ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ފިނި މޫސުމާ ދިމާކޮށް 10 އެއާލައިނެއް ރާއްޖެއަށް ފަށަނީ

ޔޫރަޕުގެ ފިނި މޫސުމާ ދިމާކޮށް، ރާއްޖެ އަށް 10 އެއާލައިނަކުން ދަތުރު ފަށަން ތައްޔާރު ވެއްޖެ އެވެ.

ޔޫރަޕަށް ފިނި މޫސުން ފަށާނީ ޑިސެމްބަރު މަހުން ފެށިގެންނެވެ. ފިނި މޫސުމާ ދިމާކޮށް އަލަށް ފަށަން ތައްޔާރުވާ އެއާލައިންތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް މާކެޓަށް އެންމެ ގިނަ މީހުން އަންނަ ޗައިނާގެ "ޗައިނާ ސަދަން" އާއި އެންމެ ދުވަސްވީ މާކެޓު ކަމަށްވާ އިޓަލީގެ "އިޓަލީގެ ނިއޯސް" އެއާލައިނުގެ އިތުރުން އޮސްޓްރިއާގެ ގައުމީ އެއާލައިން "އޮސްޓްރިއަން އެއާލައިންސް" އާއި ސީޝެލްސްގެ ގައުމީ އެއާލައިން "އެއާ ސީޝެލްސް" ހިމެނެ އެވެ. މީގެ އިތުރުން ރަޝިއާގެ "އަޒުރް" އާއި އެ ގައުމުގެ "ނޯވިންޑް" އަދި "ގަލްފް އެއާ" ގެ އިތުރުން "ލުފްތާންޒާ" އާއި "ފްލައި ދުބާއީ" އަދި "ގޯއެއާ" ހިމެނެ އެވެ.

އޮސްޓްރިއާގެ ގައުމީ އެއާލައިނުން ބުނެފައިވާ ގޮތުގައި އެ އެއާލައިންގެ ދަތުރުތައް ފަށަން ނިންމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. އޮސްޓްރިއާގެ ވިއެނާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދު އެ އެއާލައިން އިން ހަފުތާއަކު ދެ ފްލައިޓް ބާއްވާނެ އެވެ.

ގޯ އެއާގެ ދަތުރުތައް އަންނަ މަހުގެ އެކެއްގައި ރާއްޖެ އަށް ފަށާނެ އެވެ. އަދި ލުފްތަންސާ އާއި ނޯޑްވިންޑް އަދި ފްލައި ދުބާއީ އިން މިމަހުގެ 27 ގައި ދަތުރު ފަށާނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ގަލްފް އެއާ އާއި އަޒުރްގެ ދަތުރު ފަށާނެ ދުވަހެއް އާއްމުކޮށްފައެއް ނުވެ އެވެ. މީގެ އިތުރުން ދެކުނު އެފްރިކާގެ ވެރިރަށް ޖޮހެނަސްބާގް އިން އެއާ ސީޝެލްސްގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމާފައިވަނީ ޑިސެމްބަރު މަހު ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.

އެއާލައިން ތަކެއް ރާއްޖެ އަށް ފެށުމުގެ އިތުރުން މިހާރު ދަތުރުކުރާ ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. ފްރިކުއެންސީ އިތުރު ކުރަން ނިންމާފައިވާ އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް ހިމެނެ އެވެ. އެމިރޭޓްސް އިން ވަނީ ހަފުތާއަކު ތިން ފްލައިޓަށް އިތުރު ކުރަން ނިންމާފަ އެވެ. އަދި ރަޝިއާ އިން އަންނަ އޭރޯފްލޯޓް އިން ވަނީ ހަފުތާއަކު ހަތަރު ފްލައިޓް ބާއްވަން ނިންމާފަ އެވެ. މިހާރު ރާއްޖެއަށް 11 އެއާލައިންއަކުން ދަނީ ދަތުރު ކުރަމުންނެވެ.

ރާއްޖެ އަންނަ އެއާލައިންތައް އިތުރު ވެގެން ގޮސްފައިވާއިރު، އެއާލައިންތައް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހާއްސަ އިނާޔަތް ތަކެއް ދަނީ ދެމުންނެވެ. ގްރައުންޑް ހޭންޑްލިން އާއި ޖައްސާ އަދި ނެގުމަށް ނަގާ ފީ އަދި ޕާކިން ފީއިން ބޮޑު ޑިސްކައުންޓެއް ރާއްޖޭން ދަނީ ދަމުންނެވެ.

ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާފައިވަނީ ޖުލައި 15 ގަ އެވެ. ހުޅުވިފަހުން ރާއްޖެ އަށް މިހާތަނަށް 27،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައިވާ ގޮތުގައި މި އަހަރު ބާކީ އޮތް ދެ މަހު އަންނާނީ ގާތްގަނޑަކަށް 100،000 އެއްހާ ޓޫރިސްޓުން ކަމަށް ބުނެފަ އެވެ. އަދި އަންނަ އަހަރު އަންނާނީ 750،000 ޓޫރިސްޓުން ކަމަށް ބުނެފައިވެ އެވެ. މިހާރު ރާއްޖޭގެ ޓޫރިޒަމް އެނދުގެ 50 ޕަސެންޓު ވަނީ އޮޕަރޭޝަނަށް ނެރެފަ އެވެ. އެންމެ ފަހުން ހުޅުވުމުގެ ހުއްދަ ދީފައިވަނީ ބަޖެޓު ޓޫރިސްޓުން އަންނަ ގެސްޓްހައުސް މާކެޓެވެ.

ރާއްޖެއަށް އެއާލައިންތައް ދަތުރު ފަށާއިރު ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ޖެހޭ މީހުންގެ އަދަދު މަދުވާ ކަމަށް ހިސާބުތަކުން ދަނީ ދައްކަމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއި ން ކޮވިޑަށް ޕޮޒިޓިވްވީ 33 މީހެކެވެ. މިހާރު ރާއްޖޭގައި ތިބި ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 11,391 އެވެ.