ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މައުލޫމާތު ދޭ ގޮތަކުން ލޯނު ދަތިވެދާނެ!

ރާއްޖޭގެ އިގްތިސޯދު ކޮވިޑް-19 އާ ގުޅިގެން ބޮޑުތަނުން ދަށްވެފައިވާތީ މިހާރު އާމްދަނީއިން ގެއްލޭ ބައި ފޫބައްދަން ޖެހެނީ ލޯނުންނެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ދައުލަތުގެ އާމްދަނީ 50 ޕަސެންޓް ދަށްވާނެ އެވެ. މީގެ ސަބަބުން އާމްދަނީ އިން ކުރިން ލިބޭނެ ކަމަށް ބެލެވެނު 30 ބިލިއަން ރުފިޔާގެ ބަދަލުގައި މިހާރު ލިބޭނީ އެންމެ ގިނަ ވެގެންވެސް 15 ބިލިއަން ރުފިޔާ އެވެ. އެހެންވެ އާމްދަނީ އިން އުނިވާ ބައި ފޫބައްދަން ޖެހެނީ އެކި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ދޭދޭ ގައުމު ތަކުން ދަރަނި ނަގައިގެންނެވެ. ދަރަނި މަތިވިއަސް މި ވަގުތު މި "ހިތިބޭސް" ބޯން ޖެހެ އެވެ. ދަރަނި ނަގަން އުޅޭއިރު ދުނިޔޭގެ ގިނަ ގައުމުތައް ވެސް ތިބީ މި ހާލަތުގަ އެވެ. ކޮވިޑް-19 އަކީ ދުނިޔެ އަށް ކުރިމަތިވި ބަލާއާފާތަކަށްވާތީ ލެންޑިން އެޖެންސީތައް ތިބީ އެހީގެ އަތްތައް ގިނަ ކަމުން ހަނދާނެ ގޮތް ހުސްވެފަ އެވެ. ދީފައި ނުދޭނެ މީހަކު ނެތް ހާލަތުގަ އެވެ.

މި ހާލަތުގައި ތިބި ވަގުތެއްގައި ގައުމުގެ ދަރަނީގެ ހާލަތުގެ އެންމެ ރަނގަޅު މައުލޫމާތު އެ މީހުންނަށް އެނގެން ޖެހެ އެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގައި ދަރަނި "ރީސްޓްރަކްޗާ" ކުރަން ނުވަތަ "ދަރަނި މުރާޖައާ ކުރަން" ކުރި އަށް ދާ ބަހުސްގައި ފެނިގެން ދަނީ މުޅިން އެހެން މަންޒަރެކެވެ. ރާއްޖޭގެ ދަރަނީގެ ހާލަތުގެ ނުބައި ތަސައްވުރެއް އެދަ ދައްކަ އެވެ. ދަރަނި ނުދެއްކޭނެ ހާލަތަށް ހިންގައިދާނެ ކަމަށް ބުނެ ބިރުދައްކަ އެވެ. މިއީ ނުރައްކާތެރި ކަމެކެވެ. މީގެ ސަބަބުން ރާއްޖެ އަށް ދަރަނި ލިބުން ދަތިވެދާނެ ހާލަތެއް އައުންގާތެވެ.

"ދަރަނީގެ ގޯސް މައުލޫމާތުގެ ސަބަބުން ލޯނު އެއްބަސްވުމުގެ އެއްވެސް މާއްދާއެއް ޓްރިގާ ވެއްޖެ ނަމަ، ދައުލަތުން ކުރިއަށް އޮތް ތަނުގައި ނަގާ ދަރަންޏަށް އޭގެ ނޭދެވޭ އަސަރުތައް ކޮށް، ގައުމުގެ ރޭޓިން ދަށްވެ، އިތުރަށް ފައިނޭންސިން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ،" މި މައްސަލައަށް އިޝާރާތް ކުރައްވައި، ރައްޔިތުން މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 ގެ މިހާލަތާ ގުޅިގެން ހިލޭ އެހީ އާއި ލޯނު ހިމެނޭ ގޮތަށް ސަރުކާރަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބިފައިވަނީ 519.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ) އެވެ. މީގެ ބޮޑު ބައެއް ދާނެ ކަމަށް ބެލެވެނީ މިހާރު ކޮވިޑް-19 ގެ ކަންކަމަށް ކުރަމުންދާ ހޭދަ އަށެވެ. ކުރިއަށް އޮތް ހަތަރު އަހަރަށް ބަލާއިރު ޓޫރިޒަމް ރަނގަޅުވަމުން ދިޔަ ނަމަވެސް އާމްދަނީ އަށް ބޮޑު ހެޔޮ ބަދަލެއް އަންނަ ތަނެއް ފެންނާނެ ކަމަށް ތަފާސް ހިސާބުތަކުން ލަފައެއް ނުކުރެވެ އެވެ.

