މާދަމާއިން ފެށިގެން ރާއްޖެއަށް އުދުހުންތައް ފަށާ ފްލައި ދުބާއީގެ ޖެނެރަލް ސޭލްސް އެޖެންޓް (ޖީއެެސްއޭ) އަކަށް އަނެއްކާ ވެސް އިނަ މޯލްޑިވްސް ހޮލިޑޭސް ހަމައްސައިފި އެވެ.
އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނި ގޮތުގައި 2018 ގައި ދަތުރު ކުރުމަށް ފަހު މެދުކަނޑާލައި އަލުން މާދަމާ ދަތުރު ފަށާއިރު އިނަ މޯލްޑިވްސް އަލުން ފްލައި ދުބާއީގެ ޖީއެސްއޭ އަކަށް ހަމަޖެއްސުމާއެކު މި ސަރަހައްދުގެ ގައުމުތަކަށް ޓިކެޓު ވިއްކުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.
ފްލައި ދުބާއީ އަލުން ފަށާއިރު، ހަފުތާއަކު ހަތަރު ފްލައިޓް ބާއްވާނެ އެވެ. ފްލައިޓް އޮންނާނީ ބުދަ ދުވަހާއި ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ. މި ފްލައިޓް ރާއްޖެއަށް ފެށުމާއެކު ދުބާއީ އާއި 40 މަންޒިލެއް ގުޅާލާނެ އެވެ.
ފްލައިދުބާއީ ދަތުރުތައް ފަށާއިރު މިހާރު 12 އެއާލައިނެއް ދަނީ ދަތުރު ކުރަމުންނެވެ. އަދި ނޮވެމްބަރު މަހު 18 އެއާލައިނަކުން ދަތުރު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.