ވިޔަފާރި

މޯލްޑިވިއަންގެ އާ ބޯޓު މާދަމާ ގެންނަނީ، ފްލައިޓްގެ އަދަދު 16 އަށް!

މޯލްޑިވިއަންގެ އާ ބޯޓު މާދަމާ ގެނައުމުން ފްލައިޓްތަކުގެ އަދަދު 16 އަށް އަރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

މޯލްޑިވިއަންގެ އުދުހުންތައް ބާއްވާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ޑޭޝް އަށެއް މަރުކާގެ 50 ގޮނޑީގެ މި ބޯޓު އައުމަށް ހަމަޖެހިފައިވަނީ މާދަމާ 12 ޖަހާއިރު ކަމަށެވެ. މި ބޯޓު ގެންނަނީ އިސްލާމިކް ފައިނޭންސްގެ ދަށުން ގަނެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބޯޓު ގެނައުމުން ޑޭޝް އެއިޓްގެ އަށް ބޯޓު ވާނެ. މި ބޯޓު ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކާއި ޓްރިވެންޑްރަމްއަަށް. މީގައި ވަަރަށް ބޮޑު މަސްހޫލިއްޔަތެއް އަޅުގަނޑުމެންނަށް އޮވޭ. ބަލިމީހުން އުފުލުމުގެ މަސްހޫލިއްޔަތު އޮވޭ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލި މީހުން އުފުލުމުގެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓޫރިޒަމް ފުޅާ ކުރުމުގެ މަސްހޫލިއްޔަތެއް ވެސް އުފުލަން ޖެހޭ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަންގެ ދަތުރުތައް ފެށުމުގެ ކުރިން ޓޫރިޒަމް އޮތީ މާލެ ކައިރީގައި ކަމަށާއި، ނަމަވެސް ޓޫރިޒަމް މިހާރު ފުޅާވެގެން ގޮސްފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ޓޫރިޒަމް މި އޮތީ ފުޅާވެފަ. އެހެންވެ ބިލަނީ އެއާޕޯޓަށް ޓޫރިސްޓުން އައުމުން ވީހާ ވެސް މިނިމަން ކަނެކްޓިން ޓައިމްއެއްގައި ޓޫރިސްޓުން ރަށްރަށް ގެންދަން. އެކަން ކުރެވޭނީ ބޯޓު ފަހަރު އިތުރު ކޮށްގެން،" ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ރާއްޖޭގެ އިތުރުން ޗައިނާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކަށް ވެސް ދަތުރުތައް ބާއްވަ އެވެ.