އާމްދަނީ އާއި ދަރަނީގެ ފަހަރު

  • 2020
  • ޖުމްލަ އާމްދަނީ: 13.7 ބިލިއަން ރުފިޔާ
  • ޖުމްލަ ދަަރަނި: 10.1 ބިލިއަން ރުފިޔާ
  • ތަފާތު: 3.5 ބިލިއަން ރުފިޔާ
  • 2021
  • ޖުމްލަ އާމްދަނީ: 17.5 ބިލިއަން ރުފިޔާ
  • ޖުމްލަ ދަަރަނި: 20.1 ބިލިއަން ރުފިޔާ
  • ތަފާތު: 2.5- ބިލިއަން ރުފިޔާ
  • 2022
  • ޖުމްލަ އާމްދަނީ: 21 ބިލިއަން ރުފިޔާ
  • ޖުމްލަ ދަަރަނި: 9.9 ބިލިއަން ރުފިޔާ
  • ތަފާތު: 11 ބިލިއަން ރުފިޔާ
  • 2023
  • ޖުމްލަ އާމްދަނީ: 25.3 ބިލިއަން ރުފިޔާ
  • ޖުމްލަ ދަަރަނި: 5.5 ބިލިއަން ރުފިޔާ
  • ތަފާތު: 19.7 ބިލިއަން ރުފިޔާ
  • 2024
  • ޖުމްލަ އާމްދަނީ: 26.6 ބިލިއަން ރުފިޔާ
  • ޖުމްލަ ދަަރަނި: 5.2 ބިލިއަން ރުފިޔާ
  • ތަފާތު: 21.4 ބިލިއަން ރުފިޔާ

ތަފާސް ހިސާބުތައް މިގޮތަށް ދައްކާއިރު، ދަރަނި ރީސްޓަކްޗާ ކުރަން ކުރާ މަސައްކަތުގެ ތެރެއިން ވެސް ދަރަނި ލިބުން ހުރަސް އެޅޭނެ ފަދަ ގޮތެއް ވެއްޖެނަމަ ބޮޑު ދައްޗެއް ރާއްޖެ އަށް ކުރިމަތިވާނެ އެވެ. މިހެންވެއްޖެނަމަ މިހާރު ވެސް ގޯސްކޮށް އޮތް ރާއްޖޭގެ އޮތް ދަރަނީގެ ސިޔާސަތު ފާލުން ނައްޓާލާނެ އެވެ. ނަތީޖާއަކަށް ވާނީ އެއް ގައުމެއްގެ ދަރަނީގެ މަޅިއެއްގެ ތެރެއަށް މެހި ބެދެން ފުރުސަތު ފަހިވުމެވެ. ހަމައެކަނި އެސްބީއައި މާލެ ގޮފިން ލޯނު ނަގާނަމަ އެ ލޯނުތަކާއެކު އިތުރު ޝަތުރު ތަކެއް ރާއްޖެ އަށް އަންނާނެ އެވެ.މިއީ ވުން ގާތް ގޮތެކެވެ.

