ހަބަރު

ފެނާއި ނަރުދަމާގެ ކޯސްތަކެއް އެންވާރަމަންޓާ ގުޅިގެން ހިންގަނީ

ޓިވެޓް އޮތޯރިޓީން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ ކޯސްތަކަށް ބޭނުންވާ ކޯސް މެޓީރިއަލް ތައްޔާރު ކުރަން އެންވާރަމަންޓް މިނިސްޓްރީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އިން އެއްބަސްވެއްޖެ އެވެ.

ނެޝެނަލް އޮކިއުޕޭޝަނަލް ސްޓޭންޑާޑްސް އަދި ކޯސް މެޓީރިއަލްސް ތައްޔާރު ކޮށްދޭން ނިންމާ މިއަދު ވަނީ އެންވާރަމަންޓާއި އެމްއައިޓީން އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

މި ކޯސްތަކަކީ ލެވަލް 3 އަދި 4 ގެ ސެޓްފިކެޓް ކޯސްތަކަކެކެވެ. ކޯސްތަކުގެ ތެރޭގައި ޕްލަމިން، ސްވަރޭޖް ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް، ވޯޓާ ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް އަދި ފެން ޓެސްޓްކުރާ ލެބޯޓްރީ ޓެކްނީޝަންސް ހިމެނެ އެވެ.


އެންވާރަމަންޓުން ބުނީ، މިކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ހިންގާ ކޯސްތަކެއްކަމަށްވުމުން، މިއީ މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް ލިބޭ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ކޯސްތަކުގެ ސްޓޭންޑާޑް އެކުލަވާލައި، ކޯސް މެޓީރިއަލްއަސް ތައްޔާރުކުރާނެ އެވެ. އަދި މި ކޯސްތައް އެކުލަވާލުމަށްފަހު، ފެނާއި ނަރުދަމާގެ ޔޫޓިލިޓީ ޚިދުމަތްދޭ ރަށްތަކަށް ފެނާއި ނަރުދަމާގެ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެންވާރަަމަންޓުގެ ފަރާތުން ކޯހުގެ ބައިވެރިންނަށް ދޭނެ އެވެ.