ރިޕޯޓް

އެންމެ ބޮޑު ވާހަކަ: ކީއްވެގެންތަ އުމަރު؟

Oct 17, 2015
6

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދަތުރު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުން، އެކަމާބެހޭ ފައިންޑިންތަކެއް ހޯދަން ސައުދީ އަރަބިއްޔާގެ ފޮރެންސިކް އެކްސްޕާޓުންނާއި އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ (އެފްބީއައި) ގެ އޭޖެންޓުންނާއި އިންޑިޔާ އާއި އޮސްޓްރޭލިޔާ އާއި ސްރީލަންކާގެ ސީއައިޑީ އެކްސްޕާޓުން އައެވެ. މިއީ އާދައިގެ ޓީމްތަކެއް ނޫނެވެ. – މި ޓީމްގައި ފިނިފެންމާގެ މެނިފެކްޗަރާ ނުހިމެނުމުން ކުޑަކޮށް އައިބެވެ --

މި ޓީމްތަކުގެ ފައިންޑިންތައް އޮތީ ކޮންމެ ބަޔަކުވެސް ހޯދާ ހޯދުންތައް އެއީ ވަކި ހޯދުންތަކެއްގެ ގޮތުގައި ވަރަށް މިނިވަންކޮށެވެ. މިފަދަ އިންވެސްޓިގޭޝަންތަކުގައި އެންމެން މަސްހުނިކޮށްފައި ނުބޭއްވުމަކީ އިންޓެނޭޝަނަލް ބެސްޓް ޕްރެކްޓިސް އެވެ. އެމީހުންގެ ހޯދުންތަކާ ވަކިން ދިވެހި ފުލުހުން ވެސް ހޯދުންތަކެއް ވަނީ ހޯދާފައެވެ، ނޫނީ ދަނީ ހޯދަމުންނެވެ. މިފަދަ ކަންކަމުގައި ދިވެހި ފުުހުންނަކީ ވެސް "އަންޑަ ޑޯގެއް" ނޫނެވެ. އޭގެ ސަބަބުތަކާއި ތަފުސީލް މި ރިޕޯޓްގައި ހިމަނާކަށް ނުޖެހެ އެވެ.

މީގެ ތެރެއިން ބޭރުގެ އެކްސްޕާޓުންގެ ފައިންޑިންތަކުން ކަށަވަރުކޮށްދީފައި ވަނީ "ފިނިފެންމާ" ގައި މެކޭނިކަލް ފޯލްޓެއް ދިމާވެގެން އެއްޗެއް ނުގޮވަ ކަމާއި އެއީ ހަމަލާއެއް ކަމެވެ. ރައީސްގެ ފުރާނަފުޅު ދުއްވާލަން ދުރާލައި މޮޅަށް ރާވައިގެން ލޯންޗުކޮޅުގައި ދިން ހަމަލާއެއް ކަމެވެ. އެކަން ވަނީ މުޅީން އެސްޓަބްލިޝްވެފައެވެ. މި އެސްޓްބިޝް ކުރުމާ ދެކޮޅު ހަދާ މީހަކު ނުފެނެ އެވެ.

ސުވާލަކީ ރައީސްގެ ފުރާނަފުޅު ދުއްވާލަން ދިން ހަމަލައެއްގެ ފުނަށް ނުފީނައި އޭގެ އަސްލު ނުހޯދައި މިހިސާބަށް ނިންމާލާނީ ހެއްޔެވެ؟ ޖަވާބަކީ އެހެނެއް ނުވާނެ އެވެ. އެކަން ބަލައި އަސްލު ހޯދައި ފިޔަވަޅު އެޅުމަކީ ގާނޫނުން ލާޒިމް ކުރާ ކަމެކެވެ. އެހެންވީމާ އެކަން ބަލަންޖެހޭނެ އެވެ. ނުކުރުން ވާނީ އެންމެ ބޮޑު ހިޔާނާތުގެ ގޮޅިއަށް ވަންނާނެ ކަމަކަށެވެ.

