ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކޮމިއުނިޓީ އެހީ އިތުރު ފަސް ރަށަކަށް

ބެންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 5 ރަށަކަށް ހަމަޖެހިއްޖެ އެވެ.

އަމިއްލަ މީހުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމަށް ބެންކުން ކުރިއަށްގެންދާ ކޮމިނިއުޓީ ފަންޑުގެ މި އަހަރުގެ ދެވަނަ ކުއާޓާގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ފަސް ޕްރޮޕޯސަލެއް ހޮވައިފި އެވެ. މި ޕްރޮޕޯސަލްތަކަށް ބޭނުންވާ ފައިސާގެ އެހީ ބެންކުން ހަމަޖައްސައިދެ އެވެ.

ދެވަނަ ކުއާޓަރުގައި ހޮވި ފަސް ޕްރޮޖެކްޓާއި، ޕްރޮޖެކްޓު ހިންގާ ޖަމިއްޔާ/މީހުުން:

  • ރ. ކިނޮޅޮހުގެ ވޭސްޓްމެނޭޖްމަންޓް ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމުގެ ނިޒާމެއް ގާއިމްކުރުން: ވާފިރު އަހުމަދު
  • ބ. ގޮއިދޫ ރައްޔިތުންނަށް ހިތްފަސޭހަ މައިޒާނެއް ގާއިމްކުރުން - ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީ
  • ގއ. ކޮލަމާފުށީގެ ސްކޫލުގައި އާރު.އޯ ޕްލާންޓުން ބޯފެން ފޯރުކޮށްދިނުން - ޝާމާ ތައްހާން
  • ގދ. ނަޑެއްލާގައި ސޯލާ ބައްތި ހިމަނައިގެން ނޭޗާ ޕާކެއް ތަރައްގީކުރުން - ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ
  • ފުވައްމުލަށް ސިޓީގެ ޕަބްލިކް ލައިބްރަރީ އަށް ފޮތް ހަދިޔާކުރުން - –ފާތިމަތު ރަޝީދު

ބެންކުން ބުނީ އެމީހުންގެ ކޮމިއުނިޓީ ފަންޑަަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބުނު ކަމަށެވެ. އަދި، މިފަހަރުގެ ފަސް ޕްރޮޖެކްޓާއެކު މިހާތަނަށް 30 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެ ކަމަށް ބެންކް އޮފް މޯލްޑިވްސްގެ ޕީއާރް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިއަހަރުގެ ޕްރޮޕޯސަލްތަކަށް ހުށަހެޅުން ތިން ފޭސް އަކަށް ވަނީ ބަހާލާފަ އެވެ. ކޮންމެ ފޭސް އެއްގައި 10 ޕްރޮޕޯސަލް ހޮވަ އެވެ.