ރާއްޖޭގެ ލޯނުތައް ޑީފޯލްޓެއް ނުވާނެ

ދަރަނި ރީސްޓްރަކްޗާ ކުރަން މަޖިލީހުން ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، މަޖިލީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފެންނަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކާއި ދީފައިވާ ގެރެންޓީގެ މައްޗަށެވެ. މީގެ ސަބަބުން ރާއްޖެއަށް ލައްގާ ދަރަނީގެ ބުރައާއެކު ދަރަނި ނުދެއްކިދާނެ ކަންބޮޑުވުމެވެ. ނަމަވެސް އެ ދަރަނީގެ ބޮޑު ބަޔަކީ އިގްތިސޯދީ ދިރުން ހުރި ކަންކަމަށް ނަގާފައިވާ ލޯނަށްވުމުން އޭގެން ފައިސާ ވިހަން ފަށާތަން ދެ އަހަރު ތެރޭ ފެންނާނެ އެވެ. މީގެ އެއް މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެެހެންވެ ސަރުކާރުން ބުނަމުންދަނީ ރާއްޖެ ދަރަނި ނުދެއްކި ދަރާވިކޭ ހިސާބަށް ނުދާނެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެވާހަކަ އެވެ. ރާއްޖޭން ދަރަނި މެނޭޖު ކުރާނެ ކަމަށާ، ރާއްޖޭން ލޯނުތައް ނުދެއްކި "ޑީފޯލްޓް" ނުވާނެ ގޮތައް ބަލައިގެން ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ.

"އަޅުގަނޑުމެންގެ ލޯނުތައް ނުވަތަ ދަރަނިތައް ޑިފޯލްޓް ވުމުގެ ނުރައްކަލެއް ނެތް. އަޅުގަނޑުމެންނަށް ދަރަނިތައް ދެއްކޭނެ،" އޭނާ ވިދާޅުވުވެފައިވެ އެވެ.

ދަރަނި މަތިވުމަކީ ކަންބޮޑުވުމެއް

ދަރަނި ދެއްކުމުގެ ގާބިލްކަން ރާއްޖޭގައި ހުރި ނަމަވެސް ލޯނު ނަގަމުން ދިއުން މިއީ ކުރިމަގުގައި މައްސަލަ ތަކެއް ކުރިމަތިވާނެ ކަމެވެ. ރާއްޖޭގެ ޖުމްލަ ދަރަނި 100 ބިލިއަން ރުފިޔާ އިން މަތިވުމަށް ދާއިރު، އެކަން ވަނީ ދާދި ފަހުން ވޯލްޑް ބޭންކް އިން ނެރުނު ރިޕޯޓުގައި ވެސް ފާހަގަ ކޮށްފަ އެވެ. މިއީ އެ ޖަމިއްޔާގެ ބޮޑު ކަންބޮޑުވުމެކެވެ. މި ކަންބޮޑުވުން އެ ޖަމިއްޔާއިން އަބަދުވެސް ފާޅުކުރެ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އިގްތިސާދީ ހާލަތާ ބެހޭ ގޮތުން ވޯލްޑް ބޭންކުން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔަނަމަވެސް ސަރުކާރުން އެކަމަށް ނުބަލާ ހަރަދު ކުރާ ކަމަށާ މީގެ ސަބަބުން ދަރަނި މަތިވާ ކަމަށް ބުނެފައިވެ އެވެ. އަދި ކޮވިޑް-19 ގެ ސަބަބުން އައިސްފައިވާ ހީނަރުކަމާއެކު ދައުލަތުގެ ދަރަނި 4.8 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 73 ބިލިއަން ރުފިޔާ) އަށް އަރާފައިވާ ކަމަށާ ނަމަވެސް މިދިޔަ އަހަރު ދިވެހި ދައުލަތުގެ ދަރަނި ހުރީ 4.4 ބިލިއަން ޑޮލަރު (67 ބިލިއަން ރުފިޔާ) ގައި ކަމަށް ބުނެފައިވެ އެވެ. އެހެންވެ މަޝްރޫއުތައް މަޑު ޖައްސާލައި ހަރަދު ކުޑަ ކުރަން ލަފާ ދީފައިވެ އެވެ. ސުވާލަކީ މިއީ ކުރެވޭނެ ކަމެއް ހެއްޔެވެ؟ މީގެން ކުރާނި ފައިދާ ނުވަތަ ގެއްލުން ހެއްޔެވެ؟

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިމް ވިދާޅުވެފައިވާ ގޮތުގައި ތިލަ-މާލެ ބްރިޖާއި މިފަދަ މަޝްރޫއުތައް މިވަގުތު މުހިންމުވެ އެވެ. މީގެ ސަބަބުން އިގްތިސޯދުގައި އެނބުރޭ ފައިސާ އިތުރުވާނެ ކަމަން މިނިސްޓަރު ފާހަގަ ކުރައްވާފައިވެ އެވެ.