އެއްކަމެއް ޔަގީން ވެއެވެ؛ ފިނިފެން މާގައި ހިނގީ ހާދިސާއެއް ނޫނެވެ. އެއީ ހަމާލާއެކެވެ. – މި ހަމަލާ ޕްލޮޓްކޮށްފައިވާ ގޮތް ކަމަށް ފެންނަ ޕްރިޑިކްޝަން ފަހުން ލިޔާނަމެވެ –

މި ހަމަލާގެ ފަހަތުގައިވާ ކަންކަން ބަލައި ހޯދަން ރައީސް އަބްދުﷲ ޔާމީން ވަނީ ނޭޝަނަލް އިންކުއަރީ ކޮމިޝަނެއް އެކުލަވައިލާފަ އެވެ. މި ކޮމިޝަން ޗެއާ ކުރައްވަނީ ސީދާ ރައީސް ޔާމީނެވެ. ކޯޗެއަކީ މި ބާވަތުގެ އިންވެސްޓިގޭޝަންތައް ހިންގުމުގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ކްރިމިނަލް އިންވެސްޓިގޭޝަންއަކީ އާނާގެ ފަންނެވެ.

"ފިނިފެންމާ"ގެ ހަމަލާ ފަދަ ހަމަލައެއް ދެން ނުދެވޭ ގޮތް ފާހަގަކުރުން ވެސް ހިމެނޭ ގޮތަށް އޮތް އިންކްއަރީ ކޮމިޝަންގައި ދެން ހިމެނި ވަޑައިގަންނަވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި ކާނަލް އަބުދުއްރައޫފާއި ކެޕްޓަން އަލީ އިހުސާން އާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބުދުﷲ ނަވާޒާއި ޗީފް ސްޓޭޝަން އިނިސްޕެކްޓަ މުހައްމަދު ސާމިހެވެ.

މީގެ ތެރެއިން ކާނަލް އަބުދުއްރައޫފަކީ އެމްއެންޑީއެފް އިންޓެލިޖެންސްގެ ވެރިޔާ އެވެ. މި ކޮމިޝަން އެކުލަވައިލި އިރު ޖަމްޝީދަކީ ވެސް ޕޮލިސް އިންޓެލިޖެންސްގެ ވެރިޔާ އެވެ. ނަމަވެސް ފަހުން އޭނާގެ މަގާމު ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު ކޮމިޝަނުން އޭނާ ބޭރުވި ކަމެއް މިހާތަނަކަށް އެނގިއެއް ނެތެވެ.

މި ތަހުގީގާ ގުޅޭ ގޮތުން ސުވާލު އުފައްދާނަމަ ޖަމްޝީދުގެ މައްސަލަ މާ "ވެލިޑް"ކަން ބޮޑެވެ. އެކަމަކު އެ ވާހަކައެއް ނެތެވެ. ކޮމިޝަނުގައި ރައީސް ވެސް ހިމެނޭ ގޮތަށް ތިއްބެވި ބޭފުޅުންގެ ތެރެއިން އިނގިލިތައް އަމާޒުވެފައި ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރަށެވެ. ނައިބު ރައީސް އަހުމަދު އަދީބަށް ވަރަށް ގިނަ ކަންކަމުގައި މީހުން ތުހުމަތު ކުރާތީ އޭނާ ކުރިން ކުރައްވާފައި އޮންނަ ސުވާލެއް އޮވެ އެވެ. "ވައި އޯލްވޭޒް މީ؟" އެވެ. ހަމަ އެގޮތަށް މި މައްސަލައިގެ ތަހުގީގާ ގުޅުވައި އުމަރަށް ތުހުމަތު ކުރަނީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލަށް އެންމެ ފުރަތަމަ ޖަވާބެއް ދެއްވާފައި ވަނީ ރައީސް ޔާމީނެވެ.

