ރިޕޯޓް

ދޯނި ހިފެހެއްޓުން: މަސްވެރިންނަށް ބިރެއް!

މަސްވެރިކަމަކީ ގަދަ އަތްވާ ވިއްސާރައިގެ ތެރޭގައި ކުރަން ޖެހޭ ބުރަ މަސައްކަތެއް ނަމަވެސް މަސްވެރިންނަކީ ކަނޑުމަތީ ވަރަށް މިނިވަންކަމާއެކު އުޅެމުންދާ ބައެެކެވެ. ނުރައްކަލެއް ނެތްކަމުގެ ޔަގީން ކަމުގައެވެ. ރާއްޖޭގެ ކަނޑުތަަކަކީ މަސްވެރިންނަށް އަމާން ކަނޑުތަކެއްކަމުގެ ޔަގީން ކަމުގައެވެ. މަސްވެރިކަމުގައި ހަފްތާ ދެ ހަފްތާ ނުވަތަ މަސްދުވަސްވެސް ކަނޑުމަތީ ހޭދަކުރަނީވެސް އެ ޔަގީންކަން އޮތުމުންނެވެ. ނަމަވެސް ހިނގާ އެންމެ ހާދިސާއަކުން އެ ޔަގީންކަން ގެއްލިދާނެއެވެ. މަސްވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިދާނެއެވެ.

ލ. އަތޮޅު އެތެރެވަރީން ވަޑިނޮޅު ކަނޑުގައި މަސްވެރިކަން ކުރާން އޮތް ދޯންޏަކަށް ބަޔަކު އަރައި ދޯނި ހައިޖެކް ކުރުން ވެގެން ދިޔައީ ކުރިން ބުނެވުނު އިތުބާރު ގެއްލުވާލި ކަމަކަށެވެ. ތޫނު ހަތިޔާރު ހިފައިގެން ދޯންޏަށް އަރައި ތިރީހަކަށް މީހުން ވަނީ އެ ދޯނީގައި ތިބި މަސްވެރިންނަށް ބިރު ދައްކާފަ އެވެ.

މިއީ ނުރައްކާތެރި ކަމެކެވެ. ދިވެހިން މީގެ ކުރިން އަހާފައި ވަނީ ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ވާހަކައެވެ. ނަަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެބައި މީހުންގެ ފަރާތުންވެސް ނުރައްކާތެރި ހަމަލައެއްދީފައެއް ނުވެއެވެ. ބެހިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަންނަ ސޯމާލިއާ މީހުން ގިނަ ފަހަރަށް ތިބެނީ ހައިހޫނުކަމުގެ ސަބަބުން ހާންތިވެފައެވެ.

ނަމަވެސް އިއްޔެ ހިނގި މި ހާދިސާއަކީ ދިވެހިންގެ ބަޔަކު ހިންގި ކަމެކެވެ. މިއީ ނާތަހުޒީބު ކަމެކެވެ. މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ގެއްލުން ވީ ހަމައެކަނި އެ ދޯނީގައި ތިބި މަސްވެރިންނަށް އެކަންޏެއް ނޫނެވެ. މިއީ މުޅި ރާއްޖޭގެ މަސްވެރިންނަށް ސިހުން ގެނުވި ކަމެކެވެ.

ލާމު އަތޮޅުން ހައިޖެކް ކުރި ދޯނިން މައުލޫމާތު ދިން ގޮތުގައި ތޫނު ހަތިޔާރާއެކު އައި ބަޔަކު އެދޯންޏަސް އަރައި ދޯނީގެ ކެޕްޓަނަށް ވަޅީން ބިރުދައްކައި އެމީހުން ބޭނުންވާ ތަނަކަށް ދޯނި ގެންދިޔުމަށް އެދުނެވެ. އަދި ދޯނީގައި ދެން ތިބި ފަޅުވެރިންނަށްވެސް ބިރު ދައްކައި އެމީހުންގެ އިރުޝާދުތަކަށް ތަބާވާން އެންގިއެވެ.

ފުލުހުންވެސް ވަނީ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކަށް ބަޔަކު ހަތިޔާރާއެކު އެރި ކަން ޔަގީން ކޮށްދީފަ އެވެ. މާރާމާރީއެއް ނުހިނގާ ކަމަށް ބުންޏެވެ. ހަތިޔާރުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދެއެވެ. އަދި ބުނީ އެކަން ކުރެވޭނީ ތަހުގީގަށްފަހު ކަމަށެވެ.

ދޯނި ހައިޖެކް ކުރީ ކީއްވެ؟

މަސްވެރިކަމުގައި އުޅެނިކޮށް ހައިޖެކް ކޮށްފައިވަނީ އައްޑޫ ސިޓީގައި ދުއްވާ "ފަސްކުރި" ނަމަކަށް ކިޔާ ދޯންޏެވެ. މި ދޯންޏަކީ ލ. ގަމު މީހެއްގެ އަތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބައްލަވައިގެންފައިވާ ދޯންޏެކެވެ. ޖާބިރު މި ދޯނި ބައްލަވައިގަތީ ހަތް މިލިއަން ރުފިޔާ އަށް ކަމަށްވެއެވެ. ނަމަވެސް އެއްބަސްވެފައިވާ ގޮތަށް ފައިސާ ދީފައި ނުވާ ކަމަށް ދޯނީގެ ވެރިފަރާތުން ބުނެއެވެ.

