މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ޕެލެޓުތައް މި ހަފުތާގެ ތެރޭގައި ނަގާނެ ކަމަށް ބުނެ ސިޓީ ކައުންސިލުން އިއުލާނެއް ކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާ ގޮތަށް ބަހައްޓާފައި ހުރި ޕެލެޓުތަކާއި މީހުނަށް އަނިޔާވާ ގޮތަށް ހުރި ހަލާކުވެފައިވާ ޕެލެޓާއި އެހެނިހެން ތަކެތި މިހަފުތާ ތެރޭގައި އެ ކައުންސިލުން ނަަގާނެ ކަމަށެވެ.
ބުދަ ދުވަހުގެ ކުރިން މަގުމަތީގައި ބަހައްޓާފައި ހުރި ޕެލެޓުތައް ނަގައި ތަން ސާފު ކުރުމަށް ވަނީ އަންގާފަ އެވެ. ކައުންސިލުން ބުނި ގޮތުގައި ދީފައިވާ ތާރީހުގައި އެއްވެސް ޕެލެޓެއް ނުގެން ގޮސް ހުރި ނަމަ ކުނީގެ ގޮތުގައި އެ ތަކެތި ނަގައި ނައްތާލާނެ އެވެ.
"ތަކެތި ނެގުމުގެ ތެރޭގަ އާއި ނެގުމަށް ފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި އުނި އިތުރަށް ކައުންސިލުން ޒިންމާ ނުވެވޭނެ" އިއުލާނުގައި ބުނެ އެވެ.
މާލެސިޓީގެ އެކި ސަރަހައްދުތަކުގައި ޕެލެޓުތައް ބަހައްޓާފައި ހުންނާތީ އާއްމުންގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. ހާއްސަކޮށް، އުޅަނދުތައް ޕާކް ކުރަން ކަނޑައަޅާފައި ހުންނަ ތަންތަނުގައި ޕެލެޓުތައް ބަހައްޓާތީ ކަންބޮޑުވެ އެވެ.
އާންމުންނަށް އުނދަގޫވާ ގޮތަށް މާލޭ މަގުތަކުގެ ޕޭމަންޓު ކަައިރީ ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިދިޔަ އަހަރު ވެސް ކުރި އެވެ. ނަމަވެސް، މިހާރު އެ ޕެލެޓުތައް ނަގާނެ ވަސީލަތެއް ނެތް ކަމަށް ބުނެ މާލޭ ސިޓީގެ ކައުންސިލް ވަނީ އެކަމަށް ނުކުޅެދިފައިވާ ކަމަށް ބުނެފަ އެވެ.