ހަބަރު

2022 ވަނަ އަހަރު ރާއްޖޭގައި ބޯހިމަނަން ނިންމައިފި

ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމެއް 2022 ވަނަ އަހަރު ބާއްވަން ނިންމައި ސަރުކާރުން އެކަން އިއުލާން ކޮށްފި އެވެ.

ދުނިޔޭގެ ތަފާސްހިސާބު ދުވަހާ ގުޅިގެން ޒޫމް މެދުވެރިކޮށް ބޭއްވި ހަފުލާއެއްގައި ރާއްޖޭގައި ބޯހިމަނަން ނިންމާފައިވާކަން މިއަދު އިއުލާން ކުރެއްވީ ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، 2022 ވަނަ އަހަރު ބޯހިމަނަން ނިންމާ ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އަދި މި ބޯހިމެނުން ފުރިހަމަ ވާނީ ރާއްޖޭގެ ހުރިހާ އެންމެންގެ ވެސް ބައިވެރިވުމާއެކު ކަމަށާއި އެކަމަށް އެއްބާރުލުން ދިނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

ކުރިއަށް އޮތް ބޯހިމެނުން ފުރިހަމަ ކުރުމަށް ރާއްޖޭގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދިނުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ވެސް މިއަދު އެދުނެވެ. އަދި ކުރިއަށް އޮތް ބޯހިމެނުމާ ގުޅުވައި "ކައުންޓް މީ އިން" ގެ ނަމުގައިި ލަވަ އެއްވެސް ރިލީޒް ކުރި އެވެ.

ދިވެހި ރާއްޖޭގައި ބޯހިމެނުން
ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރުގަ އެވެ. އެއަށް ފަހު، ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް 1931 ވަނަ އަހަރާ ހިސާބުން އާބާދީގެ ބޯހިމެނުމަށް މެދުކެނޑުމެއް އަ އެވެ. އަލުން އެ މަސައްކަތް ފެށީ 1946، 1953 އަދި 1957 ގައެވެ. އޭގެ ފަހުން ދެން ބޯ ހިމެނުން މެދު ކެނޑުނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. މިހާރު ރާއްޖޭގެ އާބާދީ ސީދާ އަދަދު މުޅީން ސާފެއް ނުވާއިރު ބިދޭސީންގެ އަދަދުވެސް ސާފެއް ނުވެއެވެ.