ޕީޕީއެމާއި އެމްޑީއޭ އާއި ޖޭޕީގެ ޕާލެމެންޓްރީ ގްރޫޕްގެ މެންބަރުންނަށް މި ހަމަލައިގެ ވާހަކަ ހިއްސާކުރަން ރައީސް ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގައި އުމަރު ހިމެނިވަޑައިގެންނެވުމާއި ހާއްސަކޮށް އެ ކޮމިޝަންގެ ކޯޗެއާއަކަށް އުމަރު ހަމަޖެއްސުމާ ގުޅޭ ގޮތުން ސުވާލު އުފެއްދީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ އެވެ. މުސްތޮފާއަކީ ވަރަށް ފާޅުގައި ނައިބު ރައީސަށް ތާއީދު ކުރައްވާ ބަސްފުޅު ވިދާޅުވާ ބޭފުޅެކެވެ. ހަމަލައަށް ފަހު އަދީބަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާތީ އެ ސުވާލު މުސްތޮފާ ކޮށްލެވުން ހަމަ އެންމެ ރަނގަޅެވެ.

އެ ސުވާލުގެ ޖަވާބު ރައީސް އެ ދުވަހު ދެއްވި ކަމަށް ބައްދަލުވުމަށް ވަޑައިގެންނެވި ބައެއް މެންބަރު ކަށަވަރު ކޮށްދެއެވެ. އެގޮތުން ކޮމިޝަންގެ ކޯޗެއާއަކަށް އުމަރު ނެގީ އެ ކޮމިޝަންގައި ދެން ހިމެނި ވަޑައިގަންނަވާ މެންބަރުން އަމިލަ ނިންމުމެކެވެ.

"މީގެ މާނައަކީ ކޮބައިތޯ؟ ހަގީގަތުގައި ކޮމެެޓީގައި ދެން ތިއްބެވީ ވެސް މިފަދަ ކަންކަމުގެ ތަޖުރިބާކާރުން. އެފަދަ ބޭފުޅުން ތިއްބަވާ އަދި މިފަދަ ހައްސާސީ މައްސަލައެއް ތަހުގީގު ކުރާ ކޮމެޓީއެއްގެ ކޯޗެއާއަކަށް އުމަރު އެ ބޭފުޅުން އަމިއްލަފުޅަށް ލައްވާނީ މިފަދަ ކަމެއްގައު އުމަރުގެ ގާބިލުކަމާއި ސީދާކަމާއި ތެދުކަން އެ ބޭފުޅުންނަށް ކަށަވަރު ކުރެއްވޭތީ އަދި އެއީ އެކަމަށް އެންމެ ގާބިލު ބޭފުޅާ ކަމަށް ގަބޫލުވެސް ކުރެއްވޭތީ" އުމަރާއެކު ސިފައިންގޭގައި ފުުލުހުންގެ ޔުނިޓްގައި ވެސް މަސައްކަތް ކުރެއްވި ކްރިމިނަލް އިންވެސްޓިގޭޝަން އެކްސްޕާޓަކު ވިދާޅުވި އެވެ. "އޭނާ [އުމަރަކީ] މިފަދަ ރިޔާސީ ފަސްޓްޑިގްރީ އިންވެސްޓިގޭޝަނެއްގައި ހުންނަންޖެހޭ ބޭފުޅެއް، މިފަދަ ތަޖުރިބާކާރަކު ރާއްޖޭގައި ހުރިކަން މިއީ ވެސް ހެވެއް،"

ސިޔާސީ ރޭހުގެ އަސްލަށް ބަލާއިރު މިފަދަ ކޮމިޝަނަކަށް ރައީސް އުމަރު ލެއްވުމަކީ އެމަނިކުފާނު ސިޔާސީގޮތުން ފުދޭކަން ވަރަށް ބޮޑަށް ދައްކުވައިދޭ ކަމެކެވެ. އަދި ސިޔާސީ ގޮތުން ދެ ބޭފުޅުންގެ ވިސްނުން ތަފާތު ނަމަވެސް ކުރިމަތީގައި އޮންނަނަ ގައުމީ އިޝޫއަށް އުމަރުގެ އިހުލާސްތެރިކަން އޮތް ކަން ރައީސް ގަބޫލުފުޅު ކުރެއްވުމެވެ.

