ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ޝާހް މަރުވިކަން ތިނަދޫ ކައުންސިލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެނގިފައިވާ ގޮތުން ޝާހު މަރުވީ މަސް ބާނަން ކަނޑުމަތީގައި ހުއްޓައި ކުއްލި ގޮތަކަށް ހާލު ދެރަވުމަށް ފަހު އެވެ. އޭގެ ކުރިން އޭނާގެ ގައިގައި މަހަކުން ޖެހި ރިއްސާތީ އުޅުނު ކަމަށް ވެސް ބުނެވެ އެވެ. ޝާހު މަހަށް ދިޔަ ދޯނި މަހަށް ފުރީ ހުޅުމާލޭ ބަނދަރުންނެވެ. އޭނާ މަރުވި އިރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ ގއ. ކޫއްޑޫ ބަނދަރަށެވެ. ޝާހު މަރުވެފައި އޮތީ ދޯނީގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި އޮށޯވެ އޮއްވަ އެވެ.
ޝާހު އަކީ ޒިޔާދާ ރޭޕް ކުރި ކަމުގެ ކުށް ޝަރީއަތުގައި ސާބިތުވެ ތިން އަހަރު ދުވަހަށް ޖަލު ހުކުމް އިއްވާފައިވާ މީހެކެވެ. އޭނާއަކީ ޒިޔާދާގެ ކުރީގެ ފިރިމީހާއެވެ.
އޭނާ މަރުވި އިރު އަނބިމީހާ، ޒިޔާދާ ރޭޕް ކުރިކަން ސާބިތުވެ ހައިކޯޓުން ވަނީ އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް މި މަހުގެ އެއްވަނަ ދުވަހު އިއްވާފަ އެވެ. ނަމެވެސް އެ ހުކުމް އިއްވި އިރު ޝާހް ހުރީ ބަންދުގެ މުއްދަތު ގުނަމުން ގޮސް ވީއްލި މިނިވަންވެފަ އެވެ.