ހަބަރު

ޓެކްސީއަށް ގެއްލުންދޭތީ އެދެނީ ދާއިމީ ހައްލަކަށް

މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާގެ ކާރަށް އަނެއްކާވެސް ގެއްލުން ދީފި އެވެ.

ޓެކްސީ އަށް ގެއްލުން ލިބުނު ކަމަށް ބުނެ، އައިމިނަތު މިއަދު ވަނީ ފޭސްބުކްގައި ޕޯސްޓެއް ކޮށްފަ އެވެ. އޭގައި ބުނީ، އޭނާ މިހާރު ޓެކްސީ ކުރަމުންދާ ކާރުު ޑްރަގްކޯޓު ކުރިމަތީ ޕާކް ކޮށްފައި އޮއްވާ ބިއްލޫރިގަނޑު ތަޅާލައިފި ކަމަށެވެ. އަދި މިކަމުގެ ސަބަބުން، އޭނާ ކާންބޯން ކުރާ މަސައްކަތް ހުއްޓި ބޮޑެތި ގެއްލުންވާ ކަމަށެވެ.

"މިކަމުގައި ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންގެ އެހިތެރިކަމާއި އާއްމު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޭނުން"

މިއީ، އޭނާ ޓެކްސީ ކުރަންފެށިތާ ބިއްލޫރިގަނޑު ތަޅާލި ފަސް ވަނަ ފަހަރު ކަމަށްވެސް އައިންތު ކުރި ފޭސްބުކް ޕޯސްޓުގައި ވެ އެވެ. އަދި، ހިއްސާކޮށްފައި ހުރި ފޮޓޯތަކުގައި އެ ސަރަހައްދުގައި ކެމެރާތަކެއް ހުރި ކަމަށާއި، ކާރު ކަރިީ ދެ ގާބުރި އެއްލާފައި އޮތް ކަމަށްވެސް ފާހަގަ ކޮށްފައި ވެ އެވެ. އަދި ގާ އަޅާފައި ހުރި ކޮތަޅެއްގެ ފޮޓޯވެސް ވަނީ ފޭސްބުކްގައި ޝެއާކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ތޮއިބާ މިސްކިތް ކައިރީ ޕާކް ކޮށްފައި އޮތް ޓެކްސީއެއްގެ ވިންޑްސްކްރީން ތަޅާލައި ގެއްލުންދީފައިވާ މައްސަލަ ރޭ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި ފުލުހުން މިހާރު މި މައްސަލަ ބަލާ ކަމަށެވެ.

އައިމިނަތު ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރެވެ. މިދިޔަ އަހަރު އޮކްޓޯބަރުގައިވެސް އެ ޓެކްސީ އަށް ގެއްލުންދީގެން ރިޕޯޓު ކުރި އެވެ.