ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
މެޖިސްޓްރޭޓެއް ގޮތުގައި ހުންނަވައި ހައްޔަރު ކުރެވިފައިވާ ފަރާތުގެ ގާނޫނީ ވަކީލާއި ވިލިނގިލީ ރެސްޓޯރެންޓެއްގައި ބައްދަލު ކުރައްވާ އޭނާާ ދިން ސިޓީ އުރައަކާއި ހަވާލު ވެފައިވާކން ސާބިތުވެފައިވާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާއެކު ޝުކޫރު ވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ކުރާކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަންވެސް ސާބިތުވެފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުންވެސް 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެ ކުރިން، ޝަރީއަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން ޝުކޫރު އަމަލުކޮށްފައިވާކަން ސާބިތުވާކަންވެސް އެކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރެވޭނީ، ކޮމިޓީން އެ ގޮތަށް ނިންމައި، މަޖިލީހުގެ ތަޅުމަށް ގެނެސް، ފާސް ކޮށްފިނަމަ އެވެ.
އެ މައްސަލަ މަޖިލީހަށް ފޮނުވުމަށް ފަހު، ޖޭއެސްސީން މިހާރު ވަނީ ވަގުތީ ގޮތުން ޝުކުރޫ ފަނޑިޔާރުކަމުން ސަސްޕެންޑު ކޮށްފަ އެވެ.