ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދައުލަތުގެ ބަޖެޓް

2021 ގެ ބަޖެޓަކީ ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން ބަޖެޓު ހުށަހަޅަން ތައްޔާރު ވަމުންދާއިރު، އަންނަ އަހަރަށް ހުށަޅަނީ މި އަހަރަށް ވުރެ ކުޑަ، ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ޝަރުވަޝް އާދަމް އަވަސްއަށް މިއަދު ވިދާޅުވި ގޮތުގައި ބަޖެޓު އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ބަޖެޓު އެކުލަވާލުގައި މިހާރު އިގްތިސޯދަށް ކުރަމުންދާ އަސަރުގެ ސަބަބުން އާމްދަނީ އާއި ހަރަދު ތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް ބަޖެޓު ހުށަހަޅަން ޖެހެނީ ތާރީހު ކަމަށްވާ މި މަހުގެ 31 ގެ ކުރިން މަޖިލީހަށް ބަޖެޓު ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރުވަޝް ވިދާޅުވި ގޮތުގައި މިހާރު ބޭނުން ކުރަމުންދާ ބަޖެޓަށްވުރެ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓު ކުޑަ ވާނެ ކަމަށެވެ. އަދި ބަޖެޓުގެ ކުޑަ ބޮޑުމިން ބެލުމުގެ ބަދަލުގައި ބަޖެޓުގައި ހުރި އެހެން މުހިންމު ބައިތަކަށް ފޯކަސް ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއްސުރެން އޮންނަ ސަގާފަތެއް ބަޖެޓު ކުޑަ ބޮޑުމިނަށް ބެލުން. މިއީ ބަދަލު ކުރަން ޖެހޭ ކަމެއް. ބަޖެޓުގައި މިއަށް ވުރެ މާމުހިންމު ބައިތައް ހިމެނޭ. މިސާލަކަށް އާމްދަނީ އާއީ ޑެފިސިޓް. އާމްދަނީ ހޯދާނީ ކިހިނެއްތޯ؟ މިއީ މުހިންމު ބައިތައް،" ޝަރުވަސް ވިދާޅުވި އެވެ.

ކުރިއްސުރެން އޮންނަ ސަގާފަތެއް ބަޖެޓު ކުޑަ ބޮޑު މިނަށް ބެލުން. މިއީ ބަދަލު ކުރަން ޖެހޭކަމެއް. ބަޖެޓުގައި މިއަށް ވުރެ މާމުހިންމު ބައިތައް ހިމެނޭ. މިސާލަކަށް އާމްދަނީ އާއީ ޑެފިސިޓް. އާމްދަނީ ހޯދާނީ ކިހިނެއްތޯ؟ މިއީ މުހިންމު ބައިތައް،
އަހުމަދު ޝަރުވަޝް އާދަމް | ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް

ކޮވިޑް-19 އިގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށް ފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ރިވައިޒް ބަޖެޓު ވަރަށް އަވަހަށް ހުށަހަޅާނެ

ޝަރުވަޝް ވިދާޅުވި ގޮތުގައި ރިވައިސް ބަޖެޓުތައް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނެ އެވެ. ރިވައިޒް ބަޖެޓާއި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި މާ ބޮޑު ތަފާތެއް ނުހުންނާނެ އެވެ. ބޮޑު ބަޖެޓާ ނަމްބަރުތައް ގާތްގަނޑަކަށް އެއްވަރު ވާނެ އެވެ.

މި އަހަރު 39 ބިލިއަން ރުފިޔާގެ ބަޖެޓެއް

މި އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި އަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. ނަމަވެސް ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި އިގްތިސޯދު ހުޅުވާލަން ހެދި ސިނާރިއޯ ސާވޭގައިވާ ގޮތުން މި އަހަރު ޓެކުހުގެ ގޮތުގައި ލިބޭނީ 9.5 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން ތިން ބިލިއަން ރުފިޔާ ލިބޭއިރު، ހިލޭ އެހީގެ ގޮތުގައި އެންމެ ގިނައިން ވެސް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 2.9 ބިލިއަން ރުފިޔާ އެވެ. އެހެންވެ މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 15.2 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ދައުލަތުގެ އާމްދަނީ އިން 14.6 ބިލިއަން ރުފިޔާ މަދު ވެގެންދާނެ އެވެ. މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ބަޖެޓުގެ 6.1 ޕަސެންޓް ޑެފިސިޓް ވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާރު އަންދާޒާ ކުރެވޭ ގޮތުގައި މި އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ 7.13 ޕަސެންޓާއި 9.22 ޕަސެންޓާ ދެމެދުގަ އެވެ. އެހެންވެ މި ވަރުން ބަޖެޓު ފޫބައްދާ ކަމަށްވާނަމަ އިތުރަށް ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ އާއި 16 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހޯދަން ޖެހޭނެ އެވެ. އެހެންވެ، ސަރުކާރުން ދަނީ މި ފައިސާ ހޯދަން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މިފައިސާގެ ބައެއް ވަނީ ހޯދާފަ އެވެ.