އުމަރު ހުންނަވައިގެން ތަހުގީގު "ސިޔާސީ ކުރާނެ" ކަމަށް ބުނެ ދިއްކުރާ އިނގިލިތައް ގިނަވެފައިވާއިރު ރައީސް ވަނީ އެކަންކަން ސާފުކޮށްދެއްވާފަ އެވެ.

"އެ ސުވާލު [މުސްތޮފާ] ކުރެއްވީމަ ރައީސް ވިދާޅުވި އިންކްއަރީ ކޮމިޝަނުގެ ޗެއާއަކީ ތިމަންމަނިކުފާނޭ، ކޯޗެއާއަކަށް މިނިސްޓަރު އުމަރު ހަމަޖެއްސީ އެ ކޮމިޝަނުންގައި ދެންތިއްބެވި ބޭފުޅުން އަމިއްލަފުޅަށް އިސް ނަންގަވައިގެނޭ، އެއީ އެ ބޭފުޅުންގެ ނިންމުމެކޭ،" އެ މެންބަރު ވިދާޅުވު އެވެ.

ރައީސް ޔާމީނާ ހަވާލާ ދެއްވާ އެ މެންބަރު ވިދާޅުވި ގޮތުގައި އިންކްއަރީ ކޮމިޝަންގެ ތަހުގީގުގެ މަސައްކަތް ކުރިޔަށް ދަނީ މެންބަރުން އެކި ބައިބަޔަށް ބެހިގެނެވެ. އޭގެ ތެރެއިން ބައެއް ބައިބައިގެ ކަންކަން ސީދާ ރިޕޯޓް ކުރަން ޖެހެނީ ރައީސަށެވެ. ނުވަތަ ކޮމިޝަންގެ ޗެއާއަށެވެ. އަދި ބައެއްކަންކަން ރިޕޯޓް ކުރަންޖެހެނީ ކޯޗެއާއަށެވެ. އެގޮތަށް ކޮމްޕޮޒިޝަނެއް ހަދާފައިވަނީ އެފަދަ ކަންކަން އޮންނަ ގޮތުގެ މައްޗަށް ބަލައިގެނެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ވަކިވަކި މީހުނާ ސުވާލު ކޮށް ހޯދަންޖެހޭ ފައިންޑިން ހޯދުން ވެސް ހިމެނޭތީ އެވެ.

"އަދި [ރައީސް] ވިދާޅުވި ކޮމިޝަންގެ ރިޕޯޓް އަންނަ އިރު އޭގައި އެއްވެސް އެއްޗެއް ލިޔެވޭނީ އެމަނިކުފާނަށް އެނގިވަޑައިގެން ކަމަށް،" އެ މެންބަރު ވިދާޅުވި އެވެ.

ދެން ކޮމިޝަން އޮފް އިންކްއަރީގައި އުމަރު ހުންނެވުމުން މައްސަލައަކީ ކޮބައިހެއްޔެވެ؟ ކޮމިޝަނުގައި އުމަރު ހުންނަވައިގެން އެކަމާ ތުހުމަތު އިނގިލި ދިއް ކުރާ ފަރާތްތަކުގެ އިނގިއްޔަކީ ބޭކާރު އިނގިއްޔެކެވެ. ބޭކާރުވާ ސަބަބަކީ ކޮމްޕޮޒިޝަން އޮތް ގޮތުން ކޯޗެއަކީ ކަމެއް ބަދަލު ކުރުމުގެ އިހްތިޔާރެއް އޮތް ބޭފުޅަކަށް ނުވުމާއި ޗެއާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވުމުންނެވެ. އެހެން ކަމުން ނައިބު ރައީސް ވިޔަސް އެހެން ބޭފުޅަކު ވިޔަސް އުމަރަށް އިނގިލި ދިއްކުރާ ފަރާތްތަކުގެ އިނގިލި ގޮސް ޖެހޭނީ ސީދާ ރައީސްގެ މޭގަ އެވެ. ވީމާ ކަންކަމުގައި "ރިއަލިސްޓިކް" އަދ "ކްރިިޓިކަލް ތިންކިން" ބޭނުން ކުރަންޖެހޭނެ އެވެ.