ދަރަނި ރީސްޓްރަކްޗާ ކުރަން ވެސް ޖެހޭ

ދަރަނި އިންތިހާއަށް މަތިވަމުންދާއިރު، ދަރަނި ދީފައިވާ ފަރާތްތަކުގައި އެދިގެން ދަރަންޏަށް ލުއިތަކެއް ހޯދަން މަސައްކަތް ކުރަން ވެސް ޖެހެ އެވެ. ނަމަވެސް މިކަން ކުރަން ވާނީ ދަރަނި ލިބުން ހުރަސް އެޅޭނެ ގޮތަކަށް ނޫނެވެ. މީގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ރާއްޖޭގެ "ކްރެޑިޓް ހިސްޓްރީ" އާމެދު ސުވާލު އުފެދޭނެ ގޮތެއް ވެގެން ނުވާނެ އެވެ. މިކަން ކުރަން ވާނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިކަން ކުރާ ގޮތަށް ޕްރޮފެޝަނަލްކޮށެވެ. ބޭރުގެ އެޖެންސީތަކާ ވެސް ގުޅިގެންނެވެ. ލޯނު ދީފައިވާ ގައުމުތަކާ ވެސް ގުޅިގެންނެވެ. ގައުމުތަކާ ދިމާލަށް އެއްޗިހި ކިރުއާއި ޖިއޯ ޕޮލިޓިކްސްގެ ޖަޒުވާބުން އެއްކިބާ ވެގެންނެވެ.

މިކަން ކުރަން ޖެހޭ ސަބަބަކީ ރާއްޖޭގެ ބަޖެޓު ޑެފިސިޓް 12 ބިލިއަން ރުފިޔާގައި ހުރިއިރު، އެބައި ފޫބައްދަން ފައިސާ ބޭނުންވާތީ އެވެ. އެހެންވެ ރާއްޖޭން މިހާރު މަސައްކަތް ކުރަމުން ތައްޔާރު ވަނީ އިންޓަނޭޝަނަލް މާކެޓުގައި 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ) ސުކޫކެއް ވިއްކާށެވެ. މި ސުކޫކް ވިކުން ބިނާވެގެން ދާނީ މިހާރު ކުރާ މަސައްކަތުގެ ޕްރޮފެޝަނަލިޒަމް ބަހައްޓާ ގޮތަށެވެ. ދަރަނީގެ ސިޔާސަތާއި ރީސްޓްރަކްޗާ ކުރުންދާ ގޮތަކަށެވެ.

ދަަރަނި މުރާޖައާކޮށް ލުއި ހޯދަން މަސައްކަތް ކުރި ނަމަވެސް ދަރަނި ނުލިބޭނެ ގޮތެއް ނުވުމަކީ ރާއްޖެ އަށް މި ހާލަތުގައި ގެއްލުން ވާނެ ކަމެވެ. ލޯނު ނުނަގާށޭ ދަރަނި މަތިވަނީއްޔޭ ބުންޏަސް މިހާރު އާމްދަނީ ހޯދަން ވަގުތުން ވަގުތަށް ހުރި މަގުތައް އެހާ ގިނައެއް ނޫނެވެ. އެހެންވެ ދަރަނި މުރާޖައާ ކުރުނުގައި ފަރުވާތެރި ނުވެއްޖެނަމަ އާހިރު ނަތީޖާއަކީ މިހާރު ވެސް އިންޑިއާއަށް ބުރަވެފައިވާ ދަރަނީގެ ތިލަފަތް އިތުރަށް ބަރުވެގެން ދިއުމެވެ.