ވިޔަފާރި

240 އަށްވުރެ ގިނަ ކޮޓަރިއާއެކު ގެސްޓްހައުސްތައް ހުޅުވައިފި

ދުއިސައްތަ ސާޅީހަށް ވުރެ ގިނަ ކޮޓަރިއާއެކު ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި އަލުން ހުޅުވާލައިފި އެވެ.

ކޮވިޑް-19 އިގެ ބަލި ފަތުރެން ފެށުމާއެކު އެންމެ ފުރަތަމަ ހުއްޓާލީ ގެސްޓްހައުސް ތަކަށް ޓޫރިސްޓުން ގެނައުމެވެ. އަދި ގެސްޓްހައުސް ވިޔަފާރި މިއަދު އަލުން ހުޅުވާލާފައި ވަނީ މި ވިޔަފާރިއަށް ހުޅުވާލާ ރަށްރަށުގައި ހާއްސަ ވަސީލަތް ތަކެއް ގާއިމްކޮށް އިންތިޒާމު ތަކެއް ވެސް ފުރިހަމަ ކޮށްގެންނެވެ.

ގެސްޓްހައުސް ހުޅުވާލާ ރަށްރަށުގެ މިހާރު މީހުން މާސްކް އަަޅަން މަޖުބޫރެވެ. އަދި ޓްރާންސްޕޯޓް ފެސިލީޓީ އާއި އައިސޮލޭޝަން ފެސިލީޓ ހުންނަން ޖެހެ އެވެ.

ގެސްޓްހައުސް ވިޔަފާރި އަލުން ހުޅުވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ރާއްޖޭގައި އެ ވިޔަފާރި އެންމެ ފުޅާކޮށް ކުރާ މާފުއްޓަށް ވަޑައިގެންފަ އެވެ.

ގެސްޓްހައުސް ވިޔަފާރި އަލުން ހުޅުވާލީ ހަ ރަށުގައި 16 ގެސްޓްހައުސް އާއެކު އެވެ. އަދި މި ތަންތަނުހައި 242 ކޮޓަރި އަދި 625 އެނދު ހިދުމަތަށް ގެނަ އެވެ. އެންމެ ގިނަ ގެސްޓްހައުސް ހުޅުވާފައި ވަނީ ކ. ހުރާ އިންނެވެ. އެ ރަށުގެ ހަތް ތަނެއް ހުޅުވާފައިވެ އެވެ. އަދި އެންމެ ގިނަ އެނދު ހިދުމަތަށް ގެނައީ މާފުށިންނެވެ. އެއީ 411 އެނދެވެ.

ގެސްޓްހައުސް ހުޅުވި ރަށްތައް

  • ނ. ފޮެއްދޫ
  • ކ. ހުރާ
  • ވ. ފުލިދޫ
  • ވ. ތިނަދޫ
  • އއ. މަތިވެރި
  • ކ. މާފުށި

ގެސްޓްހައުސް ވިޔަފާރި އަލުން ހުޅުވާލިއިރު، މި އަހަރު އަންނާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރަނީ 100،000 ޓޫރިސްޓުންނެވެ. ނަމަވެސް ކުރީގެ އަންދާޒާއަކީ މި އަހަރު 800،000 ޓޫރިސްޓުން ގެނައުމެވެ. މި އަހަރުގެ މިހާތަނަށް އައިސްފައިވަނީ 22،000 ޓޫރިސްޓުންނެވެ.