އެމްޓީސީސީގެ ފަހުގެ ތާރީހުގައި ނުވަ މަސް ތެރޭ ހޯދި އެންމެ ބޮޑު ސާފު ފައިދާއާއެކު، ތިން ވަނަ ކްއާޓާ ނިންމާލައިފި އެވެ.
އެމްޓީސީސީން މިއަދު އާއްމު ކުރި އެ ކުންފުނީގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް މި އަހަރުގެ ނުވަ މަސްތެރޭ 140 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވެ އެވެ. މިއީ އެ ކުންފުންޏަށް މި ފަހުގެ ތާރީހުގައި ނުވަ މަސް ތެރޭ އެންމެ ބޮޑު ފައިދާއެއް ލިބުނު ފަހަރެވެ. މި މުއްދަތުގައި އެ ކުންފުނިން 951 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވެ އެވެ.
ސަރުކާރުގެ އެންމެ ގިނަ މަޝްރޫއު ހިންގާ ކުންފުނީގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ތިން ކުއާޓަރު އެކަނި ބަލާނަމަ، ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 60 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 18 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 70 ޕަސެންޓުގެ އިތުރު ވުމެކެވެ.
އެ ކުންފުނީގެ މާލީ އުސްއަލިތަކަށް ބަލާއިރު ތިންވަނަ ކުއާޓަރުގައި 350 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި 86 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 69 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. މި ކުއާޓަރުގައި އެ ކުންފުނިން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، ބީޕީޓީގެ ގޮތުގައި ސަރުކާރަށް ނުވަ މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އަވަސް އަށް މިއަދު ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް ރެކޯޑު ފައިދާއެއް ލިބުނީ މުވައްޒަފުންގެ ހިތްމަތުންނާއި ގެނެވުނު ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
"ކޮވިޑް-19 އާއެކު މަސައްކަތް ކުރަން މި ކުންފުނިން މިވަނީ ދަސްކޮށްފަ. މި ފައިދާ ލިބިފައި މިވަނީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރަން ކުރި ބުރަ މަސައްކަތްތަކާއި މުވައްޒަފުންގެ ބުރަ މަސައްކަތްތަކުން،" އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީގެ ސާފު ފައިދާ އިތުރުވެފައި މިވަނީ ކުންފުންޏަށް ގެއްލުންވާތާ އަހަރު ތަކަށްފަހު އެވެ. އެ ކުންފުންޏަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް ބޮޑު ފައިދާއެއް ލިބިފައިވެ އެވެ.