 385.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މި އަހަރު ބަޖެޓުގައި ލިބޭނެ ކަމަށް ހިމަނާފައިވާ އަދަދަކީ 30 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިހާރުގެ އަންދާއަކީ އާމްދަނީ އިން 14 ބިލިއަން ރުފިޔާ އުނިވެ، މި އަހަރު ލިބޭނެ ކަމަށް ބެލެވެނީ 15 ބިލިއަން ރުފިޔާ އެވެ.