ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމްގައި މަސައްކަތް ކުރައްވާ ވަކީލް މަހުފޫޒް ސައީދަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހޯދުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފި އެވެ.
މިދިޔަ މަސް ތެރޭގައި މަހުފޫޒްގެ ބޮލަށް ވަޅިން ހަމަލާދިނުމަށް ފަހު ރާއްޖެއިން ބޭރަށް ފުރާފައިވާތީ، ފުލުުހުންގެ އެދުމުގެ މަތިން އިންޓަޕޯލް އިން ހޯދަން އިއުލާން ކޮށްފައިވާ 20 އަހަރުގެ އަހުމަދު ރާއިދު އާއި 23 އަހަރުގެ ސަފްރާޒު އިބްރާހިމް އެވެ. މިދިޔަ މަހުގެ ތެރޭގައި އިންޓަޕޯލް އިން ހޯދަން އިއުލާން ކުރި މި ދެމީހުން ވެސް ހޯދަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ގޭންގް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ކަމަށް އިންޓަޕޯލްގެ ވެބްސައިޓްގައިވެ އެވެ.
އެ މައްސަލައިގައި ދެ މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވާ އިރު ފުލުހުން ބުނީ، މި ދެ މީހުންނަކީ މަހުފޫޒަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށެވެ. އަދި އެމީހުންް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަށް ތަހުގީގަށް އެނގިފައިވާތީ އެ މީހުން ހޯދުމަށް އިންޓަޕޯލްގެ އެހީއަށް އެދުމުން ނޯޓިސް ނެރުނީ މިދިޔަ މަހުގެ ތެރޭގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މި އަންނަނީ އެކި ގޮތްގޮތުން ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
މަހުފޫޒަށް ބަޔަކު މީހުން ހަމަލާދިނީ މާވެޔޮ މަގުން ސައިކަލްގައި އޭނާ ދުއްވާފައި ދަނިކޮށެވެ. ވަޅި ހަރާފައި ހުރީ އޭނާގެ ބޮލުގެ ނާށިގަނޑަށެވެ. އެ ހަމަލާގެ ސަބަބުން އޭނާގެ ލޮލުގެ ފެނުމަށް ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ދިމާވެ ރާއްޖެއިން ބޭރުން ވެސް އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. އެ ހަމަލާ ރައީސް އަބްދުﷲ ޔާމީން އާއި ބޭރުގެ އެކި ޖަމްއިއްޔާ ޖަމާއަތްތަކުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެ ހަމަލާ ތަހުގީގުކޮށް އެކަމުގައި ޝާމިލްވި މީހުން އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ގޮވާލާފައިވެ އެވެ. މަހުފޫޒް ނަޝީދުގެ ވަކީލުންގެ ޓީމުން މަސައްކަތް ކުރަން ފެށިތާ މާކަގިނަ ދުވަހެއް އަދި ނުވެ އެވެ.