ހަބަރު

"ދަރަނި އަނބުރާ ހޯދަން ގޭންގުތައް ބޭނުންކުރުމަކީ ކަންބޮޑުވުމެއް"

އެއްބަސްވުމަކާ އެއްގޮތަށް ފައިސާ ނުދެއްކުމުން، އެ ދަރަނި އަނބުރާ ހޯދަން ގޭންގުތައް ބޭނުންކުރަމުންދާ ކަމަށާއި އެއީ ވަރަށް ކަންބޮޑުވާންޖެހޭކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އިފްލާސްވުމާއި އިފްލާސް ކުރުން ނުވަތަ ބޭންކްރަޕްސީގެ ބިލަށް މިއަދުގެ ޖަލްސާގައި ކުރިއަށްދިއަ ބަހުސްގައި ބައެއް މެންބަރުން ވަނީ އެ ބިލުގައި ކުންފުނިތައް ނުހިމެނޭތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ބިލުގައި މައިގަނޑު ގޮތެއްގައި އިފްލާސް ކުރުމަށް ހުށަހަޅާފައި ވަނީ ވަކިވަކި ޝަހުސުންނާއި ސޯލް ޕްރޮޕްރައިޓަރުންނެވެ.

ނަމަވެސް، ކޯޓަކުން ކަނޑައަޅައިފިނަމަ، މި ގާނޫނުގެ ހަމަތަކުގެ ތެރެއިން ކުންފުންޏެއް ވެސް އިފްލާސް ކުރެވިދާނެ ކަމަށް ވަނީ ބަޔާން ކޮށްފައި އެވެ.

މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން، އިއްޔެ ދޯންޏެއްގަތް ގަތް މުއާމަލާތަށް ފަހު އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ ތޫނު ހަތިޔާރާއެކު ދޯންޏަށް އެރި ހާދިސާއަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ މިހާރު އެފަދަ ހާދިސާތައް އާއްމުވެފައިވާ ކަމަށެވެ.

"ދަރަންޏެއް ނުވަތަ ދޭން އޮތް އެއްޗެއް އެއްބަޔަކަށް ހީވެގެން ނުވަތަ ފެނިގެން، ނިންމިގެން، އެ އެއްޗެއް ހޯދުމަށް ގޭންގުތައް ބޭނުންކުރުން. މި އިފްލާސްގެ ގާނޫނުގައި އެބަ އާދޭ އޭޖެންސީ އެއް. ދެން އެ އޭޖެންސީ އަކީ މިހާރު ރާއްޖޭގެ ގޭންގުތަކުގެ ގޮތުގައި ފެންނަމުންދާ ދިއުން އެއީ ކަންބޮޑުވުމެއް. ބޮޑު ކަންބޮޑުވުމެއް،" ނަޝީދު ވިދާޅުވި އެވެ.

ލ. އަތޮޅުން ދޯންޏަށް އެރި، އެ ދޯނި ވިއްކި ފަރާތުން ބުނާ ގޮތުގައި އެ ދޯންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އޭނާގެ އަތުން ބައްލަވައިގަތް ދޯންޏަށް އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ދޯނި ލ. އަތޮޅަށް ވަނުމުން ދޯނި އަނބުރާ ނަގަން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ލާމު އަތޮޅު އެތެރެވަރީން ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް ސާފުކުރި މައުލޫމާތުން އެނގުނު ގޮތުގައި އެ ދޯންޏަށް އަރައި މާރާމާރީއެއް ހިންގާފައި ނުވާ ކަމަށާއި ލ. ގަން ތުނޑިއަށް ކައިރި ކުރަން ދޯންޏަށް އެރި ބަޔަކު އެންގި ކަމަށެވެ.

ބަޔަކު އެ ދޯންޏަށް އެރި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި އެމީހުން އެ ދޯންޏަށް ގެންދިޔަ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް ބުންޏެވެ،

ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި މި ދޯންޏަށް ބަޔަކު އަރާފައި ވަނީ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ ކަމަށެވެ.