ހަބަރު

ޒަހަމްވީ އަނބިމީހާގެ ދަބަހުގައި އޮތް ކަޓަރަކުން

މާލޭގައި ރޭ މާރާމާރީއެއް ނުހިނގާ ކަމަށާއި ރޭ މީހަކު ޒަހަމްވެފައި ވަނީ އެ މީހާގެ އަނބިމީހާގެ އަތްދަބަހުގައި އޮތް ކަޓަރަކުން ކަމަށް އަނިޔާވި މީހާ ބުނެފި އެވެ. ރޭ އަނިޔާވީ ގްރޭޓާ މާލެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އެވެ.

ފުލުހުން ވެސް ފަހުން ބުނެފައި ވަނީ މާލޭގައި ރޭ މާރާމާރީއެއް ނުހިންގާ ކަމަށެވެ. ނަމަވެސް އެފަދަ ރިޕޯޓެއް ލިބުމުން އެކަން ބެލި ކަމަށެވެ. އަދި ބުނީ މިހާތަނަށް ބެލި ބެލުމުން އެއީ އަނބިމީހާއާއެކު ސައިކަލް ދުއްވަން ގޮސް އުޅެނިކޮށް އެ މީހާގެ އަތް ދަބަހުގައި އޮތް ކަޓަރަކުން ލިބުނު ޒަހަމެއް ކަމަށެވެ.

"އެ ޒަހަމް ފާހަގަ ވެފައި ވަނީ އަންހެނުންނާއެކު [އެމީހާ] ސައިކަލުގައި ދުއްވަނިކޮށް. އަންހެނުންގެ ދަބަހުގައި އޮތް ކަޓަރަކުން އެ ކަޓަރުން އެކްސިޑެންޓަލީ އަނިޔާއެއްވީ ކަމަށް މައުލޫމާތު ލިބޭ." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ލިބިފައިވާ ޒަހަމްތަކާއެކު އޭޑީކޭ ހޮސްޕިޓަލަށް މީހަކު، ފަރުވާ ހޯދަން ދިޔަ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ. އޭގެ ފަހުން މާލޭގައި ރޭ މާރާމާރީއެއް ހިނގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް މީޑިއާގައި ރިޕޯޓު ކުރި އެވެ.