ދޯނީގެ ވެރިފަރާތުން ބުނާ ގޮތން ދޯނި ހައިޖެކްއެއް ނުކުރެއެވެ. އަދި މަސްވެރިއަކަށް ބިރެއްވެސް ނުދައްކައެވެ. ދޯންޏަށް އެރީ ސުލްހަވެރިކަމާއެކު ދޯނި އަތުލުމަށެވެ. ފައިސާ ދެއްކުމަށް ތަކުރާރުކޮށް އެނގި ކަމަށެވެ. އެ އެންގުންތަކަށް އެއްވެސް އިޖާބައެއް ނުދިން ކަމަށެވެ. ދޯނި ލާމު އަތޮޅަށް ވަނުމުން ދޯނި އަތުލުމަށް މަސައްކަތް ކުރީ ކަމަށެވެ.

މަސްވެރިން ބުނަނީ ކީކޭ؟

ދޯނީގައި ތިބި މަސްވެރިންގެ ނަޒަރުގައި ހިނގާ ދިޔައީ ބިރުވެރި ހާދިސާއެެކެވެ. އަދި ދޯނި ހޯދުމުގެ ނަމުގައި ހިންގީ ނާތަހުޒީބު އަމަލެވެ. އެކަމުން މަސްވެރިން ތިބީ ބޮޑު ބިރުވެރި ކަމެއްގައެވެ. މައްސަލައެއް ދިމާވެއްޖެނަމަ މައްސަލަ ހުށައަޅާނެ އިދާރާތައް އެބަ ހުއްޓެވެ. އެ މަގު ހިޔާރު ކުރުމުގެ ބަދަލުގައި ދޯނީގެ ވެރިފަރާތުން އަމަލު ކުރި ގޮތާމެދު މަސްވެރިން ވަރަށް ކަންބޮޑުވެއެވެ.


ދޯންޏަށް އަރައިގެންއިރު ދޯނީގައި އެ ދޯނި ގަތް ބޭފުޅެއް ނެތެވެ. އެހެންވީމަ އެ ގޮތަށް ދޯންޏަށް އަރައިގަތުން ބަލައެއް ނުގަނެވެއެވެ. މިއީ މަސްވެރިންނަށް ނަފްސާނީ ގޮތުން ލިބުނު ބޮޑު ގެއްލުމެކެވެ. އަދި އެެހެން މަސްވެރިންނަށްވެސް ލިބުނު އިންޒާރެކެވެ.

"އަޅުގަނޑުމެން މި ކުރަނީ ވަރަށް ބުރަ ބޮޑު އުދަނގޫ މަސައްކަތެއް. ރޭގަނޑުގެ ނިދި ނަގާލާފަ ބަނޑުފުރާނެ މުއްތި ކުރާނެ އެއްޗެއް މި ހޯދަނީ. ނިދަނީވެސް ރޭގަނޑު ވަރަށް ބޮޑަށް ލަސްވާފަހުން. އަޅުގަނޑުމެން ފަރެއްގަ ދިއްލާފަ ތިބެދާނަން އެއްވެސް ޖެހިލުމެއްނެތި. ދޯނީގެ ވާގަނޑު ކަނޑާލާ ނޫނީ ދޯންޏަށް ބަޔަކު އަރައި ގެއްލުމެއް ދީފާނެ ކަމުގެ އެއްވެސް ބިރެއް ނޯންނާނެ. އެކަމަކު މި ހާދިސާއަށްފަހު އަޅުގަނޑުމެން ވަރަށް ބޮޑަށް ޖެހިލުންވޭ. ނޭނގޭ މާދަމާ އަރާނީ ކޮން ދޯންޏަކަށް ކަމަށް. ހަމަ ޔަގީނުންވެސް ދޯނީގަ ހޭލާ ހުންނަ އެކަކަށް ވިިހި ތިރީސް މީހުން އަރައިފިއްޔާ ކޮންޓްރޯލެއް ނުކުރެވޭނެ." ރޭގެ ހާދިސާއަކީ މަސްވެރިންނަށް ބޮޑު ބިރެއް ގޮތަށް ސިފަކުރަމުން އެ ދޯނީގައި ހުރި މަސްވެރިޔަކު ބުންޏެވެ.

އެހެން މަސްވެރިޔަކު ބުނީ އެންމެ ބޮޑަށް ކަންބޮޑުވަނީ ރާއްޖޭގެ މަސްވެރިކަމާބެހޭ ގާނޫނުގައިވެސް މިފަދަ ކަމެއް ހިނގައިފިނަމަ ދެން އަމަލުކުރާނެ ގޮތެއް ނެތުމެވެ. އަދި އެ ކަމެއް ކުރާ ބަޔަކާމެދު އަޅާނެ ފިޔަވަޅެއްވެސް ނެތުމެވެ.

