ރައްޔިތުންގެ މަޖިލިސް

މާމެންދޫގެ އިސް މެޖިސްޓްރޭޓް ވަކިކުރަން ކޮމެޓީން ނިންމައިިފި

Oct 26, 2020

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖުޑިޝަރީ ކޮމެޓީން ނިންމައިފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ ޝުކޫރު މެޖިސްޓްރޭޓެއް ގޮތުގައި ހުންނަވައި ހައްޔަރު ކުރެވިފައިވާ ފަރާތެއްގެ ގާނޫނީ ވަކީލާއި ވިލިނގިލީ ރެސްޓޯރެންޓެއްގައި ބައްދަލު ކުރައްވާ އޭނާާ ދިން ސިޓީ އުރައަކާއި ހަވާލު ވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާއެކު ޝުކޫރު ވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ކުރާކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަންވެސް ސާބިތުވެފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުންވެސް 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެ ކުރިން، ޝަރީއަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން ޝުކޫރު އަމަލުކޮށްފައިވާކަން ސާބިތުވާކަންވެސް އެކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލަ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވާފައިވަނީ މިއަދުއެވެ. މިއަދުގެ ބައްދަލްވުމުގައި އެ ކޮމެޓީން ވަނީ ޝުކޫރު މަގާމުން ވަކިކުރަން ފެންނަ ކަމަށް ނިންމާފައެވެ. އެ ނިންމުމާ ދެކޮޅަށް ވޯޓް ދެއްވީ އެންްމެ މެންބަރެކެވެ.

އެ މައްސަލަ މަޖިލީހަށް ފޮނުވުމަށް ފަހު، ޖޭއެސްސީން މިހާރު ވަނީ ވަގުތީ ގޮތުން ޝުކުރޫ ފަނޑިޔާރުކަމުން ސަސްޕެންޑު ކޮށްފަ އެވެ.