ސަފާރީ ރޭޕް

ރޭޕްކޭހާ ގުޅޭ މުހިއްމު ސުވާލެއް އަނީސާ ކުރައްވައިފި

Oct 25, 2020
5

ހުޅުމާލޭގެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕު ކުރި ކަމަށް ތުހުމަތުވާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އެ މައްސަލައިގެ ކުޑަ ބޮޑު މިން، ހޯމް މިނިސްޓަރަށް ކަނޑައެޅުއްވިދާނެތޯ ކުރީގެ ވަޒީރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަނީސާ އަހުމަދު ސުވާލު ކުރައްވައިފި އެވެ.

އެކަމަނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ "ސަފާރީ ރޭޕް" އެއީ ރޭޕެއް ނޫން ކަމަށާއި އެއީ ސަފާރީގެ ތެރޭގައި ހިނގައި ދިޔަ "ކުޑަކަމެއް" ގެ ގޮތުގައި ހޯމް މިނިސްޓަރު އިމްރާން އަބްުދުﷲ ސިފަ ކުރައްވާ ވާހަކަފުޅު ދެއްކެވުމާ ގުޅިގެނެވެ.

އަނީސާ މިއަދު އެއްސެވީ ސަފާރީ އުޅަނދެއްގައި އަންހެނަކު ރޭފް ކުރި ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ކުޑަބޮޑުމިން ހޯމް މިނިސްޓަރަށް ކަނޑައެޅުއްވިދާ ހެއްޔެވެ؟ މީގެ އިތުރުން މިނިސްޓަރުގެ އެ ނިންމެވުމުގެ ސަބަބުން ތަހުގީގަށް ނުފޫޒެއް ފޯރައިފާނެ ކަމަށް ބެލެވިދާނެތޯ ވެސް އަނީސާ އައްސަވަ އެވެ.

"މައްސަލަ ތަހުގީގު ކޮށް ނުނިމޭ ނަމަ މިނިސްޓަރުގެ ވާހަކަފުޅުން ތަހުގީގަށް ނުފޫޒު ފޯރާނެ ކަމަށް ބެލެވިދާނެބާ؟" އަނީސާ ވިދާޅުވި އެވެ.

އަނީސާ ކުރެއްވި ޓްވީޓް

ދިވެހިރާއްޖޭގެ އަޑުން ރޭ ފޮނުވި ޕްރޮގްރާމެއްގައި އިމްރާން ވިދާޅުވީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީގައި ހިނގައިދިޔަ ކަންކަމާއި ގުޅިގެން ނޫސްތަކުން ގެނެސްދިން ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. މުޅި އެ މައްސަލައަށް ބަލާއިރު ފުރަތަމަ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދޫކޮށްލުމުގައި އަމަލު ކޮށްފައި ވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި މުޅީން އެއްގޮތަށް ނޫން ކަމަަށެވެ. ނަމަވެސް އެއީ ރޭޕް ކޭހެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އިމްރާން ވިދާޅުވީ އެ ރޭ ސަފާރީގައި ހިނގީ "އެއަށްވުރެ މާ ކުޑަ ކަމެއް" ކަަމަށާ އެއީ "އާންމުތަނެއްގައި ހުރެވެސް މީހަކު ކޮށްފާނެ ފަދަ ކަމެއް" ކަމަށެވެ. އަދި އެއީ ބައެއްގެ ތެރޭގައި އެކަން މީހަކު ކުރި ނަމަވެސް އެއީ ހިނގި ކަމެއްކަން ނޭނގޭ ގޮތަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން އާންމު ފޯރަމެއްގައި ދަންނަވަން ފަސޭހަފުޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުވެސް އެ ވާހަކަތައް އަޑު އެހީމާ، އެ ވާހަކަތައް ފެތުރިގެން އައީމަ އަޅުގަނޑަށްވެސް ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ އެއީ މި އޮތީ އިނގޭތޯ. އެކަމަކު އެ މައްސަލަ ގޮސް ރަނގަޅަށް ބަލާލާ ކައިރިން ދެނެގަތީމަ... ދެން އަޅުގަނޑަށް މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން ސީދާ އެ ހިނގާ އޮތް ކަންތައްތައް ނުވަތަ އެ އިބާރާތް ބުނާކަށްވެސް. އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގަވެސް ހުރެފަވެސް، ބައެއްގެ ތެރޭގައި ހުރަފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރެވޭ ކަހަލަ ކަމެއް ކުރިވާހައޭ މިއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭންގޭ ކަހަލަވެސް ކަމެކޭ ހިނގާފައި މި އޮތީ،"