"ކޮމިޝަންގެ މައްސަލާގައި އުމަރަށް ތުހުމަތު ކުރަނީ މި ހަމަލާގެ ތުހުމަތުތައް އާންމު ފަރާތްތަކުން އަޅުވައިގެން އުޅޭ ބައެއްގެ ތެރެއިން. އެއީއަކީ ހަގީގަތަކަށް ވާކަށް ނުޖެހޭ. އަދި އޭގެ މާނައަކީ ހަގީގަތަކަށް ނުވުމެއް ވެސް ނޫން. އެކަމަކު އެހިސާބަކަށް އަދި ކަމެއް ތިލަވެގެނެއް ނާދޭ، އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން މިހާރު މިއުޅެނީ އެހެން ކަމެއް މިއީ ސިޔާސީ ޒާތީ ކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ،"

އުމަރާ މެދު ޝައްކު އުފައްދަންވީ ކީއްވެގެން ހެއްޔެވެ؟ އެއީ ސިޔާސީ ބޭފުޅަކަށް ވުމުން ހެއްޔެވެ؟ ނޫނީ އޭނާގެ މާޒީގައި ދައްކަވާފައި ހުރި ވާހަކަތަކުންނެވެ. ހަގީގަތުގައި އެއީ ސިޔާސީ މީހުންގެ ގޮތެވެ. ސިޔާސީ މީހުންނަކީ ބްރިޖި އަޅަން ނުޖެހޭ ތަންތަނުގައި ވެސް ބްރި އަޅުއްވާނެ ކަމަށް ވައުދުވާ ބައެކެވެ. ވީމާ ވާހަކަ ނެތް ސިޔާސީ ބޭފުޅަކު ހުންނެވިއްޔާ އެއީ "މޮޔަ" އެެކެވެ.

ސިޔާސީ ގޮތުން އުމަރު އުންމީދުތަކެއް ކުރައްވާކަން ޔަގީނެވެ. އެކަމަކު 2018 ގައި ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ހުންނަވާނެ ކަމަށް ޕަބްލިކްގައި ޑިކްލެއާ ކުރައްވަފައިވާ ފުރަތަމަ ސިޔާސީ ލީޑަރަކީ ވެސް އެއީ އެވެ. އާއި މި ހަމަލާއަށްފަހު ވެސް ރައީސް ޔާމީންގެ ސަރުކާރުގެ ދިފާއުގައި ފުރަތަމަ ކޮނޑު ވިއްދާނީ އޭނާ ކަމަށް ވިދާޅުވި ފުރަތަމަ ވަޒީރަކީ ވެސް އެއީ އެވެ. އަސްލަށް ދާއިރު އުމަރާމެދު "ތުންފިއްތުމެެއް" އޮންނާންވީ ބޭފުޅަކީ ރައީސް ޔާމީން ކަމަށްވެފައި ރައީސް ޔާމީންގެ އެޑްމިނިސްޓްރޭޝަނުން އުމުރަށް ޖާގަ އޮވެފައިމެ ރައީސް ޔާމީންގެ ނެތް ޒާތީ ކަމެއް އުމަރާމެދު އެހެން ދިމަދިމާއިން އައުންމީ ހައިރާންވާރުގެ ކަމެކެވެ. މިއީ ވެސް ތަހުގީގެއް ކޮށްލަންޖެހޭ ކަމެކެވެ. އެކަން ކުރަންޖެހޭ ސަބަބަކީ ސަރުކާރަކަށް ހިނގައި ގަނެވޭނޭނީ އެޑްމިނިސްޓްރޭޝަން، ކެބިނެޓްގައި ކޮންފިޑެންސާއި އިތުބާރު އޮވެގެން ކަމަށްވާތީ އެވެ.