ރާއްޖޭގައި މިހާރުވެސް ދުއްވާ މަސްވެރި ގިނަ އުޅަނދުތަކަކީ އެ އުޅަނދުތަކުގެ ވެރިން އަތުން އެހެން ބަޔަކު ކުއްޔަށް ނަގައިގެން ދުއްވާ އުޅަނދުތަކެކެވެ. އެ އުޅަނދުތަކުން ވެރިމީހާއަށް ދޭންޖެހޭ ފައިސާ ދޭކަން ނުވަތަ ނޫންކަން މަސްވެރިންނަށް ނޭންގޭނެއެވެ. ނަމަވެސް އެގޮތަށް ދިމާވުމުން ދޯންޏަށް އަަރައިގަނެ ފަޅުވެރިންނަށް ބިރުވެރިކަން އިހުސާސްވާ ގޮތަށް އަމަލު ކުރާނަމަ އެއީ ހުރިހާ މަސްވެރިންނަށް އޮތް ބިރެކެވެ.

މިފަދަ ފުރަތަމަ ހާދިސާ

މަސްވެރިކަމުގައި އުޅޭތާ 35 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ދެކުނުގެ މަސްވެރިޔަކު ބުނި ގޮތުގައި މިފަދަ ހާދިސާއެއް އޭނާގެ ހަޔާތުގައި ދުވަހަކުވެސް ނުދެކެއެވެ. ނުވަތަ ހިނގި ކަމެއް އަޑުވެސް ނާހައެވެ. އެހެންވީމަ މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދޮ އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅު އަޅަން ޖެހެއެވެ.

"އަޅުގަނޑުމެން ކުޑައިރު މީހުން ބުނާނެ މަސްވެރިކަމަށް ނިކުންނަ އޮޑިތައް އޮޔާ ދާ ވާހަކަ. އެކަމަކު ބަޔަކު އަރައި ބިރު ދައްކައި މީހުން 'ރަހީނު' ކޮށްގެން ދާ ވާހަކައެއް އަޑެއް ނާހަން. މަސްވެރިކަމުގައި އުޅޭތާ 35 އަހަރު ވެދާނެ. ހަގީގަތުގަ ރަށުގަ އުޅުމަށްވުރެ މާ މިނިވަންކަން އިހުސާސްކުރެވޭ ކަނޑުމައްޗަށް އެރުމުން. އެކަމަކު އެ މިނިވަންކަންވެސް ގެއްލުނީބާއޭ ހިތަށް އަރަނީ މި،" އޭނާ ބުންޏެވެ.

ދެވޭނެ އަދަބަކީ ކޮބާ؟

މިދިޔަ އަހަރުގެ ތެރޭގައި ވުޖޫދަށް އައި މަސްވެރިކަމުގެ ގަވާއިދުގައިވެސް މިފަދަ ހާދިސާއެއް ހިނގައިފިނަމަ އަމަލު ކުރާނެ ގޮތެއް ނެތެވެ. ދޭނެ އަދަބެއް ނެތެވެ. އެހެން ދިމާވީ މި ރާއްޖޭގައި އެފަދަ ހާދިސާއެއް ހިނގާފައި ނެތުމުން ކަމަށް ވެދާނެއެވެ. އަދި ހިނގާފާނެ ކަމަށް ފިކުރު ހިންގާ ލެވިފައިވެެސް ނެތީމައެވެ.

މި ހާދިސާގައި ދޯންޏަށް އެރި މީހުން ތޫނު ހަތިޔާރު ގެންގުޅުނެވެ. މާރާމާރީއެއް ހަމަނުޖެހުމެއް ނުހިނގި ނަމަވެސް އެއީ ކުށެކެވެ.

ތޫނު ހަތިޔާރު ގެންގުޅުމަކީ ގާނޫނުގައި ބުނާ ގޮތުން ކުށެކެވެ. ޓެރަރިޒަމް މަނާ ކުރާ ގާނޫނުގައިވާ ގޮތުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުމާއި އާންމުންނަށް ނުވަތަ އާންމު ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާފަދަ ހާލަތެއް ކުރިމަތި ކުރުވުމުގެ އިތުރުން މުހިންމު އުމުރާނީ ވަސީލަތަކަށް ބޮޑު ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދު ކަނޑާލުން ފަދަ ކަމަކީ އެ ގާނޫނުގެ ދަށުން ބޮޑު ކުށެކެވެ.

މި ހާދިސާގެ ތަހުގީގު ފުލުހުން ވަނީ ފަށާފައެވެ. މީހަކު ހައްޔަރެއް ނުކުރެއެވެ. ނަމަވެސް ތަހުގީގުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ. މިއީ ނުރައްކާތެރި ކަމެއް ކަމަށް ދެކި އަލުން ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އެޅުން ވަރަށް މުހިންމެވެ.