"އުމަރު ހުންނަވައިގެން އެންމެ ކަންބޮޑުވާންޖެހޭ ބޭފުޅަކީ ރައީސް ކަމަށް ވެދާނެ ސިޔާސީ ގޮތުން، އެއީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ވާދަވރިކަން ދިޔަ ގޮތުން، އެކަމަކު ރައީސް މިކަމާ ކަންބޮޑު ނުވާއިރު އެހެން ބަޔަކު ކަންބޮޑުވެގެން އުޅުމުގެ ފަހަތުގައި ކޮންމެވެސް ކަމެއް ވެދާނެ،" ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.

ސަރުކާރުގެ އެންމެ އިތުބާރު ބޮޑު އެއް ވަޒީރަކީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ޝައިނީ ވިދާޅުވި ގޮތުގައި ރައީސަށް ދިން ހަމަލާގެ ތަހުގީގު އިންސާފުވެރިކަމާއި އެކު ކުރިއަށް ގެންދެވޭނީ އެ ޓީމުގައި އުމަރު ނަސީރު ހުންނަވައިގެނެވެ.

އޭނާ ވިދާޅުވި ގޮތުގައި އުމަރަކީ ރައީސް ޔާމީނާއި ސިޔާސީގޮތުން ވިސްނުން އެއް ހިޔާލުގެ ބޭފުޅަކަށް ވެވަޑައިނުގެންނެވި ނަމަވެސް ތަހުގީގު ޓީމުގައި އުމަރު ހުންނެވުމަކީ ވަކި ފަރާތަކަށް ބުރަ ނުވެ ތަހުގީގު ކުރިއަށްގެންދަން ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

"ވަރަށް ބައިވަރު ސަބަބުތަކެއް ހުންނާނެ އިންކްއަރީ ކޮމިޝަނެއް އުފެއްދުމުގައި.[އެފަދަ ކޮމިޝަނެއްގައި] އެއްކޮޅަކަށް ތިބޭ އެންމެން ލައިގެން ތަހުގީގު ކޮށްފިއްޔާ އެކަން އިންޑިޕެންޑެންޓް ނުވެވެސް ހިނގައިދާނެ. ދެން ތަހުގީގު ކުރިއަށް ދަނީ ސީދާ ރައީސް ޔާމީނުގެ ބެއްލެވުމުގެ ދަށުން. އެހެންކަމުން ނުފޫޒު ފޯރުވުމުގެ ބާރެއް އެއްވެސް މީހަކަށް ނުލިބޭނެ،" ޝައިނީ ވިދާޅުވި އެވެ.

އިންކްއަރީ ކޮމިޝަން އުފެދުމާއި އެ ކޮމިޝަންގެ ކޯޗެއާއަކީ އުމަރުކަން ހާމަވީ ހިސާބުން ފެށިގެން "މި ތަހުގީގު އުމަރު ސިޔާސީކޮށްފި" ކަމަށް ބައެއް ފަރާތްތަކުން އައީ ބުނަމުންނެވެ. ހާއްސަކޮށް މި ހަމަލާގެ ތުހުމަތު ބައެއް ދިމަދިމާއިން ގޮސް ހުއްޓޭ ނައިބު ރައީސް އަހުމަދު އަދީބަށް ތާއީދު ކުރާ ފަރާތްތަކުންނެވެ. ތުހުމަތުތަކުގެ ދިފާއުގައި އާންމުންގެ ތެރެއަށްނުުކުމެ ވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ނައިބު ރައީސަށް ރައީސް ދެންނެވިތާ ހަތަރުގަޑިއިރު ނުވަނީސް ނައިބު ރައީސް ދެއްވި އިންޓަވިއެއްގައި ވެސް ވަނީ އުމަރަށް "ހަމަލާ" ދެއްވާފަ އެވެ.

އަދީބަކީ "ޕްރެޒިޑެންޝަލް ވޯތް މެޓީރިއަލް" އާއެކު ރައީސް ޔާމީން ތަރައްގީ ކުރައްވާފައިވާ ބޭފުޅެކެވެ. މަދު ވަނީ ހަމަ އެންމެ ކަމެކެވެ. ދޫ ބޭނުން ކުރެއްވުމެވެ. ވަރަށް ގިނަ ފަހަރަށް ދޫ ބޭނުންފުޅު ކުރައްވަން އެނގިވަޑައި ނުގެންނެވުމުގެ ސަބަބުން އަދީބުގެ އަތަށް ގޮވަ އެވެ. އެފަދަ ތަންތަނުގައި ފުޓުނި އަޅާން ރައީސް ޔާމީނަށް ޖެހުނުލެއް މަދެއްނޫނެވެ.

އެހެން ނަމަވެސް މި ހަމަލާއަށްފަހު އަދިބު ވެސް ވަނީ މޮޅު ވާހަކައެއް ވިދާޅުވެފައެވެ. އެއީ ވަކި މީހެއްގެ ފޮޓޯ ބާއްވައި އެއަށް ބަލައި ވަށައިގެން ތަހުގީގު ކުރުމަކީ އިންސާފުވެރި ގޮތެއް ނޫނޭ ވިދާޅުވި ވިދާޅުވުމެވެ. އެއީ ވަރަށް ރަނގަޅު ވާހަކަފުޅެކެވެ. ތަހުގީގެއްގެ އެންމެ މައްޗަށް ދާންހުރި ހުރިހާ "ހަރުގަނޑަކުން" އެރުމުގެ ބަދަލުގައި އެންމެ ހަރުގަނޑަކުން އަރައި ބަލައިގެން ކަމަކު ނުދެ އެވެ. ހަމަ އެގޮތަށް ފެބްރުއަރީ 7 ގެ ހާދިސާއާއެކު "ކޮމާންޑް ސެންޓަރޭ" ކިޔައިގެން ވެސް ބަޔަކު ކްރެޑިޓް ނަގަން މަސައްކަތްކޮށް ކޯޓްގައި ބެދޭވަރަށް "ހަރުގަނޑޭ"، "ހުދުވަލޭ" ވިދާޅުވެ އަދީބު ވެސް ވާހަކަފުޅު ވެސް ވަކި ދިމާއަކަށް ގެންދެވީމާ ކަމަކު ނުދެ އެވެ.

ހޯމް މިނިސްޓަރު އުމަރާއި ނައިބު ރައީސް އަދީބާ ދެބޭފުޅުންގެ މެދުގައި ސިޔާސީ ޒާތީ ކަމެއް އޮވެދާނެ އެވެ. އެކަން އުފުދިނީ މިވެނި ގޮތަކަށޭ ބައެއް މީހުން ކިޔައީދީ ވެސް އުޅެ އެވެ. އެކަމަކު އެ ޒާތީކަން ނެތިވެސް ނޯވެވެސް ހިނގައިދާނެ އެވެ. އެކަމަކު ފިނފެންމާގައި ދިން ހަމަލަ ފޮރުވޭ ގޮތަށް މި މައްސަލަ ފުރޮޅައިލުމުގެ ހައްގެއް ދެ ބޭފުޅުން ކުރެ އެއްވެސް ބޭފުޅަކަށް ވެސް އަދި އެހެން މީހަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ނޯންނާނެ އެވެ. ސަބަބަކީ ގާނޫނުން ދިވެހި ރައްޔިތުންގެ މައްޗަށް މިކަން ބަލަން ލާޒިމް ކުރާތީ އެވެ.

މިހާތަނަށް މި މައްސަލާގައި މަޑުން ހުންނެވި އުމަރު ވެސް ރޭ ވަނީ އޭނާގެ "ހަނުހުންނެވުން" ގެންދަވާފައެވެ. މައްސަލައާ ގުޅުވައި އޭނާގެ ނަމުގައި ހަދާފައިވާ އެސްއެމްއެސްތައް ދައުރު ކުރުން ގިނަވެގެން ކަމަށް ވެދާނެ އެވެ.

އުމަރު ވިދާޅުވި ގޮތުގައި އެ މެސެޖްތަކަކީ އޭނާގެ އަގު ވައްޓާލަން ނުވަތަ ނަޒާހަތްތެރިކަން ގެއްލުވާލަން ނެރޭ މެސެޖްތަކެކެވެ. އެބަޔަކީ ބޮމުގެ ހަމަލަ ފޮރުވަން އުޅޭ ބަޔަކަށް ވުމަކީ ކައިރި ކަމެކެވެ. އަދި ވިދާޅުވި އެވެ: "އަޅުގަނޑުގެ އަގު ވައްޓާލުމަށް ނުވަތަ އިންޓަގްރިޓީ ގެއްލުވާލުމަށް ފޭކް މެސެޖްތައް ނެރޭމީހުންނަކީ ބޮމުގެ ހާދިސާ ފޮރުވަން އުޅޭ މީހުންނަށް ވުމީ ވަރަށް ގާތް ކަމެއް،"

ކަމެއް ދިމާވުމުން ބައެއް މީހުނަށް އެކަމެއް އެންމެ މޮޅަށް އެނގުމަކީ ހިއުމަން ސައިކްލޮޖީގެ ބައެކެވެ. ވަރަށް ގިނަ ފަހަރާ އެކަމެއްގެ އަހުލުވެރިން ނޫން މީހުން އެކަމަކަށް ގޮތްފޮތް ކިޔާތަން އާދެ އެވެ. މި މައްސަލާގައި ވެސް ވެފައި މިއޮތީ އެހެނެވެ. ތުހުމަތު އަމާޒުވާ ބައެއް ފަރާތްތަކަށް "މަށޭ ކިޔާހޭ" ހީވެ އެވެ. ދެން ސިޔާސީ ގޮތުން ވަކި ގޮތެއް ނިންމައި ވަކި ގޮތަކަށް ބައްޓަން ކުރަންޖެހެ އެވެ.
ކަމެއް ގޯހިއްޔާ އެއަށްވުރެ މޮޅަށް އެކަން ކުރަންވާނެ އެވެ. ނޫނީ އެ މަގުފަހިކޮށްދޭންވާނެ އެވެ. މިސާލެއް ނަގާމާހެއްޔެވެ؟

ހުސައިން ސޮލާހު ދީން ލިޔުއްވާފައިވާ ކީރިތި ރަސޫލާގެ ސިޔަރަތު އަޑު އަހާ ބައެއް މީހުން އޭގެ ބަސްމަގު ކޮރު ކަމާއި އިލްމުގެ މަދު ކަމުގެ ވާހަކަ ދައްކަ އެވެ. އެ މީހުންނަކަށް ކަމަކު ނުދެ އެވެ. އެކަމަކު އެއަށްވުރެ ބަސް މަގު ހެޔޮކޮށް އެއަށްވުރެ އިލްމީ ގޮތުން މޮޅަށް ސިޔަރަތެއް ތަރުޖަމާ ކުރެވޭ ތަނެއް ނައެވެ. ވީމާ ދެން ކޮން ވާހަކައެއްހެއްޔެވެ؟

މި މައްސަލައިގައި ދެއްކި ދާނެ އެހެން ވާހަކައެއް އެބައޮތެެ. ތަހުގީގުގައ އުމަރަށް ތުހުމަތު ކުރަންޏާ، ހަމަލާގެ ތުހުމަތު މިހާރު އޮތް ފަރާތްތަކުގެ ދިމާއަށް ނުދާވީ ސަބަބަކީ ވެސް ކޮބައި ހެއްޔެވެ؟